ބަރަކާތްތެރި ރަމަޟާން މަސް އަލްވަދާޢު ކިޔުމަށް މިވަނީ ދާދިގާތް ވެފައެވެ. ކީރިތި މާތް ﷲ ގެ ފުއްސެވުމާ ރުއްސެވުން އެދި އެކަލާނގެއަށް ކުއްތަންވެ ހެޔޮ ޢަމަލުތަކުގައި މަސްއޫލުވެ އުޅުނު އަޅުންނަށް ހެޔޮ ރަޙުމަށް ލައްވާށިއެވެ. މިފަދަ މައްސަރެއް ނިމިގެންދާއިރު ވިސްނުމުގައި ބަހައްޓަންޖެހޭ އެންމެ މުހިންމު ކަމަކީ، މިމަހުގައި ތިމާގެ އުޅުމަށް ގެނެވުނު ހެޔޮ ބަދަލުގެ މަތީގައި ދެމިހުރުމަށް ޢަޒުމު ކަނޑައެޅުމަށެވެ.
ރޭގަނޑާއި ދުވާލުގެ ވަގުތުތައް ހޭދަކުރެވުނު ހެޔޮ ގޮތުގައި ބާކީ އޮތް 11 މަސް ދުވަސް ހޭދަކުރުމަށް ގަދައަޅައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދައި އެގޮތުގައި ދެމިހުރުމަށެވެ.
މިގޮތުން ތިރީގައި މިފާހަގަ ކޮށްލަނީ ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބުމަށް އެހީވެދޭނެ ބައެއް ކަންތައްތަކެވެ. އުންމީދަކީ އަޅުގަނޑަށާއި ތިޔަ ބޭފުޅުންނަށް މީގެން ފައިދާއެއް ކުރުމެވެ.
ރަމަޟާން މަހުގައި ނުބައި ވަސްވާދޭ ޝައިތާނުންތައްވަނީ ކަސްތޮޅު އެޅުވިފައެވެ. އެއާއެކު، މުސްލިމުންގެ ހިތްތަކުގައި އީމާންކަމުގެ ނޫރު ތާޒާވެ، ހެޔޮ ޢަމަލުތައް ކުރުމަށް ޖޯޝާއި ޝަޢުގުވެރިކަން އުތުރިގެންދެއެވެ. ފާއިތުވީ މަސްތަކުގައި އުޅުނު ނުބައި އާދަތަކާއި ދުރުހެލިވުމަށް ފަސޭހަވެގެން ދެއެވެ. ނަމަވެސް، ރަމަޟާން މަސް ނިމުމުން، އަހަރެމެންގެ ކުރީގެ އުޅުމަށް ބަދަލުވެގެން ދެއެވެ.
ވުމާއެކު، ރަމަޟާން މަހުގައި ތިމާގެ އުޅުމަށް ގެނެވުނު ރަނގަޅު ހެޔޮގޮތުގައި ސާބިތުވެ ހުރުމަށް އެދި ގިނަގިނައިން ޢާލަމްތަކުގެ ވެރި މާތް ﷲ ގެ ހަޟްރަތުގައި ދެންނެވުން ވަރަށް މުހިންމެވެ. އެކަލާނގެ މަދަދާއި ޢިނާޔަތާ އެކުގައި މެނުވީ އަޅަމެންނަށް އެއްވެސް ކަމެއް ރަނގަޅު ގޮތުގައި ނުކުރެވޭ ހައްދަވައި ގެންގުޅުއްވާ މާތް ﷲ އަށް އަތްތައް އުފުލާ ސާބިތަކަން ދެއްވުމަށް ދުޢާ ކުރާށެވެ. ޝައިތާނާގެ މަޅިން ސަލާމަތްވެ ހުރެވޭނީ އޭރުންނެވެ.
ރަމަޟާން މަހުގައި ތިމާ ހެޔޮ ޢަމަލުތަކުގައި ދެމިހުރުމަށް އެހީވެދޭ އެއްކަމަކީ، އެމަހުގައި ތިމާގެ ކެއުން ބުއިމަށް ގެނެވޭ ބޮޑު ބަދަލެވެ. ކަންނެތްކަމާ ދުރުހެލިކޮށްދެއެވެ. ލޮޑުކަމާ ބަރުހަލިކަމުގެ އަސަރުތައް ނެތިދެއެވެ. ނަތީޖާއަކީ ރޫޙާނީގޮތުން ހެޔޮ ކަންކަމަށް ތިމާއަށް ހިތްވަރުދީ ހަކަތަ އިތުރުކޮށްދިނުމެވެ. އެކަމަށް މަގުފަހިކޮށްދީ މުރާލި ކޮށްދިނުމެވެ.
އެއާ ޚިލާފަށް، އެހެން މަސްތަކުގައި އަޅުގަނޑުމެންގެ ކެއުންބުއިމުގެ އާދަތައް ހުންނަގޮތުން، ކަންނެތްކަމާ، ވަރުބަލިކަން އިތުރުވެ، ކަންކަމުގައި ހަރަކާތްތެރިވެ އުޅުމަށް ދަތިވެއެވެ. ފޫހިކުރުވައެވެ. ވީމާ، ރަމަޟާން މަހަށް ފަހުގައިވެސް، ކެއުންބުއިމުގެ އާދަތައް ސިއްޙީގޮތުން އެންމެ އެކަށޭނެ ގޮތުގައި ހިފެހެއްޓުމީ، ތިމާ ބޭނުންވާ ކަންކަމުގައި މަސްއޫލުވެ އުޅުމަށް ލުއިފަސޭހަކަން ލިބޭނެ ކަމެކެވެ.
މާތް ﷲ އަށް ޒިކުރުކުރުމަކީ އެތައް ފައިދާތަކެއް އޭގެން ހާސިލުވާ ހެޔޮ އަޅުކަމެކެވެ. ތިމާ ހެއްދެވި ފަރާތާއި އޮންނަ ގުޅުން ދަމަހައްޓައިދޭ މެދުވެރިއެކެވެ. އޭގެ ސަބަބުން ތިމާއަށް ނުބައި ވަސްވާދޭ ޝައިތާނާއާއި ދުރުހެލިކޮށްދޭ ފަރުދާއެކެވެ. މާތް ﷲ ހަނދުމަކޮށް ޒިކުރުކުރުމަކީ ތިމާގެ ކަންކަން ހަމަ މަގަށް އެޅި ދުނިޔެއާ އާޚިރަތް ބާއްޖަވެރި ކުރުވުމުގައި އެހީތެރިވެދޭ ކަމެކެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛
"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"