ކުޅުދުއްފުށީގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމުގައިވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި އަތޮޅުގެ ހަތަރު ޓީމަކުން ބައިވެރިވެއްޖެ އެވެ. މި ހަތަރު ޓީމުންވެސް މުބާރާތުގައި ބައިވެރިވީ، ބައިވެރިވުމުގެ ދައުވަތު ސިޓީ ކައުންސިލުން ދީގެންނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ރަނަރަޕު ޓީމަށް ހުށަހެޅިފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިދިޔަ 2022 ވަނަ އަހަރު ބާއްވަން ފެށި މިމުބާރާތަކީ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށް ހާއްސަކޮށް ބާއްވާ މުބާރާތެއް ނަމަވެސް، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށާއި އަދި ކުޅުދުއްފުށީގައި ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި އަވައްޓެރި ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކައިރި ރަށްރަށުގެ ޖަމިއްޔާތަކަށް ދައުވަތުދީގެން ބައިވެރިވީ ނޮޅިވަރަމުގެ ކުލަބު ހުވާސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބެވެ.
ޖުމްލަ 8 ޓިމަކަށް ފުރުސަތު ލިބޭ ގޮތަށް މުބާރާތުގައި ބައިވެރިވުމަށް ކުޅުދުއްފުށީގެ ކުލަބު/ޖަމިއްޔާތަކަށް ހުޅުވާލި މުއްދަތު ހަމަވިއިރު ބައިވެރިވެފައިވަނީ ހަތަރު ޖަމިއްޔާއަކުންނެވެ. އެއީ ކުލަބް ކޮރަލްސް އާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް، ހިރަފުސް ސްޕޯޓްސް ކުލަބު އަދި މާއްޓޭ ސްޕޯޓްސް ނެވެ.
މިއަހަރުގެ މުބާރާތް ފަށަން ތާވަލުކޮށްފައިވަނީ ޖޫންމަހުގެ ތިންވަނަ ދުވަހު އެވެ. މުބާރާތް ކުޅެވޭނީ ކަޕް ފޯމެޓަށެވެ. އަދި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި 5 ޓީމަށް ވުރެ ގިނަވެއްޖެނަމަ މުބާރާތް ކުޅޭނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ މެޗަކުންވެސް މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު އެއްވަރުވެއްޖެނަމަ ދެޓީމަށް ވެސް 1 ޕޮއިންޓް ލިބޭނެ އެވެ. އަދި ބަލިވެއްޖަނަމަ އެއްވެސް ޕޮއިންޓެއް ނުލިބޭނެ އެވެ.
މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށް ދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިން ދުރުކޮށް ރަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.