އުންމީދަކީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުން ކަމުގައި އެ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވެއްޖެ އެވެ.
ޕްރިންސިޕަލް ނާސިހާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެ ސްކޫލުގެ 2021-2022 ވަނަ އަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނާސިހާ ވިދާޅުވީ އެ ސްކޫލުގެ އުންމީދުތައް ގުޅިފައިވާ އާ އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި އެ އިމާރާތް ނިމުމާއެކު އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށޭނެ ކަމަށެވެ.
އަދި އާ އިމާރާތް ނިމުމާއެކު މިހާރު ދެ ދަންފަޅިއަށް ކިޔަވާދެމުން އަންނަ އެ ސްކޫލުގައި އެއް ދަންފަޅިޔަށް ކިޔަވާދޭން ފެށޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މިރޭ އަޅުގަނޑަށް މި އޮތީ އަޅުގަނޑުމެން ކުރާ އުންމީދުތަކުގެ ވާހަކަ ދަންނަވާލުން. އަޅުގަނޑު މި ސްކޫލުން ކުރާ އަނެއް ބޮޑު އުންމީދަކީ އިރާދަކުރެއްވިއްޔާ އާ އިމާރާތާއެކީގައި އަޅުގަނޑުމެން އޭލެވެލްއަށް ކިޔަވަދޭން ފެށުން. މި ސްކޫލަކީވެސް އޭލެވެލްއަށް ކިޔަވަދޭން ޖެހޭ ސްކޫލެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަގައިމުންވެސް ބަލަން" ނާސިހާ ވިދާޅުވި އެވެ.
މީގެ އިތުރުން ނާސިހާ ވިދާޅުވީ މިއީ ހުރިހާ ބެލެނިވެރިންނާއި ދަރިވަރުންގެވެސް އުންމީދުކަމުގަ އެވެ. އެސްކޫލުގައި މިއަހަރު 1000 އަށްވުރެއްގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުން ދެ އެވެ.
މިހާރު ކުޅުދުއްފުށީގައި އޭލެވެލްއަށް ކިޔަވާދެމުން އަންނަނީ ހަމައެކަނި ޖަލާލުއްދީން ސްކޫލުގަ އެވެ.