twitterviber whatsapp telegramfacebookyoutube instagram
1st May 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖެހުނީ ގަދަ ހިތްވަރާ ބުރަ މަސައްކަތުން

ނަބީލާ އިސްމާޢީލް
Jun 4, 2023

ސްކޫލުގެ އެއްވަނަ ދަރިވަރުގެ ގޮތުގައި ސްޓޭޖް މައްޗަށް އަރައި އޭނާ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކިޔާދިނީ ކަމެއް ކާމިޔާބުކުރުމަށް އެންމެ ފުރަތަމަ ހަރުފަތަކީ ދެކޭ ފޮނި ހުވަފެން ތަކެއް ކަމަށާއި އެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކުރާ ބުރަ މަސައްކަތްތައް ކަމަށެވެ.

ހަނާން ބުނީ އެންމެ ތުއްތުއިރުން ފެށިގެންވެސް އޭނާ އަކީ ކުރާ މާބޮޑު ކަމަކާނުލާ ކާމިޔާބީތައް ލިބެމުންދިޔަ ކުއްޖެއް ކަމުން މާބުރަކޮށް ކިޔަވަން އުޅެން ޖެހޭކަން އެއިރު ގަބޫލެއް ނުކުރެވޭ ކަމަށެވެ. މަންމައާއި ބައްޕަ ގަދަކަމުން ކިޔަވާދޭތީ އެއީ އެކަން އޮންނަންޖެހޭކަން ގަބޫލުކުރެވުނު ނަމަވެސް އޭރުވެސް ދެކެމުންއައީ އާދައިގެ ހުވަފެންތަކެއް ނޫންކަމަށް ކިޔާދެމުން އޭނާ ބުނީ ދޮންތަ ކަހަލަ ކާމިޔާބު ކުއްޖަކަށްވުމަކީ އެންމެ ތުއްތުއިރުންފެށިގެންވެސް ކުރަމުންއައި އުންމީދެއް ކަމަށެވެ.

"ސްކޫލްގެ ކެޕްޓަން ކަމާއި ނެޝަނަލް ޓޮޕް ޓެންއަށް އެރުމާއި ސްކޫލްގެ ބެސްޓް އޯލްރައުންޑް ހާސިލް ކުރުމަކީ ދެކުނު ހުވަފެނެއް. އެހެން ކަމުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ވަރަށްބޮޑު އިސްކަމެއް ދިނިން." ހަނާން ކިޔާދިނެވެ.

ޤުރުއާން މުބާރާތްތަކާއި އިތުރު ހަރަކާތްތަކުން ރަން ވަނަތައް ހޯދިދައި ކުޅިވަރަށް މޮޅު ނޫންކަން އެންގޭއިރު ވެސް ނެޓްބޯޅަ ކުޅެވޭތޯ މަސައްކަތް ކޮށް ހައުސް ޓީމުގައި ހިމެނޭވަރު ކުރިއެވެ. ގާލްގައިޑްގައި ބައިވެރިވެ ސްކޫލުން ފަހިކޮށްދިން ކޮންމެކަމެއްވެސް އެންމެ އެދެވޭގޮތެއްގައި ކުރި އެވެ.

ހަނާން ބުނީ، ގުރޭޑް 8ގައި، ސްޓްރީމް ނެގި ހިސާބުން ކިޔެވުމާމެދު ސީރިއަސްވާންޖެހޭ ކަމަށް ގަބޫލު ކުރެވުނު ކަމަށާއި ގުރޭޑް ނުވައެއް ފެށީ ވަރަށް ކިކްގައި ކަމަށެވެ. ގުރޭޑް 10 އަކަށް ކުރިމަތިލީ ވަރަށް ވަރުގަދަ އަޒުމެއްގައި އިތުރު ޓާޖެޓް ތަކެއް ކަނޑައަޅައިގެން ކަމަށެވެ.

"އެހެންނަމަވެސް ދަތުރަށްފަށާ މާކަނޑަށް ނުކުތުމާއެކު ކަނޑުމަތި ބަނަވެއްޖެ، ދާންވީ މިސްރާބު ވަކިނުވާވަރަށް ވިލާ ބޯވެއްޖެ، ކަނޑުމަތިއަޅާ ތަންދޮރު ވަކިނުވާވަރު ވެއްޖެ. އަޅުގަނޑަށް ގޮތްހުސްވުމާ ގާތަށް ދެވުން. ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ބިންދާލި ބޮޑެތި ރާޅުތަކުގެ ހޮޅި ދަށުވެ. ގަރަގުނުވީ ކިރިޔާ. އެހެން ނަމަވެސް ﷲގެ ތަނަވަސް ރަހުމަތާ އަޅުގަނޑުގެ މަންމައާއި ބައްޕަގެ ބުރަމަސައްކަތާ ޕްރިންސިޕަލާއި ޓީޗަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު ގަދަ ކޮޅިގަނޑުން ސަލާމަތްވެ މިސްރާބު ސީދާ ކުރިން." އޭނާ ކިޔާދިނެވެ.

"
އެހެންނަމަވެސް ދަތުރަށްފަށާ މާކަނޑަށް ނުކުތުމާއެކު ކަނޑުމަތި ބަނަވެއްޖެ، ދާންވީ މިސްރާބު ވަކިނުވާވަރަށް ވިލާ ބޯވެއްޖެ، ކަނޑުމަތިއަޅާ ތަންދޮރު ވަކިނުވާވަރު ވެއްޖެ. އަޅުގަނޑަށް ގޮތްހުސްވުމާ ގާތަށް ދެވުން. ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ބިންދާލި ބޮޑެތި ރާޅުތަކުގެ ހޮޅި ދަށުވެ. ގަރަގުނުވީ ކިރިޔާ. އެހެން ނަމަވެސް ﷲގެ ތަނަވަސް ރަހުމަތާ އަޅުގަނޑުގެ މަންމައާއި ބައްޕަގެ ބުރަމަސައްކަތާ ޕްރިންސިޕަލާއި ޓީޗަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު ގަދަކޮޅިގަނޑުން ސަލާމަތްވެ މިސްރާބު ސީދާ ކުރިން.
އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރު

ހުރިހާ ޓާގެޓެއް ހާސިލް ނުވިޔަސް ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖެހިގެން ހިނގައްޖެކަން ފާހަގަކޮށް ހަނާން ބުނީ މި ދަތުރުން ޔަގީވިކަމަކީ ކަމެއް ކާމިޔާބުކުރުމަށް އެންމެ ފުރަތަމަ ހަރުފަތަކީ ދެކޭ ފޮނި ހުވަފެން ތަކެއްކަމަށާއި އެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކުރާ ބުރަ މަސައްކަތްތައްކަމަށެވެ. އެއިރުން ކުރިމަތިވާ އެއްވެސް ހުރަހަކުން ދިމާވާ ގޮންޖެހުމަކުން ފަހަތައް ޖެހުމުގެ ވިސްނުމެއް ނާނާނެ ކަމަށް އޭނާ ކިޔާދިނެވެ. އަދި ﷲގެ ރަހުމަތާއެކު ގިރާނުކުރެވޭނެ ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ. ބޭނުންވަނީ ހިތްވަރެއް ކަމަށެވެ.

ސިއްހީ އަދި ނަފުސާނީ އެތައް މައްސަލަތެއްގެ ތެރޭގައި އުޅެންޖެހި އެއިން ސަލާމަތް ވުމަށް އެތައް މަސައްކަތެއް ކުރި ކަމަށް ހަނާން ކިޔާދިނެވެ. ހަނާން ބުނީ ދިމާވި ހުރިހާ ހާލަތެއްގައިވެސް އަފީފުއްދީން ސްކޫލުން ވެދެއްވީ ބޮޑު އެހީތެރިކަމެއް ކަމަށެވެ. ހުރިހާ ހާލަތްތަކެއްގައި ވެސް އަތް ދިއްކޮށްލީ ސްކޫލުންކަމަށެވެ.

"ހުރިހާ ހާލަތެއްގައި ވެސް ޕްރިންސިޕަލް ސަޕޯޓް ދެއްވި. އަޅުގަނޑަށް އައި ކޮންމެ ބަދަލެއް. އަޅުގަނޑަށް އެނގުމުގެ ކުރިން ޕްރިންސިޕަލަށް އެނގިލައްވާ. އެ ބަދަލުތަކާ ގުޅޭ ގޮތުން އެކުވެރިއެއް ފަދައިން ވާހަކަ ދައްކަވާ. މަންމައެއް ފަދައިން ނަސޭހަތް ދެއްވާ. އަޅުގަނޑު ދާންވީ މަގުދައްކަވާ އަޅުގަނޑުގެ ޓާގެޓްތައް ހަނދާންކޮށް ދެއްވާ. މިއީ ކުޅަދާނަ ޕްރިންސިޕަލަކަށް ނޫނީ ނުވާނެ ކަމެއް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ކާމިޔާބީގައި މެޑަމްގެ ހިއްސާ ވަރަށް ބޮޑޭ" ހަނާން ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ.

ހަނާންގެ ޝުކުރުގެ ލިސްޓަށް ސްކޫލްގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން އަމުނާލި އެވެ. ހާއްސަ ގޮތެއްގައި ކިޔަވާދެއްވި ޓީޗަރުންނާއި ލީޑިން ޓީޗަރާއި ކައުސެލިން ދެއްވި ފަރާތްތައް ފާހަގަ ކުރެއްވި އެވެ. ތައުލީމީ ހަޔާތުގައި ވަރަށްވެސް އެކުވެރިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކޮށް އޭނާއާއެކު ތިބި ހުރިހާ އެކުވެރިންނަށް ޝުކުރު އަދާކޮށް އާއިލާގެ ވަކިވަކި މެމްބަރުންނަށްވެސް ޝުކުރު އަދާކުރި އެވެ.

އެންމެ ހިތްދަތި އުނދަގޫ ހާލަތުގައި އަބަދުވެސް އޭނާގެ ކައިރީގައި ތިބީ މަންމައާއި ބައްޕަ ކަމަށާއި އެ ދެ މީހުންނަށް ޝުކުރުއަދާކުރަން ފަށަންވީ ހިސާބެއް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އެއީ ދަރިއަކަށް ލިބޭނެ އެންމެ ރަނގަޅު މަންމައާއި ބައްޕަ. ކޮންމެ ހާލަތެއްގައި ވާހަކަ އަޑުއަހައި އެހީތެރިކަންދޭ. އަޅުގަނޑަށް ދިމާވި ކަންތައްތަކުގައި ވިސްނުންތެރި ކަމާއެކު އަމަލު ނުކުރިނަމަ މިއަދު މިތަނުގައި ހުރީހީ އަޅުގަނޑެއް ނޫން. މިއީ މަންމައާއި ބައްޕައަށް ދޭ ރަމްޒީ ކުޑަކުޑަ ހަދިޔާއެއް" ހަނާން ކިޔާދިނެވެ.

އޭނާއަށް ރީތި ހުވަފެންތައް ދެކެން ދަސްކޮށް ދިނީ މަންމައާއި ބައްޕަ ކަމަށާއި އެ ހުވަފެންތަކުގައި ކުލަޖައްސަން ކުރަންޖެހޭ މަސައްކަތް އަބަދާއަބަދު ހަނދާންކޮށް ދެނީ ވެސް މަންމައާއި ބައްޕަ ކަމަށެވެ. ދިމާވާ ހުރިހާ ހުރަހެއް ގިރާކުރެވެންދެން އަތުން ދޫކޮށްނުލާ ތިބެނީވެސް މަންމައާއި ބައްޕަ ކަމަށް ހަނާން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355