twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޒިންމާދާރުކަމާއެކީ ކުރާ ހިތުން މަސައްކަތްކުރާ މާހައުލެއް އުފައްދައިދޭނަން: މުއިއްޒު

ނަބީލާ އިސްމާޢީލް
Sep 17, 2023
2

އޭނާގެ ވެރިކަމެއްގައި، ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކީ ކުރާ ހިތުން މަސައްކަތްކުރާ މާހައުލެއް އުފައްދާނެ ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހދ ނޮޅިވަރަންފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކީ ކުރާ ހިތުން މަސައްކަތްކުރާ މާހައުލެއް އުފައްދާނެކަމަށާއި އެހެން ނޫންނަމަ ހަގީގީ މާނައިގައި ގައުމު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިހާރު މުވައްޒަފުންނަށް މަސައްކަތުގެ މާހައުލު އޮންނަ ގޮތުން އެއްވެސް ހިތްހަމަޖެހުމެއް ނޯންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ ކަމުގެ ސަބަބުން މޯޓިވޭޝަން ގެއްލި ވަޒީފާ ދޫކޮށްލާ މީހުން ވެސް ގިނަކަމަށާއި ވޯކް އެތިކްސް ވެސް ދަށްވާ ސަބަބަކީ އެއީކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑުކުރާ ވާހަކަ ވިދާޅުވުމުން ބައެއް މީހުންނަށް އެ ކަން ކުރާނެ ގޮތް އޮޅިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ފުރަތަމަ އަހަރުގައި މުސާރަ ދެގުނައަށް ބޮޑުކުރާ ވާހަކަ ނޫންކަމަށާއި އެކި އަހަރުތަކަށް ބަހައިލައިގެން ކަމަށެވެ. އެ ގޮތުން ބޮޑުކުރާނީ 2024ވަނަ އަހަރު 35 އިންސައްތަ، 2026 ވަނަ އަހަރު 35 އިންސައްތަ އަދި 2028 ވަނަ އަހަރު 30 އިންސައްތަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ ވެރިކަމެއްގައި މުސާރަ ބޮޑުކުރާނީ ހަމައެކަނި ފުލުހުންނާއި ސިފައިންނަށް ނޫން ކަމަށާއި އެހެން ހުރިހާ ދާއިރާއެއްގެ މުވައްޒަފުންނަކީ ވެސް ވަރަށް މުހިންމު ބައެއްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

"އޭގެ ތެރޭގައި ކަސްޓަމްސް ވިޔަސް، ކަރެކްޝަންސް ވިޔަސް، އިމިގްރޭޝަން ކަމަށް ވިޔަސް ހުރިހާ ޔުނީފޯމް ބޮޑީތައް ވެސް އޭގެ ތެރޭގައި ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ މުވައްޒަފުން ވެސް ހިމެނޭ ގޮތަށް، ޓީޗަރުން ނަރުހުން އަދި ހެލްތު ސާވިސް ވެސް ހިމެނޭ ގޮތަށް މި ހުރިހާ ސެކްޓާއެއްގައި ހިމެނޭ އެންމެންނަކީ މި ގައުމު ކުރިއަށް ގެންދިއުމުގައި، އޭރަކު އޮންނަ ސަރުކާރަކުން ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކޮށްދީގެން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހަގީގީ މަސައްކަތް ކުރާ ފަރާތް،" މުއިއްޒު ވިދާޅުވިއެވެ.

ހުރިހާ ދާއިރާއެއްގެ މުވައްޒަފުންނަށް ވެސް މުސާރައިގެ ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އޭގެ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355