މަތީ ތައުލީމު ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖުން ވެށި ސާފު ކުރުމުގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފި އެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފެށި ސާފުކުރުމުގެ ހަރަކާތަކީ މެޕްސް ކޮލެޖަށް 25 އަހަރު ފުރޭ ރިހިޔޫބީލްއަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. އިއްޔެ ހަވީރު 4:00 އިން ފެށިގެން އިރު އޮއްސި 6:00 އާ ހަމައަށް ކުރިއަށްދިޔަ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ދިޔައީ މެޕްސް ކޮލެޖުގައި ކިޔަވާ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ޓީމުތަކަކަށް ބަހާލައިގެން ވަރަށް ވާދަވެރި ގޮތަކަށެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ޕާކް ސަރަހައްދުން ފެށިގެން އެ ސަރަހައްދުގައި ހިމެނޭ ޕާކިންގް ޒޯންތަކާއެކު ވަރަށް ބޮޑު ސަރަހައްދެއް މި ޓީމުތަކުން ސާފުކޮށްފައިވާއިރު ޖުމްލަ 300 ކިލޯގެ އެކި ވައްތަރުގެ ކުނި ވަނީ އެއްކޮށްފަ އެވެ. ސާފުކުރުމަށް ބޭއްވުނު ފޯރިގަދަ ހަރަކާތުގައި އެންމެ ގިނަ ބަރުދަން ހުރި ކުނި އެއްކުރި ޓީމުގެގޮތުގައި ހޮވިފައިވަނީ ޓީމް 'ނީޓް ނައިޓްސް'އެވެ.
މި ޓީމުގެ ކޮންމެ މެމްބަރަކަށް އިވެންޓުގެ ސްޕޮންސަރ މޫދު ހޮލިޑޭސްގެ ފަރާތުން ހަދިޔާއެއްގެގޮތުގައި 75 ޑޮލަރުގެ ވައުޗާއެއްވަނީ ލިބިފައެވެ. މޫދު ހޮލިޑޭސްގެ ހެޔޮ އެދުންތަކާއެކު ހަދިޔާކުރި މި ވައުޗާ ބޭނުންކޮށްގެން އެއްވަނައަށް ދިޔަ ގްރޫޕުގެ ކޮންމެ މެމްބަރަކަށްވެސް އެ ކުންފުނިން ހިންގާ ފަތުރުވެރިކަމާ ގުޅުންހުރި ކޮންމެ ޕެކޭޖެއްގެ ހިދުމަތްވެސް ހޯދޭނެއެވެ. މޫދު ހޮލިޑޭސްއަކީ ރާއްޖޭގެ ހިތްގައިމު ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ތަފާތު އެކި މަންޒިލްތަކުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދޭ އެޖެންސީއެކެވެ.
މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ މެޕްސް ކޮލެޖަށް 25 އަހަރު ފުރޭ ރިހިޔޫބީލްއާ ދިމާކޮށް އެ ކޮލެޖުން ވަރަށް ހާއްސަ ހަރަކާތްތަކެއް މުޅި އަހަރުތެރޭ ހިންގުމަށްވަނީ ރޭވިފައެވެ. އެގޮތުން ވަކި ހާއްސަ ކައުންޓްޑައުންއެއް ފެށިފައިވާއިރު އަންނަ އަހަރުގެ ޖުލައިމަހުގެ 25 އާ ހަމައަށް ކޮންމެ މަހަކުވެސް ރިހިޔޫބީލްއަށް ހާއްސަ ކުރެވިގެން ހަރަކާތެއް ކުރިއަށްދާނެކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެ އެވެ.
އިއްޔެ ކުރިއަށްދިޔަ ސާފުކުރުމުގެ ހާއްސަ ޙަރަކާތް އިންތިޒާމްކުރުމުގެ މައިގަނޑު މަގުސަދަކީ، މި ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ސާފުތާހިރު ވެއްޓެއް ގާއިމުކުރުމަށް އާއްމުން ހޭލުންތެރިކުރުވުމެވެ. އެގޮތުން ދަރިވަރުން އިޖުތިމާއީ ކަންކަމުގައި މަޝްއޫލުވެ އުޅޭ މިންވަރު އިތުރުކުރުވުމަކީވެސް މި ހަރަކާތް ހިންގުމުގެ އެންމެ މުހިއްމު އެއް މަގުސަދެވެ.
ގިނަ އަދަދެއްގެ ދަރިވަރުންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. އަތޮޅުތެރޭ ދިރިއުޅޭ ގިނަ ދަރިވަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް މެޕްސް ކޮލެޖުން ހޯދާފައިވާއިރު އެ ކޮލެޖުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތައުލީމު ދިނުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
އެގޮތުން ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަސް ޑިގްރީގެ ކޯސްތަކާ ހަމައަށް މެޕްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށްވަނީ ހުޅުވާލެވިފައެވެ. މެޕްސް ކޮލެޖުން ހިންގާ ބެޗެލަސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދޭ "ބެޗެލަސް ޑިގްރީ ސްކީމް"ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ. މީގެ އިތުރުން މުޅި ދުނިޔެ ގަބޫލުކުރާ އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ކޯސްތަކާއެކު އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތައްވެސް މެޕްސް ކޮލެޖުގައި ހިންގައެވެ. މި ކޯސްތަކާބެހޭ މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް (ވެބް ސައިޓް ނަން) މެދުވެރިކޮށް އާއްމުންނަށް ލިބޭނެއެވެ.