twitterviber whatsapp telegramfacebookyoutube instagram
1st May 2024

އިޒްރޭލާ ދެކޮޅަށް އަޑުއުފުލުމަށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
Oct 26, 2023
1

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން ކުޅުދުއްފުށީގައި މާދަމާ ވެހިކަލް ބުރެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ފަލަސްތީނާ ދެކޮޅަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މުޅި ދުނިޔޭގައި އަޑުއުފުލަމުންދާއިރު ރާއްޖޭގައިވެސް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑްރައިޒިންގެ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

އެގޮތުން ކުޅުދުއްފުށީގައިވެސް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. ފަންޑްރައިޒް ހަރަކާތްތަކުގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް ހިންގާލުމެއްވެސް މިދިޔަ ހުކުރުދުވަހު ބޭއްވި އެވެ. އެ ހަރަކާތުގައި ކުދި ބޮޑު ގިނަ ބަޔަކުވެސް ބައިވެރިވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް މާދަމާ ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ވެހިކަލް ބުރު ފެށޭނީ މާދަމާ ހަވީރު 4:00 ބަންޑާރަމައިދާނުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 6000 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 15,000 އަށްވުރެ އިތުރުވެފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355