twitterviber whatsapp telegramfacebookyoutube instagram
8th September 2024

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Jun 2, 2024

އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކާ ގާނޫނުތަކަށް ގެންނަ ޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރަން އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާ ވެސް އަވަހަށް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެކަން އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލައިފައެވެ. އެ ކޮމިޓީގައި ހިމެނެނީ:

- ހޯމް މިނިސްޓަރު އިހުސާން-

- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

- ބަންޑާރަނައިބު އަހުމަދު އުޝާމް

- އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު

- ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

- ފޮރިން މިނިސްޓަރު މޫސާ ޒަމީރު

މީގެ އިތުރުން، މިއަދު ވަޒީރުންގެ މަޖިލީހުގައި ވަނީ ފަލަސްތީނުގެ މައްސަލައާ ގުޅުންހުރި މުހިންމު އިތުރު ހަތަރު ކަމެއް ވެސް ނިންމައިފައެވެ. އެއީ،

- ފަލަސްތީނުން ރާއްޖޭގެ ފަރާތުން އެދޭ ކަންކަން ދެނެގަންނަން ރައީސްގެ ހާއްސަ އެންވޯއީއެއް ކަނޑައެޅުން

- ޔޫއެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުން

- "ފަލަސްތީނާ އެކު ދިވެހީން" ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުން

- ރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ވީހާ ވެސް އަވަހަކަށް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކަމަށެވެ. އެހެންވެ، މާ ލަސްތަކެއް ނުވެ، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އިޒްރޭލު ޕާސްޕޯޓު މަނާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާނުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އިހްތިޖާޖުތައް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355