twitterviber whatsapp telegramfacebookyoutube instagram
27th July 2024

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ އަބްދުއްރަހީމް އައްޔަންކުރައްވައިފި

ނަބީލާ އިސްމާޢީލް
Nov 18, 2023

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް މިއަދު އައްޔަންކުރައްވައިފިއެވެ.

އަބްދުއްރަހީމަށް މަގާމަށް އައްޔަންކުރައްވައި އޭނާގެ މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިރޭ ރައީސް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ.

މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރެއްވުމަށްފަހު އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ވަނަ އަހަރު އެވެ.

ސިފައިންގެ އެންމެ އާދައިގެ ވަޒީފާތަކުން އަސްކަރީ ހިދުމަތް ފެއްޓެވި އަބްދުއްރަހީމް ވަނީ ރާއްޖޭގެ ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ޑިގުރީ ހާސިލު ކުރައްވާފައެވެ. މީގެ އިތުރުން، ޕާކިސްތާނުގެ އެމްއެންޑީއެފް އެންސީއޯ ކެޑޭ ކޯހާއި ސިގްނަލްސް ޔަންގް އޮފިސާ އަދި މީޑް ކެރިއާ ކޯހާއި އިންޑިއާގެ ކޮލެޖް އޮފް ޑިފެންސް މެނޭޖްމަންޓްގެ ޑިފެންސް މެނޭޖްމަންޓް ކޯސް ފަދަ ތަފާތު ތަމްރީނުތައް އޭނާ ވަނީ ފުރިހަމަ ކުރައްވައިފައެވެ.

އަބްދުއްރަހީމްގެ އަސްކަރީ ހިދުމަތުގައި އޭނާ އަށް ވަނީ 17 އަށް ވުރެ ގިނަ ސާވިސް މެޑަލް އާއި ރިބަން ލިބިވަޑައިގެންފަ އެވެ. މީގެތެރޭގައި ރިޔާސީ މެޑަލް، ޑިސްޓިންގިޝްޑް ސާވިސް މެޑަލް، ލޯންގް ސާވިސް މެޑަލް، ޑެޑިކޭޓެޑް ސާވިސް މެޑަލް، ޑިފެންސް ފޯސް ސާވިސް މެޑަލް، ގުޑް ކޮންޑަކްޓް މެޑަލް، 3 ނޮވެމްބަރުގެ މެޑަލް އަދި ސެންޓެނަރީ މެޑަލް ހިމެނެ އެވެ.

މޭޖަ ޖެނަރަލް އަބްދުއްރަހީމް ވަނީ ޑިފެންސް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް ފޯސްގެ އެޕެކްސް އެޑްވައިޒަރީ ކައުންސިލް ހިމެނޭ ގޮތަށް އެމްއެންޑީއެފްގެ ފާހަގަކޮށްލެވޭ ގިނަ ބޯޑުތަކަކާއި ކޮމިޓީތަކެއްގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އަދި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އެމްއެންޑީއެފްގެ އޮފިޝަލް ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355