twitterviber whatsapp telegramfacebookyoutube instagram
28th April 2024

ބޭރު އެއްވެސް ގައުމެއްގެ ސިފައިން ނެތް ތަނަކަށް ރާއްޖެ ހަދާނަން: ރައީސް

ނަބީލާ އިސްމާޢީލް
Nov 18, 2023

ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެކަމަށާއި، ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން، ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. މި ތަޤުރީރު ދެއްވާފައި ވަނީ އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެހެންކަމުން، ދިވެހި ގައުމަށާއި، ރައްޔިތުންނަށް ވުރެ ބޮޑަށް އެމަނިކުފާނު އެހެން އެއްވެސް ގައުމަކަށް އިސްކަން ނުދެއްވާނެކަން ވަނީ ހާމަކުރައްވާފައެވެ. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ގައުމުތަކަށްވެސް އިހުތިރާމްކުރައްވާނެ ކަމަށާއި، ގައުމުތަކާއެކު ރަހުމަތްތެރި ގުޅުން ވެސް ބާއްވަވާނެ ކަމުގައެވެ. އަދި އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ އިމަށް، ދިވެހި ދައުލަތުން ފުރިހަމަޔަށް އިހުތިރާމް ކުރައްވާނެކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަމަ މިފަދައިން ދިވެހި ދައުލަތުގެ ސިޔާދަތީ އިން ރައްކާތެރިކުރުމުގެ ހައްޤު އޮންނަންވާނެ ކަންވެސް ފާހަގަކުރައްވާފައެވެ.

މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ދެމި ތިބެގެން ކަމަށާއި ރާއްޖެ ހަގީގީ ދިވެހި ގައުމަށް ވާނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި، އެކަކު އަނެކަކަށް އެއްބާރުލުން ދީގެންނެވެ.

އިލްމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުން އިލްމުވެރީން އެބަ ތިބިކަމުގައި ވިދާޅުވެ، މި ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައި ވެސް ޢިލްމާއި ޢިލްމުވެރީންގެ އަގުވަޒަންކުރައްވާނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން، ޤައުމީ ތަރައްޤީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގެ ބިންގަލަކީ އަދި އަސްލަކީ، އިލްމުވެރީންގެ އިލްމީ ދިރާސާތައް ކަމުގައި ހަދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުވާން ބޭނުންފުޅުވާކަން ހާމަކުރައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ދިވެހި އަންހެނުންނާއި ޒުވާނުންނަކީ، ގައުމު ހިންގުމުގެ އިންޖީނުކަމަށާއި، އެމީހުންނަކީ ގައުމު ދެމިއޮތުމުގެ ހަކަތަކަމުގައި ސިފަކުރައްވާ އަންހެނުންގެ ހައްގުތައް މި ސަރުކާރުން ރައްކާތެރިކޮށްދޭނެ ކަމަށާއި، ޒުވާނުންނާއި އަންހެނުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދީ، ސިޔާސީގޮތުން ބާރުވެރިކޮށްދީ، ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަކީ، ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޭސްތިރިންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެކަމަށެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވީ އެކަންކަމާ، ޒަމާނީ އިލްމުތަކާއި ޓެކްނޯލޮޖީއާ ރަހުމަތްތެރިކޮށް ދޭނެކަމަށާއި، ދުނިޔޭގައި ކުރިއަރައިފައިވާ އެންމެފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތައާރުފުކޮށްދީ، އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުން، މާލަހެއްނުވެ، މަސްވެރީންނާއި ދަނޑުވެރީނާ ހިސާބަށް ގެނެސްދޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހުރިއްޔާ ވަނީ މިއަދުގެ ޖީލުތަކާ ހަމައަށް މި ޤައުމު އުފުލައިދިން އަމާނާތްތެރި ހިންމަތްތެރި އިސްރަށްވެހީންނަކީ ވާނީ އެމަނިކުފާނުގެ ސަރުކާރުގައި މުޖުތަމަޢުގައި ހަވާސާއެއް ނުކޮށް، އިހުތިރާމު ލިބޭ ޝާމިލް ޤަދަރުކުރާ ބައެއްކަމަށްހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ. އަދި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫޢިން ދިވެހި ދަރީންގެ ނަފުސާނީ، ރޫޙާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355