twitterviber whatsapp telegramfacebookyoutube instagram
18th October 2024

އޮފީސްތަކުގައި 24 ގަޑިއިރު ގައުމީ ދިދަ ނަގާފައި ބަހައްޓަން އަންގައިފި

ނަބީލާ އިސްމާޢީލް
Nov 19, 2023

އޮފީސްތަކުގައި 24 ގަޑިއިރު ގައުމީ ދިދަ ނަގާފައި ބަހައްޓަން އަންގައިފިއެވެ.

އިއްޔެ ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހަމަޖައްސާފައިވާކަމަށެވެ.

ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައިވެސް އަލިއަޅުއްވާލެއްވިއެވެ.

މިގޮތުން، ފަހުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި އެމަނިކުފާނު ދިވެހި ގައުމީ ދިދަ ސިފަކުރައްވާފައި ވެއެވެ.

''އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ, ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން, ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން, ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން, ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން, އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ, މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ, މީގެ ފަހުން ތިޔަ ފަހުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން.'' ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު މުއިއްޒުގެ ފުރަތަމަ ތަޤްރީރުގައި ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355