twitterviber whatsapp telegramfacebookyoutube instagram
9th May 2024

ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސަކަށް ހަސަން ލަތީފު

ނަބީލާ އިސްމާޢީލް
Dec 4, 2023

ދަ ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުން ރައީސް ކަމަށް ހޮވިފައި ވަނީ ޕާޓީގެ އިންޓެރިމް ޗެއާ ހަސަން ލަތީފު ކަމަށް އެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ބޭއްވި އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ހަސަން ލަތީފްގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އެވެ.

ޑިމޮކްރެޓުންގެ އެކި މަގާމުތަކަށް ބޭފުޅުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށް ދިޔަ އިންތިހާބުގެ ނަތީޖާ އިއުލާންކުރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގުރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ހަސަން ލަތީފަށް ލިބިވަޑައިގަތީ 1,704 ވޯޓެވެ. އަމްރުއަށް ލިބިވަޑައިގަތީ 1,300 ވޯޓެވެ. އަދި 50 ވޯޓު ބާތިލް ކަމަށްވެސް އިއުލާންކުރެއްވި އެެވެ.

އިންތިހާބުގެ ނަތީޖާ އިއުލާންކޮށްފައި މިވަނީ އިންތިހާބު ނިމިގެން 24 ގަޑިއިރަށް ވުރެ ވެސް ގިނައިރު ވެގެން ދިޔައިރުވެސް ނަތީޖާ އިއުލާންކޮށްފައި ނުވާތީ ބައެއް ޑިމޮކްރެޓުންގެ ފާޑުކިޔުން ޕާޓީ ހިންގަން ތިއްބެވި ބައެއް ބޭފުޅުންނަށް އަމާޒުވެފައި ވަނިކޮށެވެ.

އިންތިހާބުގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން ރޭގެ ވަގުތެއްގައި ހަސަން ވެސް އަދި އަމްރުވެސް ވަނީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންނެވި ކަމަށް އިއުލާންކުރައްވާފަ އެވެ.

ޑިމޮކްރެޓުންގެ އެތެރޭގެ އިންތިހާބުގައި 5،835 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު މި އިންތިހާބުގައި ޕާޓީގެ ދެ ނައިބް ރައީސްގެ މަގާމަށްވެސް ބޭފުޅުން ހޮވި އެވެ. އެގޮތުން ޕާޓީގެ ނައިބް ރައީސް (އަންހެން)ގެ މަގާމަށް ހޮވުނީ އައިޝަތު އަލައިކާ އަދުނާނެވެ. ޕާޓީގެ ނައިބު ރައީސް (ޔޫތު)ގެ މަގާމަށް ހޮވުނީ ހަސަން ފިރުޝާނެވެ. ޑިމޮކްރެޓުންގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ފާތިމަތު ހަމްދާ ހޮވުނުއިރު ޒުވާނުންގެ ރައީސަކަށް ހޮވުނީ މުހައްމަދު މާސިހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355