ހދ އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް އަތޮޅު ކައުންސިލަށް ހުށައެޅި ހުށަހެޅުން ފާސްނުކޮށް ބޭރުކޮށްލައިފި އެވެ.
ހދ އަތޮޅު ކައުންސިލްގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އޮތީ އަންނަ އަހަރުގެ އެކައުންސިލްގެ ބަޖެޓާއި ވޯކް ޕްލޭން ފާސްކުރުމަށް އެޖެންޑާކޮށްފަ އެވެ.
އެ އެޖެންޑާގެ ބަހުސް މަރުހަލާގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ހުށަހެޅުއްވީ އަތޮޅު ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ އެ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް މާބޮޑު މަސައްކަތްތަކެއް ބަޖެޓްގައި ނެތުމުންނެވެ.
21 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރާއިރު އަތޮޅު ކައުންސިލްގެ އާންމުދަނީ އިތުރުކުރުމަށް ކުރެވޭ ކަންކަން މަދުކަން ފާހަގަކުރެވޭ ކަމަށާއި އަތޮޅުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ކުރުމަށް އަތޮޅު ކައުންސިލަށް ފައިސާ ހޯދޭނެ ކަންކަމަށް އިންވެސްޓްކުރަން ޖެހޭކަމަށް މޭޔަރު ވިދާޅުވި އެވެ.
"މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ވިސްނައިގެން އަތޮޅު ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށް ކަންކަން ކުރަން ޖެހޭ. އަތޮޅުގެ އިގުތިސޯދީ ތަރައްގީއަށް ހިމެނިފައިވާކަންކަން ވަރަށް މަދު." އާތިފް ވިދާޅުވި އެވެ.
ހދ އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންނަކީ ޗުއްޓީތަކުގައި ކޮންމެވެސް ތަނަކަށް އާއިލާއާއެކީ ހިތްއުފާކޮށްލަން ދަތުރުދާ ބަޔަކު އުޅޭ އަތޮޅެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އެހެންނަމަވެސް މިހާ ހިސާބަށް އައިރު އަތޮޅުގައި ޕިކްނިކް އައިލެންޑެއް ނުވަތަ އެފަދަ އެއްވެސް ވަސީލަތެއް ގާއިމުވެފައި ނެތް ކަމަށެވެ.
އެހެންވުމުން ރަށްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނި 1.5 މިލިއަން ރުފިޔާއިން، ސޯލާ ޕެނަލް ހަރުކުރުމުގެ ބަދަލުގައި އެ ފައިސާއިން ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް މޭޔަރު ހުށަހެޅުއްވި އެވެ. ޕިކްނިކް އައިލެންޑެއް ތަރައްގީކުރެވިއްޖެނަމަ އަތޮޅު ކައުންސިލްގެ އާމްދަނީ އިތުރުކުރެވި އަދި އަތޮޅުގެ ރައްޔިތުންނަށް އިތުރު ހިދުމަތެއް ފޯރުކޮށްދެވިގެންދާނެ ކަމަށާއި އަދި ހަމަ އެއާއެކީގައި ޓޫރިޒަމް އަންނައިރުވެސް ޕިކްނިކް އައިލެންޑެއް އޮތުމުން ކުރިއެރުން ލިބިގެންދާނެކަމަށެވެ.
އެހެންނަމަވެސް މޭޔަރުގެ އެ ހުށަހެޅުން ފާހެއް ނުވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓް ދެއްވި 10 މެމްބަރުންގެ ތެރެއިން 8 މެމްބަރުން ވޯޓް ދެއްވީ އެ ހުށަހެޅުމާ ދެކޮޅަށެވެ. އެ ހުށަހެޅުމަށް ތާއިދުކޮށް ވޯޓް ދެއްވީ މޭޔަރު އާތިފް އާއި ހިރިމަރަދޫ ރައީސް މުހައްމަދު ވަހީދެވެ. ދެ ކޮޅަށް ވޯޓް ދެއްވި މެމްބަރުންނަކީ ހަނިމާދޫ ރައީސް، މަކުނުދޫ ރައީސް، ވައިކަރަދޫ ރައީސް، ނޭކުރެންދޫ ރައީސް، ނޮޅިވަރަމް ރައީސް، ނައިވާދޫ ރައީސް، ނެއްލައިދޫ ރައީސް، އަދި ނޮޅިވަރަންފަރު ރައީސެވެ.
ކުމުންދޫ، ކުރިނބީ އަދި ފިނޭގެ ރައީސް އެ ދުވަހުގެ ބައްދަލުވުމެއްގެ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މި ހުށަހެޅުމަށް ތާއިދުކުރެއްވި ހިރިމަރަދޫ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، އަތޮޅުގައި ގިނައީ ގާމަތި ރަށްތަކަވުމުން ޕިކްނިކް އައިލެންޑެއް މުހިންމު ކަމަށެވެ. ސޯލާ ހަރުކުރުމަކީ ބޭކާރުކަމެއް ކަމަށާއި އެކަމުގެ ހެކި ހިރިމަރަދޫ އިން ފެންނަ ހުރި ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ މުޅި ހިރިމަރަދޫއަށް ސޯލާ ދެވޭވަރުގެ ނިޒާމު ގާއިމުކޮށްފައިވާއިރު މުޅި އެ ނިޒާމު ވަނީ ފެއިލްވެފަކަމަށެވެ.
އެހެންވުމުން ސޯލާ ހަރުކުރުމަކީ ދާއިމީކޮށް ދިގު މުއްދަތަށް ދެމިގެންދާ ކަމެއް ނޫންކަމަށާއި ރަށްރަށުގައި ސޯލާ ހަރުކުރަން ތާއިދުނުކުރާކަމަށް ވަހީދު ވިދާޅުވި އެވެ. ސޯލާއިން ކައުންސިލްތަކަށް ކޮންމެވެސް ވަރެއްގެ މަންފާއެއް ކުރާނެ ކަމެއް ނަމަވެސް މުޅި ރައްޔިތުންނަށް އެކަމުން ފައިދާއެއް ނުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
" [ސޯލާ] އިން ކައުންސިލަށް ކޮންމެވެސް ވަރެއްގެ މަންފާއެއް ކުރުމަށްޓަކާ ކުރާކަމެއް މިއީ. މުޅި ރައްޔިތުންނާ ގުޅިފަ އޮތްކަމެއް ނޫން މިއީއެއް." ހިރިމަރަދޫ ރައީސް ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ، އަތޮޅު މާލިއްޔަތުން ހަރަދުކުރާއިރު މުޅި އަތޮޅުގެ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫއުތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ.