twitterviber whatsapp telegramfacebookyoutube instagram
27th July 2024

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލަނީ

ނަބީލާ އިސްމާޢީލް
Feb 6, 2024

ތަފާތު އެކި ނުކުޅެދުންތެރިކަމާ ހުރެ، މުޖުތަމައުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރެއް، މި އަހަރު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެ މަނިކުފާނު އިއްވެވި އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިފަދަ ގައުމީ ދަފުތަރެއް ނެތުމުގެ ސަބަބުން ސަރުކާރުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަން ޖެހޭ އެތައް ރައްޔިތުންނެއް އެކަމުން މަހުރޫމުވެފައި ތިބި ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން ކޮންމެ ވަގުތެއްގައިވެސް ގުޅޭނެ ހެލްޕް ލައިނެއް ގާއިމްކުރުމުގެ މަސައްކަތްވެސް ފެށިފައިވާކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖުތަމައެއް، މާހައުލެއް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އުފެދޭނެ. އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިއުނިޓީ ތެރަޕިސްޓުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިދުމަތަށް ނެރޭނަން. މީގެ އިތުރުން، ނަފުސާނީ އެކި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަކަށް އެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕް ލައިނެއް ގާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައި." ރައީސް ވިދާޅުވި އެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު އެކުލަވައިލެވޭ އުސޫލެއްގެތެރެއިން މަގުފަހިކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި، ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވައިލައި ތަންފީޒުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން، 500 ހައުސިންގ ޔުނިޓު ގާއިމުކުރުމަށް ވެސްވާނީ ކަނޑައަޅައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355