މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީޒެއް ފަށައިފި އެވެ.
މި ލެކްޗާ ސީރީސްގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ގޮސްފައިވަނީ ޏ ފުވައްމުލަކަށެވެ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށްގެންދިޔަ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ބައެއް ދަރިވަރުން ބައިވެރިވިއެވެ.
އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގަވަރުނަރު ވަނީ އެ މަނިކުފާނުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
މި ލެކްޗާ ސީރީސްގައި ދަރިވަރުންނަށް މައުލޫމާތުދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ވަނީ ދީފައެވެ.
އެމްއެމްއޭއިން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމުތައް އަބަދު ވެސް ކުރިއަށް ގެންދެއެވެ. މާލޭގައި ބޭއްވޭ މި ފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލްތަކުން ބައިވެރިވުމުގައި ހުރި ދަތިކަން ފާހަގަކުރެވިފައިވުމާއެކު އެ ސްކޫލްތަކަށް އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެކި ދުވަސް މަތިން ސެޝަންތައް ކުރިއަށް ގެންދާނެކަމަށް އެމްއެމްއޭ އިން މައުލޫމާތު ދީފައިވެއެވެ.