twitterviber whatsapp telegramfacebookyoutube instagram
17th September 2024

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަނުކުރައްވައިފި

Jul 31, 2024

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، އަހުމަދު މުނައްވަރު އައްޔަނު ކުރައްވައިފިއެވެ.

ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ގަވަރުނަރު ވަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ވިދާޅުވީ ގައުމުގެ އިގުތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމެވެ. އޭނާ މަގާމުން ވަކިކުރެއްވީ، ރާއްޖޭގެ އިގުތިސާދީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ނުދެއްވާތީ އާއި އިގުތިސާދީ ހާލަތު ގޯސްވަމުން ދާއިރު އަޅާނުލައްވައި ހުންނަވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައެވެ. އަދި މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355