twitterviber whatsapp telegramfacebookyoutube instagram
10th September 2026

ބޭރު ފައިސާއާ ބެހޭ ދެ ގަވާއިދަކަށް އިސްލާހު ގެނެސް، އަމަލުކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Sep 10, 2026

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އިތުރު ލުއިތައް ދެވޭ ގޮތް ހިމެނޭ ގޮތަށް ދެ ގަވާއިދެއް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ގެޒެޓްކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު އިސްލާހުކޮށް ގެޒެޓްކޮށްފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި، ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދެވެ.

އަލަށް އިސްލާހުކުރެވުނު ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި، މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އަދަދެއް މުދާ ވިއްކައި ނުވަތަ ހިދުމަތް ފޯރުކޮށްދީގެން ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދުގައި ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި، އެފަދަ ކަންކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދުތައް އެމްއެމްއޭއަށް ހުށަހަޅަންޖެހޭނެއެވެ.

މީގެ އިތުރުން، މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅުމާއި، ފައިސާ ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެ ގޮތްތައްވެސް މި ގަވާއިދުގެ ތެރޭގައި ވަނީ ތަފްސީލުކޮށްދީފައެވެ.

އެމްއެމްއޭއިން ބުނީ އެ ދެ ގަވާއިދަށް ވެސް މިއަދު އަމަލުކުރަން ވަނީ ފަށައިފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293