twitterviber whatsapp telegramfacebookyoutube instagram
28th May 2024

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28ގައި ބާއްވަނީ

May 9, 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28ގައި ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

ބީއެމްއެލް އިން ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ އާންމު ޖަލްސާ އޮންނާނީ ރޭގަނޑު 20:30ގައި ހޮޓެލް ޖެންގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

އެ ބޭންކުން ބުނީ ޖަލްސާ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 20ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ހިއްސާދާރުންނަށްކަން ބީއެމްއެލްއިން ފާހަގަކުރިއެވެ.

އެ ބޭންކުން ބުނީ ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވުމަށް ހިއްސާދާރުން ރަޖިސްޓަރީ ކުރުމަށް، ޖަލްސާ އޮންނަ ރޭ 19:00އިން 20:15އަށް އެމީހަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުމާއެކު ދިޔުމުން ޖަލްސާ ކުރާ މާލަމަށް ވަދެވޭނެ ކަމަށެވެ. ހިއްސާދާރަކީ 18 އަހަރުން ދަށުގެ ކުއްޖަކަށް ވާނަމަ ބެލެނިވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތަށް ފަހު ދާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިނުވެވޭނެކަން ބީއެމްއެލްއިން ފާހަގަކުރިއެވެ.

އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވުމަށް، މިއަދު ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ 20:30ގެ ނިޔަލަށް ޕްރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ޖަލްސާއަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް އިންފިނިޓީ މެދުވެރިކޮށް ނުވަތަ ފޯމް ފުރުމަށްފަހު ބޭންކްގެ އީމެއިލްއަށް މެއިލްކުރެވޭނެއެވެ. ހިއްސާދާރެއްގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ޖަލްސާ ފެށުމުގެ 48 ގަޑިއިރު ކުރިން މެއިލްއަކުން އެންގުމަށް ބީއެމްއެލްއިން އެދެއެވެ.

އިންފިނިޓީ ޕޯޓަލްއަކީ އެމްއެސްޑީގެ އޮންލައިން ފޯރުކޮސްދޭ ވެބް އެޕްލިކޭޝަނެކެވެ. އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމާ ގުޅޭ މައުލޫމާތު އެމްއެސްޑީގެ ނަމްބަރު 3306868އަށް ގުޅުމުން އަދި އީމެއިލް ކުރުމުން ވެސް ލިބޭނެއެވެ.

އެ ޖަލްސާގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލުކުރަން އެދޭ ހިއްސާދާރުން މެއި 26ގެ 20:30ގެ ކުރިން ފޯމް ފުރުމަށް ފަހު މެއިލް ކުރުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355