ނިމިގެންދިޔާ އެމްޑީޕީ ސަރުކާރުގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ލޯންގެ ތެރެއިން 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ވެރިކަމަށް އައިސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު މި ސަރުކާރުން ދައްކާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން 150 މިލިއަން ޑޮލަރު އިންޑިއާ އަށް ދައްކަން ޖެހޭ ކަމުގައި ޒަމީރު ވިދާޅުވިއެވެ.
"މި 200 މިލިއަން ޑޮލަރު މިދިޔަ އަހަރާ ހަމައަށް ރޯލް އޯވާ (ފަސްކޮށް ދެމުން) އައީ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ވަނީ މީގެ އެއްބައި ދައްކާފައި. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ވާނީ އެދިފަ،" ޒަމީރު ވިދާޅުވިއެވެ.
މި ލޯނަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބޮންޑެއް ވިއްކައިގެން ހޯދި ލޯނެކެވެ. މި ބޮންޑުގެ 50 މިލިއަން ޑޮލަރު ދެއްކީ މި އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހުއެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަލާސް ކުރަން ޖެހެއެވެ.
ޒަމީރު ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ލޯން ފަސްކޮށްދިނުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ މަޝްވަރާ ކުރެއްވިއެވެ. ޒަމީރު ވިދާޅުވި ގޮތުގައި ޖައިޝަންކަރު ވަނީ ރާއްޖޭގެ ބޭނުންތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މި ބޮންޑު ރޯލް އޯވާކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް އިންޑިއާއިން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ލޯނަށް އިންޑިއާ އިން ލުއި ގޮތެއް ހަމަޖައްސައި ނުދީފި ނަމަ، ދިވެހި ސަރުކާރުން އޮތީ މި ލޯން ދައްކަން ވެސް ތައްޔާރަށެވެ. އެކަމަކު، މީގެ އަސަރު ރަސްމީ ރިޒާވަށް ކުރާނެ ކަމަށް ބެލެވެއެވެ. އޭގެ ސަބަބުން އިތުރަށް ހަރަދުތައް ކުޑަ ކުރަން ވެސް މަޖުބޫރުވެގެން ދާނެއެވެ.