twitterviber whatsapp telegramfacebookyoutube instagram
27th July 2024

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރަނީ

ނަބީލާ އިސްމާޢީލް
May 14, 2024

މި ފެށޭ ދިރާސީ އާ އަހަރާއެކު ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މި ފެށޭ ދިރާސީ އަހަރާއެކު ތައުލީމީ ދާއިރާގައި ހިންގާނެ ބައެއް މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް އޭސީކުރާނެ ކަމަށެވެ.

މި މަހުގެ ތެރޭ އަމަލީ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށާއި އެ ކަން ކުރާނީ ކޮމިއުނިޓީ ބޭސް މަޝްރޫއެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ﷲގެ ވާގިފުޅާއެކު މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ރޭވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.

ހަމައެއާއެކު ޓީޗަރުންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމަށްވާ، ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން ސްކޫލުގައި މާ ގިނަ ވަގުތު ހޭދަކުރަންޖެހުން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ ޕްރޮޖެކްޓެއް ސަރުކާރުން ފެށުމަށް ނިންމިއިރު، ބައެއް ސުކޫލުތަކުގައި އޭސީ ހަރުކޮށްފައި ނެތުމާއެކު ހޫނުގަދަވެ، ކްލާސްތަކަށް ފަންކާ އާއި އޭސީ ހޯދުމަށް ސްކޫލުތަކުގެ މެނޭޖުމެންޓުން ދަނީ ބެލެނިވެރިންގެ އެހީތެރިކަން ހޯދަމުންނެވެ. އެކަމާ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ މިނިސްޓްރީއަށް އަމާޒުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355