twitterviber whatsapp telegramfacebookyoutube instagram
27th July 2024

ކުޅުދުއްފުށީގައި ބާއްވާ އެމްއެންޔޫ ޖޮބް ފެސްޓިވަލް އަންނަމަހު ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
May 27, 2024

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށްގެންދާ "އެމްއެންޔޫ ފަހި ފުރުސަތު ވަޒީފާގެ މައުރަޒު" އަންނަމަހު ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ބާއްވާ މި ޖޮބް ފެސްޓިވަލް އޮންނާނީ އަންނަ ޖޫންމަހު 9-8 އަށެވެ.

ގައުމީ ޔުނިވާސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެކެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ ވިދާޅުވީ، މިއަހަރު ކުޅުދުއްފުށީ ބާއްވާ ޖޮބް ފެސްޓިވަލްގައި ޖުމްލަ 8 މުއައްސަސާއަކުން ބައިވެރިވެފައިވާ ކަމަށެވެ.

ޖޮބް ފެސްޓިވަލްގައި ބައިވެރިވާ މުއައްސަސާތައް:

  • ކުޅުދުއްފުށީ ސިޓީ ކައުންސިލް
  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • ބިޒްނަސް ސެންޓަރު ކޯޕަރޭޝަން
  • ދިވެހި ރެޑް ކްރެސެންޓް
  • އެމްޓީސީސީ
  • ދިވެހި ފުލުހުންގެ ހިދުމަތް
  • ސިފައިން
  • ދިރާގު

މީގެ އިތުރުން އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށްގެންދާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށާއި ކޯސްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަނުން ހުށަހެޅުމަށް އެމްއެންޔޫގެ ސްޓޯލެއް ހުންނާނެކަމަށް އައިމިނަތު ވިދާޅުވި އެވެ.

ޖޮބް ފެސްޓިވަލް ހުޅުވިފައިހުންނާނެ ގަޑިތައް

  • 8 ޖޫން : 09:00 - 12:00 | 16:00 - 18:00 | 20:00 - 22:00 އަށް.
  • 9 ޖޫން : 10:00 - 12:00 | 16:00 - 18:00 އަށް.

މި ފެސްޓިވަލްގެ މަގުސަދަކީ ރާއްޖޭގައި އެކިކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުވައްސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމުދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދެވޭނެ ފަދަ މާހައުލެއް ގާއިމު ކޮށްދިނުން ކަމަށް އައިމިނަތު ވިދާޅުވި އެވެ.

އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުސަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް އުފެއްދުމާއި ރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުސަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން ހިމެނެ އެވެ.
.
ހުރިހާ ފަރާތްތަކަށްވެސް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މި މައުރަޒުގެ މަގުސަދުތަކުގެ ތެރޭގައި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުސަތެއް ޔުނިވާސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުންވެސް ހިމެނޭކަމަށް އައިމިނަތު ވިދާޅުވި އެވެ.

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި މިއަހަރު 45 ކޯހެއް

އައިމިނަތު ވިދާޅުވީ، މިއަހަރު އެ ކެމްޕަހުގައި އެކި ދާއިރާތަކުގެ 45 ކޯހެއް ކިޔެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭގެ ތެރޭގައި މެދުކެނޑުމަށްފަހު ފަށާ، ހޮސްޕިޓާލިޓީގެ ދާއިރާގެ ކޯހަކާއި ޕްރައިމަރީގެ ހެލްތް ކެއާގެ ބައެއް ކޯސްތަކަށް ހުޅުވާލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އައިމިނަތު ވިދާޅުވީ، އަމާޒަކީ އެކި ދާއިރާތަކުގެ ކޯސްތަކަށް ކިޔަވައިދިނުން ފެށުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355