twitterviber whatsapp telegramfacebookyoutube instagram
27th July 2024

ހައްޖު ދުވަސް އަވަސް ވިޔަސް އީދު ޗުއްޓީއަށް ބަދަލެއް ނާންނާނެ

ނަބީލާ އިސްމާޢީލް
Jun 8, 2024

މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަމަޖައްސަވައިފިއެވެ. މިކަން އިއުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުއްވި ދެންނެވުމުގައެވެ.

ޖޫން މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މި 1445 އަހަރުގެ ޛުލްޙިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިއާޔަތްކުރައްވައި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ 2024 ޖޫން 7 ވީ ހުކުރު ދުވަސްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައެޅުއްވުމާ ގުޅިގެން ކުރިން ކަލަންޑަރުގައި ދުވަސްތައް ކަނޑައަޅާފައިވާ ގޮތަށް ބަދަލުއައުމާ ގުޅިގެންނެވެ.

އެގޮތުން މިހާރު އަރަފާތު ދުވަހަކީ 2024 ޖޫން 15 ވާ ހޮނިހިރު ދުވަސް ކަމަށާއި، އަދި އަޟްޙާ އީދު ދުވަހަކީ، 2024 ޖޫން 16 ވާ އާދީއްތަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ކަނޑައަޅުއްވާފައެވެ. މި އަހަރުގެ ހައްޖު ދުވަހާއި، އަޟްހާ އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ، އަޟްހާ އީދުގެ މުނާސަބަތުގައި ބަންދުވާ މި ޖޫން މަހުގެ 17، 18، 19 މި ތިން ދުވަހެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން، މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ބަންދު ދުވަހެއް ކަމުގައި ބަލައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން، އީދު ބަންދުގައި ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާ އަދި އީދު ބަންދަށްފަހު، މި ޖޫން މަހުގެ 20ވަނަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެކަމަށް ފެނިވަޑައިގަންނަވާތީ، 2024 ޖޫން 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، 2024 ޖޫން 23 ވާ އާދީއްތަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355