twitterviber whatsapp telegramfacebookyoutube instagram
27th July 2024

ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަކީ ފަރުދީ ޒިންމާއެއް: ސާޖިދާ

ނަބީލާ އިސްމާޢީލް
Jun 8, 2024

ކާބޯތަކެތީގެ ރައްކާތެރިކަމަކީ، ފަރުދީ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި، އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ. އެކަމަނާ މިކަމަށް އެދިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރެވޭ މުހިންމު މަގުސަދުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުގުވެރިކަން އިތުރުކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު " ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ހަޔާތުގެ ތަރައްގީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުޤުވެރިކަން މުޖުތަމަޢުގައި އޮންނަންޖެހޭ." ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ 'ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ!' ކަމުގައި ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ މިއަހަރުގެ ޝިއާރުން އިންސާނާގެ ދުޅަހެޔޮކަމާ ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްގީއާ ރައްކާތެރި ކާބޯތަކެއްޗާ ގުޅިފައިވާ މިންވަރު އެނގިގެންދާކަމަށެވެ.

އެޖަލްސާގައި އެކަމަނާ ވަނީ ދާދި ފަހުން، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެންމެން ގުޅިގެން އެކަންކަން ހާސިލުކުރުމަށް ބާރުއެޅުއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355