ހުކުރުދުވަހުގެ ރޭގަނޑު 9 ޖެހިއިރު، ކުޅުދުއްފުށީގައި އަލަށް ހުޅުވި ތެޔޮ ޝެޑް ކައިރީގައި ގިނަ އަދަދެއްގެ ޓެކްސީތައް ކިޔު ދަމާލައި ތެޔޮ އަޅަމުންދިޔަ އެވެ. 40 ހާ ގާތްކުރާ އުޅަނދު އޮތްއިރު ގިނައީ ޓެކްސީ އެވެ. ކޮންމެވެސް ވަރަކަށް ޕިކަޕްތައްވެސް އުޅެ އެވެ. މި ވަނީ ކިހެނެތް ހެއްޔެވެ؟ އިއްޔެ ހުޅުވި ޝެޑެއް ކައިރީގައި މިހާ ގިނަ ވެހިކަލްތައް ކިޔު ދަމާލައި ތެޔޮ އަޅަމުން މިދަނީ ކީއްވެބާ އެވެ.
"މިހާ ގިނަ ދުވަސްވަންދެން މިރަށުގައި އަގުބޮޑުކޮށް ތެޔޮ ވިއްކި..[ ނަން އުނިކުރެވިފަ ] މީހުންނަށް މި ދިނީ މެސެޖެއް. ސަރުކާރުތަކުން އެކި ފަހަރު ތެޔޮ އަގުހެޔޮކުރުމުންވެސް މިރަށުން އެންމެ ލާރިއެއް ކަނޑާނުލާ މި އޮތް ހުރިހާ ދުވަހު އަހަރެމެން ރައްޔިތުން 'ފެލީ" އެ މީހުން." ތެޔޮ އަޅަން ގޮސް ހުރި ޓެކްސީ ޑްރައިވަރަކު ބުންޏެވެ.
އެހެން ޑްރައިވަރަކު ބުނީ، މިއީ އާ ވިޔާފަރިއަކުން ތެޔޮ ވިއްކަން ފެށުމުން އެ މީހުންނަށް މަރުހަބާ އާއި ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ފެނިގެންދިޔައީ މިފަދަ ތަނަކަށް ރައްޔިތުން ބޭނުން ވެފައި އޮތް މިންވަރުކަމަށެވެ.
ހުކުރުދުވަހާ ހަމައަށް ކުޅުދުއްފުށީގައި ތެލުގެ ވިޔަފާރިކުރަމުންދިޔައީ އެންމެ ފަރާތަކުންނެވެ. އެތަނުން ތެޔޮ އަގުބޮޑުކޮށް ވިއްކާކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ދިޔައީ ކުރަމުންނެވެ. އާ ތެޔޮ ޝެޑަކަށް ގިނަ ބަޔަކު އިންތިޒާރުކުރާތާ އެތަކެއް އަހަރެއްވެއްޖެ އެވެ. އާ ޝެޑް ހުޅުވުމާއެކު ރައްޔިތުން މީސްމީޑިއާގައި ބަންޑުކޮށްލި އުދާސްތައް ހެއްކަކަށް ފުދެ އެވެ.
"އުންމީދަކީ މެދު ނުކެނޑި ތެޔޮ ލިބުން. އިރާދަކުރެއްވިއްޔާ ދެން ..[ނަންއުނިކުރެވިފަ] މި ނިމުނީ." އާ ތެޔޮ ޝެޑް ހުޅުވުމާއެކު މީހަކު މީސްމީޑިއާގައި ލިޔުނެވެ.
"އަހަރެމެންނަށް ދުވަހަކުވެސް އަގުހެޔޮވާ ތެލެއް ނުލިބޭ. އެކަމަކު ތެޔޮ އަގުބޮޑުވެއްޖެނަމަ ހަމަ ވަގުތުން ބޮޑުވޭ. އާ ބަޔަކު ތެޔޮ ވިއްކަން ފެށީމަ މިއަދު އެބަހުރި [އެމީހުން]ވެސް ހެޔޮކޮށްފަ. އޭގެންވެސް ޔަގީންވޭތާ އެބަ މިއޮތް ހުރިހާ ދުވަސް ހަމަ ގަސްތުގާ އަގުބޮޑުކޮށް ރައްޔިތުންނަށް ތެޔޮވިއްކީކަން." އެހެން ޑްރައިވަރަކު ބުންޏެވެ.
ހއ ގެ ރަށްތަކާއި ހދ ގެ ރަށްތަކުގެވެސް ކުޅުދުއްފުއްޓަށްވުރެ އަގުހެޔޮ ތެޔޮ ވިއްކަ އެވެ. އެކަމަކު އިއްޔެ ހުޅުވު ޑީސެލައިން ޝެޑާއެކު ތެލަށް އޮތް ޝަކުވާއަށް ބޮޑު ހައްލެއް އަތުވެއްޖެ އެވެ. ޑީސެލައިނުން ފުރަތަމަވެސް ތެޔޮ ވިއްކަން ފެށީ އަގުހެޔޮކޮށްނެވެ. އެއާއެކު ކުޅުދުއްފުށީ ތެލުގެ އަގު ހެޔޮވެގެންދިޔަ އެވެ.