twitterviber whatsapp telegramfacebookyoutube instagram
8th September 2024

އަމިއްލަ ފަރާތެއްގެ އެހީގައި ކުޅުދުއްފުށީގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

އަބްދުލް ވާހިދު ޙަސަން
Jul 24, 2024
1

އަމިއްލަ ފަރާތެއްގެ އެހީގައި ކުޅުދުއްފުށީގައި ބިނާކުރާ މިސްކިތެއްގެ ބިންގާ އަޅައިފި އެވެ. 'ކެވެލި' ކިޔާގެ ގޯތީގެ އިރުމައްޗަށް އޮންނަ ހުސްބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެކަމަށްޓާ އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެތަނުގައި މިސްކިތެއްގެ ބިންގާ އެޅިގެން ގޮސްފައިމިވަނީ އެކަމަށްޓަކާ ގިނަ ބަޔަކު އިންތިޒާރުކުރާތާ ގިނަ އަހަރުތަކެއް ފަހުންނެވެ. އެގޮތުން މިސްކިތެއް އަޅަން އެ ބިން ކަނޑައަޅާފައި އޮންނަތާ ގާތްގަނޑަކަށް 30 އަހަރުވެދާނެ އެވެ.

މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލް މެންބަރު އާތިފާ އަލީ ކައުންސިލް މެންބަރު އައިމިނަތު މަޖީދާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ދެ ބުރިއަށް އިމާރާތްކުރާ މި މިސްކިތް ދެ އަހަރު ބައިގެ ތެރޭގައި ނިމޭނެކަމަށް މިސްކިތް އިމާރާތްކުރާ ފަރާތުން މައުލޫމާތުދޭ ކަމަށެވެ. މި މިސްކިތަކީ އެއް ފަހަރާ 800 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެކެވެ.

އަދި މިސްކިތް އިމާރާތްކުރެވުމުގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ރައްޔިތުން ބޮޑު ފަސޭހައެއް ލިބިގެންދާނެކަންވެސް މޭޔަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. މިސްކިތް ބިނާކުރާ ފަރާތުގެ ނަން ސިއްރުކުރުމަށް އެދިފައިވާތީ އެކަން ހާމަކޮށްފައެއްނުވެ އެވެ.

މޭޔަރު ވަނީ މިސްކިތް ބިނާކުރާ ފަރާތަށާއި މިސްކިތް މި ހިސާބަށް ގެނައުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. މިރަސްމިއްޔާތުގައި އިމާމުންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

ކުޅުދުއްފުށީގައި ބިނާކޮށްފައިވާ ގިނަ މިސްކިތްތަކަކީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމުގައި އިމާރާތްކޮށްފައިވާ މިސްކިތްތައްކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355