twitterviber whatsapp telegramfacebookyoutube instagram
17th September 2024

ރަސްމީ ދަތުރުފުޅެއްގައި މޭޔަރާއި ޑެޕިއުޓީ މޭޔަރު ޗައިނާއަށް

Jul 27, 2024

އޭޝިޔަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް) ގެ މޭކިންގ ސިޓީސް ރެޒީލިއަންޓް 2030 (އެމްސީއާރު 2030) ގެ ދަށުން ކުރިއަށްގެންދާ ސިޓީތަކުގެ ތަޖުރިބާ ބަދަލުކުރުމުގެ ފޯރަމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އަދި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު، ޗައިނާގެ ނަންނިންގ ސިޓީއަށް ވަޑައިގަންނަވައިފި އެވެ.

ޖުލައި 28 އިން އޮގަސްޓް 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމަށް މޭޔަރާއި ޑެޕިއުޓީ މޭޔަރު ޗައިނާއަށް ފުރާވަޑައިގެންނެވީ މިރޭ އެވެ. މި ފޯރަމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދެނީ އޭޑީބީން އެވެ.

"ސިޓީ ޓު ސިޓީ ލަރނިންގ ފޯރަމް އޮން ޑެވެލޮޕިންގ އާބަން ޑިޒާސްޓަރ ރެޒީލިއަންސް" ގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ސިޓީތަކަށް ކުރިމަތިވާ ކާރިސީ ހިރާސްތައް ކުޑަކޮށް، ވިލުންވެރިކަން އިތުރުކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ އަދި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ތަޖުރިބާ ބަދަލުކޮށް، މަޝްވަރާކުރުމެވެ.

މި ފޯރަމާ ބެހޭގޮތުން ޑެޕިއުޓީ މޭޔަރު އަލީ އަޙުމަދު ވިދާޅުވީ މި ފޯރަމުގެ ތެރެއިން ކާރިސީ ހިރާސް ކުޑަކުރުމަށް ހިންގިދާނެ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި ސިޓީ ކައުންސިލާއި ޔޫއެންޑީއާރްއާރް އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީވެސް މި ފޯރަމުގެ މުހިންމު މަގުސަދެއްކަމުގައެވެ.

އެގޮތުން ފޯރަމުގެ އެކި ސެޝަންތަކުގެ ތެރެއިން ކާރިސީ ހިރާސް ކުޑަކުރުމުގެ މަޝްރޫއުތަކަށް އޭޑީބީގެ މާލީ އެހީތެރިކަން ހޯދުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަމަށް ޕިޗްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަލީ އަހުމަދު ވިދާޅުވި އެވެ.

ދުނިޔޭގެ އެތައް ސިޓީތަކުން ބައިވެރިވެފައިވާ އެމްސީއާރް 2030 ގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ސިޓީއަކީ ކުޅުދުއްފުށި ސިޓީއެވެ. އޭގެފަހުން ފުވައްމުލައް ސިޓީ އަދި ވަރަށް ފަހުން މާލެ ސިޓީވެސް ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ. މި ވަގުތު ސިޓީ ކައުންސިލާ ވަގުތީގޮތުން ހިންގުމާ ހަވާލުވެހުންނެވީ މެންބަރު އަހުމަދު އަބުދުﷲ (ރޯޒޭ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355