ކަސިޔާރު ފިކުރީ ރާޅުތަކުން އަދުގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީންނަކީ އަބަދު ވެސް މިނިވަންކަމުގެ ބަތަލުން ކަމަށެވެ. ދިވެހީންގެ ތަބީއަތަކީ ވެސް މިނިވަންކަން މަތީ ދެމިތިބުންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ މުޅި ސިޔާސަތު ބިނާކުރަނީ އެ އަސާސުގެ މައްޗަށް ކަމަށެވެ.
"ގައުމުގެ ބިނާކުރަން އާ ހިތްވަރެއް ނެރެންވީ ދުވަސް މިއީ. އާ ރޫހެއް ނެރެންވީ ދުވަސް މިއީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ ރާއްޖޭގެ މިނިވަންކަމުގެ ތާރީހާއި މިނިވަންކަން ދެމިއޮތުމުގެ ސިއްރާއި މިނިވަންކަމަށް ކުރި ޖިހާދާއި މިނިވަންކަމަށް ގައުމިއްޔަތުގެ މުހިންމު ކަމާއި ގައުމިއްޔަތު ރައްކާކުރުމަށް މި ސަރުކާރުންދޭ އަހައްމިއްޔަތުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅުދައްކަވައިފައެވެ.
"ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. މި ކަމުގައި ތިޔައިން ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންސާނާ އެ މީހެއްގެ އުފަން ފަސްގަނޑަށްޓަކައި ފުރާނަ ދެނީ އެ ފަސްގަނޑުން ވެސް އެ މީހާ ދިފާއުކޮށްދޭ ނަމަ ކަމަށެވެ. ދިވެހި ކާބަފައިން އެ މީހުންގެ ކަނޑުފަޅުތައް ހިމާޔަތްކުރީ އެ ސަބަބަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އަމިއްލަވަންތަކަން ދިފާއު ނުކުރެވޭނަމަ ގައުމެއް ދިފާއެއް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ގައުމެއް ދިފާއުކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއުކުރަންޖެހޭނެ ކަމަށެވެ.
"ކަމެއް ވީމާ ނޫންތޯ ދިވެހީންނަކީ މާތް ބައެއް ކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައި އެ އޮތީ؟ ކަމެއް ވީމާ ނޫންތޯ ދިވެހީންގެ ގަހަކުން ވެއްޓޭ މޭވާއެއް ވެސް އެ މީހުންގެ ހުއްދަ ނުހޯދައި ނުނެގުމަށް ބޭރުގެ ބައެއް ނިޔަމިން އެ މީހުންގެ އޮޑިފަހަރުގެ ފަޅުވެރީނަށް އަންގާފައި އެ އޮތީ،އަޅުގަނޑުމެން އިޢާދަކުރަން ބޭނުންވަނީ އެ ދިވެހީންގެ އެ ހުރި މާތް ސިފަތައް. އެ އަޚުލާގު،" ރައީސް ވިދާޅުވިއެވެ.
ގައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކާ މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭ ކަމަށާއި އަދި ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައި ވެސް ގުޅިފައި އޮންނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.