twitterviber whatsapp telegramfacebookyoutube instagram
19th March 2026

ކެރިއަރުގައި މެސީގެ 900 ވަނަ ގޯލު، ކާމިޔާބީގެ ފަހަތުގައިވާ ނަމްބަރުތައް!

މުޙައްމަދު އަހުމަދު
Mar 19, 2026

ފުޓްބޯޅައިގެ ތާރީހުގައި ކުޅިވަރުގެ އެންމެ މަތީ ލެވެލްގައި 900 ގޯލު ޖެހި ދެވަނަ ކުޅުންތެރިޔާގެ މަގާމު އިންޓަ މަޔާމީއަށް ކުޅެމުންދާ ފުޓްބޯޅަ ތަރި މެސީ ހޯދައިފި އެވެ.

ކޮންކާކަފް ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެވަނަ ލެގުގައި ނާޝްވިލްއާ ދެކޮޅަށް ޖެހި ގޯލާއެކު މެސީ މިވަނީ ކެރިއަރުގެ 900 ވަނަ ގޯލު ޖަހާފަ އެވެ.

ރޭގައި އިންޓަ މަޔާމީގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. ފުރަތަމަ ލެގު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައި އޮތުމުން މުބާރާތުގެ ކުއާޓާއަށް އަވޭ ގޯލުން ނާޝްވިލް މިވަނީ އިންޓަ މަޔާމީ ކަޓުވާލާ ދަތުރުކޮށްފަ އެވެ.

ޓެނެސީގެ ޖިއޯޑިސް ޕާކުގައި ކުޅެވުނު މިމެޗުގެ ފެށިގެން 7 ވަނަ މިނެޓުގައި އާޖެންޓީނާގެ ތަރި ވަނީ މިތާރީހީ ލަނޑު ޖަހާފަ އެވެ. 2023 ވަނަ އަހަރުގެ ޖޫން މަހު އިންޓާ މަޔާމީއަށް ސޮއިކުރި މެސީ އެޓީމަށް ކުޅުނު 92 މެޗުން 81 ލަނޑު ޖަހާ ލީގު ކަޕާ އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން އެޓީމަށް ވަނީ ހޯދައިދީފަ އެވެ.

ފުޓްބޯޅަ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް މުޅި ދުނިޔެ ދެކޭ އެއް ކުޅުންތެރިޔާއަށް މެސީ ވާއިރު އޭނާ ވަނީ ބާސެލޯނާ، ޕީއެސްޖީގެ އިތުރުން އާޖެންޓީނާއަށް ވެސް ގިނަ ލަނޑުތަކެއް ޖަހައިދީފަ އެވެ. އޭނާގެ ދިގު ކެރިއަރުގައި 8 ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑިއޯ އެވޯޑް ވެސް ވަނީ ހާސިލްކޮށްފަ އެވެ.

މެސީގެ ކާމިޔާބީގެ ފަހަތުގައިވާ ނަމްބަރުތަކަށް އަލިއަޅުވާލާއިރު އޭނާ އަންނަނީ ފެށުނީއްސުރެ ރެކޯޑްތައް މުގުރަމުންނެވެ. އުމުރުން 17 އަހަރާއި 10 މަހާއި 7 ދުވަހުގައި ބާސެލޯނާގެ ތާރީހުގައި އެކުލަބަށް ލަނޑެއް ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު އޭރުން ފެށިގެން މެސީ ލަނޑު ޖެހުން ހުއްޓައެއް ނުލަ އެވެ.

މޭ 2005ގައި ސެމުއަލް އެޓޫގެ ބަދަލުގައި ކުޅެން ނުކުތް ޒުވާން ފޯވާޑް ވަނީ ކުޅެން އެރިތާ 3 މިނެޓުގެ ތެރޭގައި ލަލީގާގައި ބާސެލޯނާއާއި އަލްބަސީޓް ކުޅުނު މެޗުގައި ލަނޑު ޖަހާފަ އެވެ. މިގޯލަކީ ބާސާއެކު މެސީ ހޭދަކުރި ތާރީހީ 17 އަހަރުގެ ކެރިއަރުގައި އެޓީމަށް ޖަހައިދިން 672 ގޯލުގެ ތެރެއިން ފުރަތަމަ ގޯލެވެ.

މުޅި ޖުމްލަ ބާސާއަށް 778 މެޗު މެސީ ކުޅެދިންއިރު އޭނާ ވަނީ އެކުލަބަށް 10 ލަލީގާ ތައްޓާއި 7 ކޮޕާ ޑެލް ރޭ، 4 ޗެމްޕިއަންސް ލީގު އަދި 3 ސުޕަ ކަޕާއި 5 ފީފާ ކުލަބް ވޯލްޑް ކަޕް ހޯދުމަށް އެހީތެރިވެދީފަ އެވެ.

2021 ވަނަ ބާސެލޯނާ ދޫކޮށްލާ ފްރެންޗް ކުލަބް ޕީއެސްޖީއަށް މެސީ ބަދަލުވިއިރު އެކުލަބަށް އޭނާ ވަނީ ދެ ސީޒަނުގައި ކުޅެދީ 75 މެޗުން 32 ގޯލު ޖަހައިދީފަ އެވެ. އަދި ފުޓްބޯޅައިގައި ފެނުނު އެންމެ ވަރުގަދަ އެއް ފޯވާޑް ލައިން ވަނީ މެސީއާއެކު މިޓީމުން ފެނިގެންގޮސްފަ އެވެ. މެސީ ވަނީ ޕީއެސްޖީގައި އެމްބާޕޭ އަދި ނޭމާއާ އެއްކޮށް ކުޅެފަ އެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕުގެ ތަށި އާޖެންޓީނާއަށް މެސީ ހޯދައިދިންއިރު މިއީ އޭނާގެ ކެރިއަރުގައި މިތަށި ހޯދި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ. އެއަށްފަހު މެސީ ވަނީ ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީއަށް ސޮއިކޮށްފަ އެވެ. މެސީ އޭނާގެ ގައުމީ ޓީމާއެކު ޖުމްލަ 196 މެޗު ކުޅެދިންއިރު ދުނިޔޭގެ ތަށި ތިންފަހަރު ހިއްލާލާފައިވާ އާޖެންޓީނާއަށް މެސީ ވަނީ 115 ލަނޑު ޖަހައިދީފަ އެވެ.

މެސީގެ ލަނޑުތައް ޖަހާފައިވާ ގޮތަށް ބަލާލާނަމަ އޮޕްޓާއިން ރިޕޯޓްކޮށްފައިވާ ގޮތުން މެސީގެ 900 ގޯލުގެ ތެރެއިން 755 ގޯލު ޖަހާފައިވަނީ ވާތު ފައިންނެވެ. 111 ގޯލު ކަނާތުފައިން ޖެހިއިރު 30 ގޯލު ބޮލުން ކާމިޔާބުކުރި އެވެ. އަދި 4 ގޯލެއް ކެޓަގަރީއަކަށް ނުލާވެ އެވެ. ގޯލުގެ އޭރިއާގެ ތެރެއިން މެސީ ވަނީ 724 ފަހަރު ލަނޑު ޖަހާފަ އެވެ. އަދި 176 ގޯލު އޭރިއާ ބޭރުން އޭނާ ކާމިޔާބުކޮށްފައިވެ އެވެ. އަދި 112 ޕެނަލްޓީއާއި 70 ފްރީކިކް ގޯލު ވެސް މެސީ ޖަހާފައިވެ އެވެ.

މެސީގެ ކެރިއަރުގައި އިދިކޮޅު ޓީމުތަކުގެ ތެރެއިން އެޓީމެއް ކޮޅަށް އެންމެ ގިނަ ގޯލް މެސީ ޖަހާފައިވާ ޓީމުތަކަކީ ސެވިއްޔާ (25)، އެތްލެޓިކް ކުލަބް (24)، އެތްލެޓިކޯ މެޑްރިޑް (23)، ވެލެންސިއާ (18)، ރެއާލް މެޑްރިޑް (17) އަދި ލެވާންޓޭ (16) އެވެ. މެސީގެ 900 ގޯލު ހަމަކޮށްފައިވާއިރު އޭނާގެ އެންމެ ބޮޑު އެއް ރައިވަލް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 2024 ސެޕްޓެމްބަރުގައި 900 ގޯލު ހަމަކޮށްފަ އެވެ. އެއަށްފަހުވެސް އިތުރު 59 ގޯލު ކާމިޔާބުކޮށް ރޮނާލްޑޯގެ ގޯލުގެ އަދަދު ވަނީ 959 އަކަށް އަރާފަ އެވެ.

މެސީއާއި ރޮނާލްޑޯއަކީ ފުޓްބޯޅައިގެ ތާރީހުގައި 900 ގޯލު ހަމަކުރި ހަމައެކަނި ދެ ކުޅުންތެރިންނެވެ. ތާރީހީ ފޯވާޑް ޕެލޭ 1000 ގޯލު ބްރެޒިލްގެ ސަންތޯސް އަދި ނިއުޔޯކް ކޮސްމޯސްއަށް ކުޅުނުއިރު ޖަހާފައިވާ ކަމަށް ބުނި ނަމަވެސް އާރުއެސްއެސްއެސްއެފްއިން ހާމަކުރި ގޮތުގައި ޕެލޭ ޖަހާފައިވަނީ 778 އޮފިޝަލް ގޯލު ކަމަށެވެ. މީގެ އިތުރުން ބްރެޒިލް 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަރި ރޮމާރިއޯ ވަނީ 785 ލަނޑު ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355