twitterviber whatsapp telegramfacebookyoutube instagram
20th April 2026

ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކޮށް، ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލަނީ

Apr 20, 2026

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެރިކަމަށް ގެންނަން ތާއީދު ކުރައްވަން ނިންމަވައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ ކަމަށް ކުރިގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވީ "ބޮޑު ބަދަލު" ގެ ނަމުގައި ފައްޔާޒް އާއެކީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގާނޫނުއަސާސީ އަށް ގެންނަން ފެންނަ ގިނަ އިސްލާހުތަކެއްގެ ޕްރެޒެންޓޭޝަނެއް ދައްކަވައިފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ވަކި ކުރުން ހިމެނެ އެވެ.

ނަޝީދު ވިދާޅުވީ އެ އިސްލާހީ ބަދަލުތައް ގެންނަ ސަރުކާރެއްގެ ވެރިއަކަށް ފައްޔާޒް އިންތިހާބު ކުރަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ.

ފައްޔާޒް ހުށަހެޅުއްވި އިސްލާހުތައް ފުރަތަމަ ބަލައިގަންނަން ޖެހޭނީ އެމްޑީޕީން ކަމަށާއި އެ މަސައްކަތް ކުރުމަށް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތު ކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން. އެއީ މި ބަދަލުތައް ހޯދަން. މި ބަދަލުތައް މިހާރު ބޭނުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މީގެ ކުރިން 2005 ވަނަ އަހަރުން 2008 ވަނަ އަހަރާ ހަމައަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވައިފަ އެވެ.

ފައްޔާޒް ވިދާޅުވީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަ ކުރެއްވުމަށް ފަހު އިންތިހާބު ވެއްޖެ ނަމަ ފުރަތަމަ ދުވަހު ރެފަރަންޑަމް އަކަށް ގޮވާލާނެ ކަމަށެވެ. އަދި ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ވަކި ކުރުމަށް ފަހު ދައުލަތުގެ ވެރިއަކަށް ނަޝީދު ގެންނަން އޭނާ ތާއީދު ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355