ރޭ އެލިއަންޒް އެރީނާގައި ސްޓަޓްގާޓް ބަލިކޮށް ޖަރުމަނުގެ ލީގުގެ އެންމެ ކާމިޔާބު ޓީމު ބަޔާން މިއުނިކުން 35 ވަނަ ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކޮށްފި އެވެ.
މިފަހަރުގެ ސީޒަނުގެ ލީގު ތައްޓަށް އެންމެ ގާތުން ވާދަކުރި ބޮރޫޝިއާ ޑޯޓުމަންޑް ހޮނިހިރު ދުވަހު ހޮފެންހެއިމް އަތުން ބަލިވެފައި އޮތުމާއެކު 14 ސީޒަނުގެ ތެރޭގައި 13 ވަނަ ލީގު ތަށި މެޗެއް އެއްވަރުކޮށްލައިގެން ވެސް ބަޔާނަށް ހޯދުމުގެ ފުރުސަތު ލިބުނެވެ.
އެގޮތުން ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ލީގުގައި މަސައްކަތް ކުރަމުން އަންނަ ސްޓަޓްގާޓްގެ މައްޗަށް ރޭ ބަޔާނުން ވަނީ ފަހަތުން އަރާ 4 - 2 ން ކުރިހޯދާފަ އެވެ. މިމޮޅާއެކު އެޓީމުން މިސީޒަނުގައި ޓްރެބަލް ހޯދުމަށް ކުރަމުން އަންނަ އުއްމީދު މިވަނީ އާވެފަ އެވެ.
ޖާމަން ކަޕުގެ ސެމީގައި ބަޔާނުން ބަޔާން ލެވަކޫސަންއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ޗެމްޕިއަންސް ލީގުގެ ސެމީގައި އެޓީމު މިމަހު ޕީއެސްޖީއާ ވެސް ވާދަކުރާނެ އެވެ. މިފަހަރުގެ ސީޒަނު ބަޔާން ފެށި ފެށުމުން ވެސް ގިނަ ޓީމުތައް ޖެހިލުންވި އެވެ.
އާރްބީ ލައިޕްޒިގް 6 - 0 ން ސީޒަނުގެ ފުރަތަމަ މެޗުގައި ބަލިކޮށް ބަޔާނުން ވަނީ ބުންޑަސްލީގާއަށް ވަރުގަދަ މެސެޖެއް ކުރީކޮޅު ދީފަ އެވެ. އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ހެޓްރިކެއް މެޗުގައި ހެދިއިރު މައިކަލް އޮލީސޭ އާއި ލުއިޒް ޑިއާޒް ވެސް ވަނީ ލަނޑުޖަހާފަ އެވެ.
އެއަށް ފަހު ދެން ކުޅެވުނު 29 މެޗުން ބަޔާނުން ވަނީ ރެކޯޑް 109 ގޯލު ޖަހާ އަދި ބަޔާނުގެ ފޯވާޑް ތިން ކުޅުންތެރިންނަކީ މިއަހަރުގެ ސީޒަނުގައި ފެނުނު އެންމެ ނުރައްކާތެރި އެއް ފޯވާޑް ލައިނަށް ވެފަ އެވެ. 109 ލަނޑުގެ ތެރެއިން ކޭން، އޮލީސޭ އަދި ޑިއާޒް ވަނީ 59 ލަނޑު ޖަހާފަ އެވެ.
ބުންޑަސްލީގާގެ ތާރީހުގައި ވެސް 100 ލަނޑު ޖެހިފައިވަނީ އެންމެ ދެ ފަހަރު އެވެ. އެއީ 1971-72 ވަނަ ސީޒަނުގައި ބަޔާން އަދި 2019-20 ވަނަ ސީޒަނުގައި ވެސް ބަޔާނުންނެވެ. ބާކީ 4 މެޗު އޮއްވާ ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން އަންނަ ބަޔާނުން މިވަނީ މިރެކޯޑް ހަދާ އެޓީމުގެ ފެންވަރު ސާބިތުކޮށްދީފަ އެވެ.




