twitterviber whatsapp telegramfacebookyoutube instagram
28th April 2026

އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް، އެކަށީގެންވާ ފެންވަރެއްގައި ލިބޭނޭ ގޮތް ކަށަވަރުކުރުން

ނަބީލާ އިސްމާޢީލް
Apr 26, 2026

އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް، އެކަށީގެންވާ ފެންވަރެއްގައި ލިބޭނޭ ގޮތް ކަށަވަރުކުރުން ކަމަށް ހެލްތް މިނިސްޓަރ ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ.އަދި ވ.އަތޮޅުގައި ފެށުމާއި "ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް"ގެ ކޮމިއުނިކޭޝަން ކެމްޕޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޤީލާ ވިދާޅުވީ، ސިއްހީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު ވިސްނާލަންޖެހޭ ވަރަށް މުހިއްމު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ފަރުދީ އަދި އާއިލީ ފެންވަރުގައި ދިރިއުޅުމުގެ އާދަކާދަތައް ހުންނަގޮތުގެ މައްޗަށާއި، ވަށައިގެންވާ މާހައުލުގައި ކަންކަން އިންތިޒާމުވެފައި ހުންނަ ގޮތުގެ އިތުރުން ސިއްހީ މައުލޫމާތާއި ސިއްހީ ފަރުވާ ފަސޭހަކަމާއިއެކު ލިބޭނެހެން ސިއްހީ ހިދުމަތުގެ ނިޒާމު ގާއިމުވެފައިވުމުގެ މުހިންމު ކަމަށެވެ.

"އަޅުގަނޑުމެންނަށް ތަޖުރިބާ ދަސްކޮށްދީފައިވާ އެއް ފިލާވަޅަކީ، ޒާތީ ދިރިއުޅުމާއި ވަށައިގެންވާ މާޙައުލުގައި ހިނގާ ކޮންމެ ކަމެއްވެސް ފަރުދުންނާއި ޖަމާއަތުގެ ދުޅަހެޔޮކަމާއި ގުޅި ލާމެހިފައިވާކަން. އަދި ހަމަ އެހެންމެ، އާއްމު ސިއްހަތުގެ މާޒީއާއި މިފަހުގެ ކާމިޔާބީތަކަށް ބަލައިލި ނަމަވެސް، ސާބިތުކޮށްދެނީ، ރައްޔިތުންގެ ސިއްހީ ކަންކަމުގައި ރައްޔިތުންނާއި ގާތުން ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރުމުގެ ހެޔޮ ނަތީޖާ. ސިއްހީ ދާއިރާގެ އަބަދުގެވެސް އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް، ރައްޔިތުންނާއި ގާތުން އެންމެ އެކަށީގެންވާ ފެންވަރުގައި އަދި ފަސޭހަކަމާއިއެކު ލިބޭނޭ ގޮތް ކަށަވަރު ކުރުން" ގީލާ ވިދާޅުވިއެވެ.

މި މަގުސަދު ހާސިލު ކުރުމަށް އެންމެ އެކަށީގެންވާ ނިޒާމަކީ އިބްތިދާއީ ސިއްހީ ފަރުވާގެ ނިޒާމު ނުވަތަ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ކަމަވެސް އޭނާ ވިދާޅުވި އެވެ.

އެކިއެކި ރޯގާތަކާއި ގައިންގަޔަށް އަރާ ގިނަ ބަލިތަކެއްގެ އަދި ހާއްސަކޮށް ޅަފަތުގައި ޖެހޭ ބަލިތަކުގެ ބިރުވެރިކަން ތަހައްމަލު ކުރަމުން ދިޔަ ދިއުން ރާއްޖޭގައި ނިމުމަކަށް ގެނެވުނު އެއްސަބަބަކީ ޕްރައިމަރީ ހެލްތު ކެއާގެ އުސޫލުން ރައްޔިތުންނާއި ގުޅިގެން ކުރި ބުރަ މަސައްކަތްކަން ގީލާ ފާހަގަކުރެއްވިއެވެ.

"މިއަދުގެ އާއްމު ސިއްހަތުގެ ހާލަތަށް ނަޒަރު ހިންގާލާއިރު، އެންމެ ކަންބޮޑުވާ މައްސަލައަކީ ދިގުމުއްދަތަށް ފަރުވާ ކުރަންޖެހޭ ގައިންގަޔަށް ނާރާ ދާއިމީ ބޮޑެތި ބަލިތަށް ނުވަތަ ނަން ކޮމުއިނިކަބަލް ޑިޒީޒަސް އިންތިހާއަށް އިތުރުވެފައިވާ މައްސަލަ. އަދި ހަމަ އެހެންމެ އެފަދަ ބަލިތަކަށް ހުށަހެޅިގެންދާ ހިރާސްތަކަށް އަޅުގަނޑުމެން ހުށަހެޅިފައިވާ މިންވަރުގެ ކަންބޮޑުވުން" މިނިސްޓަރ ވިދާޅުވިއެވެ.

ޤީލާ ވިދާޅުވީ، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން %84 އަށްވުރެ މަތީ އަދަދެއް ހިއްސާ ކުރަނީ ގައިގަޔަށް ނާރާ ބޮޑެތި ބަލިތައް ކަމުގައިވާއިރު، ދިރިއުޅުމުގެ މިހާރުގެ އާދަތަށް ހުރީވެސް މިފަދަ ބަލިތަކަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

2022 ގައި އާއްމުކުރި ސްޓެޕްސް ސާވޭގެ ރިޕޯޓުގެ ނަތީޖާއަށް ރިއާޔަތް ކުރާއިރު، ޒުވާނުންގެ ތެރެއިން ކޮންމެ 3 މީހަކުން އެކަކު އަދި މެދު އުމުރާއި ދޮށީ އުމުރުފުރައިގެ ކޮންމެ 2 މީހަކުން އެކަކު، ދިރިއުޅެނީ ގައިންގަޔަށް ނާރާ ބޮޑު ބައްޔަކަށް ހުށަހެޅިދާނެ 3 ހިރާސް ތަޙައްމަލު ކުރާ ހާލުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް ހިރާސްތަކަށް ހުށަހެޅިފައިވާކަން ގިނަ މީހުންނަށް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަކީ، އެންމެ އަހައްމިއްޔަތުކަން ދޭންޖެހޭ އެންމެ ހައްސާސީ ސިއްހީ މައްސަލަ ކަމަށާއި، މިއީ އާއިލާތަކުގެ ހިތްހަމަޖެހުމާއި، އުފެއްދުންތެރި ކަމާއި، ތަރައްޤީއާއި ގުޅިފައިވާ ޤައުމީ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355