twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ލިވަޕޫލާއެކު އެއްބަސްވުމަކަށް، އިރައޯލާ އައްޔަންކުރުމުގެ ފަހު މަރުހަލާގައި

މުޙައްމަދު އަހުމަދު
Jun 3, 2026

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ އިނގިރޭސި ގަދަބާރު ލިވަޕޫލުގެ ކޯޗު ކަމުން އާން ސްލޮޓް ވަކިކުރުމަށްފަހު ހެޑް ކޯޗެއްގެ ގޮތުގައި ނެގުމަށް އެންޑޮނީ އިރައޯލާއާއެކު ލިވަޕޫލުން ބަހުގެ އެއްބަސްވުމަކަށް އައިސްފި އެވެ.

އިރައޯލާ ނިމިދިޔަ ސީޒަނަށްފަހު ކުރިން ކޯޗުކަން ކުރަމުން އައި ބޯންމައުތު ދޫކޮށްލާފައިވާއިރު އެންފީލްޑްގައި ލިވަޕޫލަށް ކޯޗު ކޮށްދިނުމަށް ދެން އަންނާނެ މީހަކާ މެދު ދެކެވޭ ވާހަކަތަކުގެ އެންމެ ކުރީގައި އޮތީ އިރައޯލާ އެވެ. އަދި ކުރިއަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުމަކަށް އައިސް ލިވަޕޫލަށް އޭނާ ސޮއިކުރާނެކަމަށް ބެލެވެ އެވެ.

އިރައޯލާގެ ކޯޗިން ކެރިއަރަށް ބަލާލާއިރު މިހާތަނަށް ކުރު މުއްދަތުތަކެއްގައި އޭނާ ވަނީ ސިޕްރިއޮޓްގެ އޭއީކޭ ލާނަކާ އަދި ސްޕެއިންގެ މިރާންޑޭސްއާއި ރަޔޯ ވަލެކާނޯގެ އިތުރުން ބޯންމައުތަށް ވަނީ ކޯޗުކަން ކޮށްދީފަ އެވެ. ގިނަ ރިޕޯޓުތަކުން ޔަގީންވާ ގޮތުގައި ލިވަޕޫލާ ދެން ގުޅޭނެ ކޯޗަކީ އިރައޯލާ އެވެ. އެހެންނަމަވެސް އަދި ރަސްމީކޮށް އެކަން އިއުލާނު ކުރާނެކަމަށް ބެލެވެނީ މިހަފްތާގެ ތެރޭގައި ކަމަށް ބީބީސީ ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވެ އެވެ.

ދި އެތްލެޓިކްއިން ނެރެފައިވާ ރިޕޯޓަކަށް ބަލާލާއިރު ލިވަޕޫލާއެކު ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި އިރައޯލާ ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. 43 އަހަރުގެ އިރައޯލާ ވަނީ ބޯންމައުތުގައި އޭނާއާއެކު ކޯޗިން ޓީމުގައި ހިމެނުނު ޓޮމީ އެލްފިކްއާއި ޝޯން ކޫޕަރ ލިވަޕޫލަށް ގެންނަން ބޭނުންވާކަން ހާމަކޮށްފަ އެވެ.

އެހެންނަމަވެސް ރިޕޯޓުތަކަށް ބަލާލާއިރު ބޯންމައުތުން އަދި އެލްފިކްއާއި ކޫޕަރގެ ކުރިމަގާ މެދު ބަހެއް ބުނެފައެއް ނުވެ އެވެ. ލިވަޕޫލުން އެންމެ އަވަހަށް ލިބޭ ފުރުސަތެއްގައި ކޯޗެއް އެއްބަސްވުމަކަށް ގެނައުމަށް ބޭނުންވާއިރު އެޓީމުން ބޭނުންވަނީ އެޓީމުގެ ކުޅުމުގެ ސްޓައިލާ ގުޅޭ ކޯޗެއް އައްޔަންކުރުމަށެވެ. ލިވަޕޫލަކީ އެގްރެސިވް ވަރުގަދަ ކުޅުމެއް އަދި ކުރިއަށް ބޯޅަ ލައިގެން ކުޅޭ ޓީމެއްކަން ފާހަގަކޮށްލެވެ އެވެ.

ބީބީސީ ސްޕޯޓްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެލްފިކްއަކީ ވަރަށް ޒަމާންވީ ލިވަޕޫލުގެ ފޭނެއް ކަމަށާއި އަދި ލިވަޕޫލުގެ ފަރާތުން ބަހެއް އަޑު ނީވުނަސް އެޓީމާ ގުޅުމުގެ ޝައުގުވެރިކަން އޭނާގެ ހުންނާނެ ކަމަށެވެ. ކުރިން ޑިފެންޑަރެއްގެ ގޮތުގައި ބޯންމައުތަށް ކުޅުނު 38 އަހަރުގެ އެލްފިކަށް މީގެކުރިން ވަނީ ބްރިސްޓޯލް ސިޓީގެ މެނޭޖަރުކަމަށް އައުމަށް ވެސް ފުރުސަތު ލިބިފަ އެވެ. އެހެންނަމަވެސް އޭނާ އެފުރުސަތު ދޫކޮށްލީ އެވެ.

ލިވަޕޫލުގައި މުއައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދަނީ އެޓީމުގެ ސްޕޯޓްސް ޑިރެކްޓަރު ރިޗާޑް ހިއުސްގެ ދަށުންނެވެ. ރިޗާޑް ވަނީ މީގެކުރިން ޗެރީސްގައި އިރައޯލާއާއެކު މަސައްކަތްކޮށްފަ އެވެ. ލިވަޕޫލުން އެޓީމުގެ ކުރީގެ ކޯޗު ސްލޮޓް ކަނޑާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ވަނީ މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355