މިމަހު ފަށާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އިރާނުގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޓިކެޓްތައް މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކެންސަލްކޮށްލާފައިވާ ކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
މެކްސިކޯ، ކެނެޑާ އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އޮންނަ ފީފާ ވޯލްޑް ކަޕް 2026 ބްރާސްފަތި ދުވަހު ފަށާއިރު އިރާނުން ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15 ޖޫންގައި ނިއު ޒިލޭންޑާއި ދެކޮޅަށެވެ. 21 ވަނަ ދުވަހު ބެލްޖިއަމާއި ކުޅޭއިރު މިދެމެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ލޮސް އޭންޖްލަސްގަ އެވެ. އަދި ފަހު މެޗުގައި މިސްރާ ދެކޮޅަށް 26 ޖޫންގައި ކުޅެން ހަމަޖެހިފައިވާ މެޗު އޮތީ ސިއޭޓަލްގަ އެވެ.
އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނިގޮތުގައި ފީފާ ގަވާއިދުތައް ބުނާގޮތުން މުބާރާތުގައި ވާދަކުރާ ކޮންމެ ފެޑެރޭޝަނަކަށް 8 އިންސައްތަ ޓިކެޓް ކޮންމެ މެޗެއްގައި ސަޕޯޓަރުންނަށް ބެހުމަށް ލިބޭ ކަމަށެވެ.
އަދި އެފެޑެރޭޝަނުން ބުނި ގޮތުގައި މިހާރު ޓިކެޓް ވިއްކަން ވެސް ފަށާފައިވާ ކަމަށާއި އެހެންނަމަވެސް އެސަޕޯޓަރުންނަށް އެޓިކެޓްތައް މިހާރު ދެވެން ނެތްކަމަށެވެ. އަދި ބައެއް ސަޕޯޓަރުން މިހާރު އެމެރިކާއަށް ދިއުމަށް ދަތުރަށް ވެސް ތައްޔާރުވެފައިވާ ކަން އިރާނުން ފާހަގަކުރި އެވެ.
"އިރާނުގެ ސަޕޯޓަރުންނަށްް ގަވާއިދުގެ ތެރެއިން ރަސްމީކޮށް މެޗުތައް ބެލުމަށް ހައްގުވާ ބައިން މަހްރޫމުކުރުމަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ރޫހަށް ބުރޫއަރާ އަދި ބައިވެރިވާ ހުރިހާ ގައުމުތަކެއްގައި މެދުގައި އޮންނަން ޖެހޭ އިންސާފު ގެއްލޭ ކަމެއް." ފުޓްބޯޅަ ފެޑެރޭޝަން އިސްލާމިކް ރިޕަބްލިކް އޮފް އިރާނުން (އެފްއެފްއައިއާރްއައި) ނެރުނު ބަޔާނުގައިވެ އެވެ.
މިކަމުގެ ސަބަބުން ކުޅިވަރާއި ގުޅުން ނެތް އަދި ސިޔާސީގޮތުން އަންނަ އެދުންތައް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓްގެ އޯގަނައިޒޭޝަނުގެ ރޯލުތަކުގެ ތެރޭގައި ޝާމިލުވުމާ ގުޅޭގޮތުން ވަރަށް ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށް އެފްއެފްއައިއާރުއައި އިން އިތުރަށް ބުނެފައިވެ އެވެ.
މީގެއިތުރުން އެފްއެފްއައިއާރުއައި އިން ވަނީ އެއްވެސް ކޮޅަކަށް ބުރަނުވުމާއި އިންސާފުވެރިވުމަށް އަދި ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދުތައް ދެމެހެއްޓުމަށް ވެސް ފީފާއަށް ގޮވާލައިފަ އެވެ.
މެދު އިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އަދި ސެކިއުރިޓީ ސަބަބުތަކާ ގުޅިގެން މީގެކުރިން އިރާނުން ވޯލްޑްކަޕުގައި ބައިވެރިވުމާ ގުޅޭގޮތުން އޮތީ ނުތަނަވަސްކަމާއި ކުޅޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް ގެއްލިފަ އެވެ.
25 މޭގައި އިރާނުން އެމީހުންގެ ޓްރެއިނިން ބޭސް އެމެރިކާގެ އެރިޒޯނާގެ ޓަކްސަންއިން މެކްސިކަން ސިޓީގެ ޓިޖުއާނާ ބަދަލުކުރި އެވެ. އަދި އިރާނުން ބުނީ އެއީ އެމެރިކާއިން އެމީހުން ހޯސްޓްކުރަން ބޭނުން ނުވާތީ ކަމަށެވެ.
އަދި އިރާނުގެ ވިސާގެ ޝަރުތުތަކާއެކު އިރާނުން ޖެހޭނީ އެމީހުންގެ ގްރޫޕް ސްޓޭޖުގެ ތިން މެޗަށް ވެސް މެޗު ކުޅޭ ދުވަހު އެމެރިކާއަށް ދަތުރުކޮށްފައި އެނބުރި އަންނާށެވެ. އަދި 6 ޖޫންގައި އިރާނުން ވަނީ އެޓީމުގެ ބެކްރޫމް ސްޓާފުންގެ "އިންޓެގްރަލް" މެމްބަރުންނަށް ވިސާ ނުދިންކަމުގެ ތުހުމަތު އެމެރިކާއަށް ކޮށްފަ އެވެ. އަދި 15 އޮފިޝަލުންނަށް އެކަމުގެ ތެރެއިން ވިސާ ނުލިބުނެވެ.
މީގެކުރިން އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެމީހުން ވޯލްޑްކަޕުގައި ބައިވެރިވުމަށް 10 ޝަރުތެއް ފީފާއަށް ހުށައަޅާފަ އެވެ. އޭގެ ތެރޭގައި އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯރޕްސް (އައިއާރުޖީސީ)ގެ އަސްކަރީ ތަމްރީނު ފުރިހަމަކޮށްފައިވާ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުންނަށް ބައިވެރިވެވޭނެ ގޮތް ހެދުމަށް ޝަރުތުކުރި އެވެ.
އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް މާކް ރޫބިއޯ ބުނީ މުބާރާތަށް އިރާނުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔާނެ ކަމަށާއި އެހެންނަމަވެސް އައިއާރުޖީސީއާ ގުޅުން އޮތް ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އޭޕްރީލްގައި ވެންކޫވާގައި ބޭއްވި ފީފާގެ އަހަރީ ކޮންގްރެސްއަށް ހާޒިރު ނުވެވުނު ހަމައެކަނި ގައުމަކީ ވެސް އިރާނެވެ. އެއީ ކެނޭޑިއަން ބޯޑަރުގައި އެފްއެފްއައިއާރުއައިގެ ޓީމަށް އަދި ރައީސް މެދީ ތާޖަށް އެތެރުވުމުގެ ހުއްދަ ނުދިނުމުންނެވެ.