'ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކާއި މުއާމަލާތުކުރާއިރު ބަސްމަގު ރީތިކޮށް، ކެތްތެރިކަމާއި އިހުތިރާމާއެކު އަމަލުކުރުމަކީ ބަލިމީހާގެ ދެބައިކުޅަ އެއްބައި ބަލި ފަސޭހަވެގެން ދާނެ ކަމެއްކަމުގައި އަކުބަރީ ވިދާޅުވި.'
ކިޔެވުމުގެ ބޭނުމަކީ ހަމައެކަނި ސަނަދެއް ހާސިލްކުރުން ނޫން ކަމަށާއި ކިޔެވުމުގެ އަސްލު ބޭނުމަކީ ތިމާގެ ވިސްނުމާއި ފިކުރު ތަރައްގީކޮށް މުޖުތަމައުއަށް ފައިދާހުރި މީހަކަށްވުން ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރު އަކުބަރީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް މެންބަރު އަކުބަރީ މިފަދައިން ވިދާޅުވީ ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުން ނަރުސްކަމުގެ ހުވާކުރުމާއި ދަސްވެނިވުމަށް މިރޭ އެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން ކިޔަވަނީ ހަމައެކަނި ސަނަދެއް ހާސިލްކުރާކަށްނޫން. ކިޔެވުމުގެ އަސްލު ބޭނުމަކީ ތިމާގެ ވިސްނުމާއި ފިކުރު ތަރައްގީކޮށް މުޖުތަމައުއަށް ފައިދާހުރި މީހަކަށްވުން. ތިޔަ ދަރިވަރުން މި ފާއިތުވެދިޔަ އަހަރުތަކުގައި ހާސިލުކުރި އިލްމަކީ ވަރަށް މަތިވެރި އަމާނާތެއް. މިއަދު ތިޔަކުރި ހުވާގެ މަތީގައި ސާބިތުވެތިބެ ކިޔެވި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންވާނެ." އަކުބަރީ ވިދާޅުވި އެވެ.
އަކުބަރީ ވިދާޅުވީ ބަލިމީހުންނަށް ފަރުވާދިނުމަށް ދަސްކުރި ހުނަރުތަކާއި އުކުޅުތައް ބޭނުންކޮށްގެން އޯގާތެރިކަމާއެކު ހިދުމަތްކުރުމަކީ ނަރުހުންގެ ޒިންމާއެއް ކަމަށާއި ހަމައެކަނި ހިތުން ދަސްކުރި އެއްޗެއްގެ ބަދަލުގައި އަމަލީ މައިދާނުގައި އެ އިލްމު ފައިދާ އެހެން މީހުންނަށް ފޯރުކޮށްދޭން އަބަދުވެސް އިސްކަން ދޭންވާނެ ކަމަށެވެ.
ނަރުހުންގެ ދާއިރާއަކީ ގޮންޖެހުންތައް ގިނަ ދާއިރާއެއްކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެއްވެސް ހާލެއްގައި މާޔޫސްނުވެ ހިތްވަރާއެކު ކުރިއަށްދިއުމަށް އަޒުމް ކަނޑައެޅުމަށް ނަސޭހަތް ދެއްވަމުން އަކުބަރީ ވިދާޅުވީ، ނަރުހުންނަކީ ގައުމުގެ ސިއްހީ ދާއިރާގެ ތަނބުތައް ކަމަށެވެ. އަދި ނަރުހުން ކުރާ މަސައްކަތަކީ އިންސާނިއްޔަތަށްޓަކާ ކުރެވޭ މަސައްކަތެއްކަން ހަނދާންކޮށް އަބަދުވެސް އުންމީދާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް އޭނާ ނަސޭހަތްތެރިވި އެވެ.
"ހުރިހާ ކަމެއްގެ ކުރިއަށް ތިމާގެ އަހުލާގު އިސްކުރަންވާނެ. ރަނގަޅު އަހުލާގަކީ ނަރުހެއްގެ އެންމެ ރީތި ސިފަ. ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކާއި މުއާމަލާތުކުރާއިރު ބަސްމަގު ރީތިކޮށް، ކެތްތެރިކަމާއި އިހުތިރާމާއެކު އަމަލުކުރުމަކީ ބަލިމީހާގެ ދެބައިކުޅަ އެއްބައި ބަލި ފަސޭހަވެގެން ދާނެ ކަމެއް." އަކުބަރީ ވިދާޅުވި އެވެ.
އިސްލާމީ ރީތި އުސޫލުތަކާއި ދިވެހިވަންތަ އަހުލާގު ނަރުހުންގެ ކިބައިގައި އަށަގަންނަވާ ނަމޫނާބަޔަކަށް ވުމަށް ނަރުހުންނަށް އޭނާ ނަސޭހަތްތެރިވި އެވެ.




