twitterviber whatsapp telegramfacebookyoutube instagram
27th June 2026

ޑެމްބެލޭގެ ހެޓްރިކެއް، އެއްވަނައިގައި ފްރާންސް ދެވަނަ ބުރަށް

މުޙައްމަދު އަހުމަދު
Jun 27, 2026

ފީފާ ވޯލްޑްކަޕުގެ ގްރޫޕް އައިގެ ފަހު މެޗުގައި މިރޭ އޮސްމާނޭ ޑެމްބެލޭގެ ހެޓްރިކަކާއެކު ފްރާންސުން މުބާރާތުގެ ދެވަނަ ބުރަށް އެއްވަނައިގައި ދަތުރުކޮށްފި އެވެ.

ގިނަ ތަރިންގެ މައްޗަށް އެކުލެވޭ ފްރާންސުގެ "ސުޕަ" ޓީމުން މިރޭ ހާލަންޑްގެ ނޯވޭގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ. މުބާރާތުގެ ދެވަނައަށް އަދި މިފަހަރުގެ މުބާރާތުގެ އެންމެ އަވަސް ހެޓްރިކާއެކު ފްރާންސުން މެޗު ކާމިޔާބުކުރީ 4 - 1 ންނެވެ.

މެޗުގެ ކުރިން ގިނަ ބަޔަކު އުއްމީދުކޮށްފައިވަނީ މިރޭ ނޯވޭގެ ތަރި ހާލަންޑާއި ފްރާންސްގެ ތަރި އެމްބާޕޭ ވަރުގަދަ ކުރިމަތިލުމެއް ފެނިގެންދާނެ ކަމަށެވެ. އެހެންނަމަވެސް ނޯވޭގެ މެނޭޖަރު ސްޓޭލް ސޮލްބަކެން ވަނީ މިރޭ 10 ބަދަލެއް ކޮށްފަ އެވެ.

އޭގެތެރޭގައި މެންޗެސްޓަރ ސިޓީގެ ފޯވާޑް ހާލަންޑް ވެސް ހިމެނެ އެވެ. ކުޅުންތެރިންނަށް އަރާމުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން މިރޭގެ މެޗުގައި ނޯވޭއިން ހާލަންޑް ކުޅެން ނާރުވަ އެވެ. ހާލަންޑް ވަނީ އެމްބާޕޭއާއެކު މިމުބާރާތުގައި މިހާތަނަށް 4 ގޯލު ވެސް ޖަހާފަ އެވެ. މިރޭގެ މެޗުގެ އުސްއައްޔަކަށް އަދި ތަރިއަކަށް ވެގެންދިޔައީ އެންމެފަހުގެ ބެލަންޑިއޯ ޗެމްޕިއަން އަދި ފެންވަރުގެ ރީތި ތިން ގޯލާއެކު ހެޓްރިކެއް ހެދި އޮސްމާނޭ ޑެމްބެލޭ އެވެ.

1994 ގައި ކެމަރޫނާ ދެކޮޅަށް ރަޝިއާގެ އޮލެގް ސަލެންކޯ ހެޓްރިކެއް ހެދި ފަހުން މިއީ މެޗެއްގެ ފުރަތަމަ ހާފު ކުޅުންތެރިޔަކު ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އަދި 1954 ގައި އޮސްޓްރިއާގެ އެރިކް ޕްރޯބްސްޓް ޗެކް ސްލޮވާކިއާ ކޮޅަށް މެޗު ފެށިގެން 24 މިނެޓުގެ ތެރޭގައި ހެދި ހެޓްރިކަށްފަހު މިމުބާރާތުގައި ފެނުނު ދެވަނައަށް އެންމެ އަވަސް ހެޓްރިކަށް ވެސް ޑެމްބެލޭގެ މި ހެޓްރިކް ވަނީ ވެގެންގޮސްފަ އެވެ.

މެޗު ފެށިގެން މެޗުގެ ކުރީކޮޅު އަދި މުޅި މެޗުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ފްރާންސުން މެޗުގެ އެންމެ ކުރީކޮޅު ވަނީ ޑޮމިނޭޓްކޮށްފަ އެވެ. އަދި ނޯވޭގެ ހާފު ތެރެއިން ބޯޅަ ހޯދާ މެޗުގެ 7 ވަނަ މިނެޓުގައި އެމްބާޕޭ ދިން ރީތި އެސިސްޓަކުން ލީޑު ނެގީ ޑެމްބެލޭ އެވެ. ބެލަންޑިއޯ ޗެމްޕިއަން ވަނީ އެގިލް ސެލްވިކްގެ ކައިރިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާ އޭނާގެ ނަން ދަނޑުމަތީގައި ސާބިތުކޮށްދީފަ އެވެ.

ޑެމްބެލޭ ދެވަނަ ލަނޑެއް މެޗުގެ 20 ވަނަ މިނެޓުގައި އޭރިއާ ބޭރުން ގޯލުގެ ދުރުކަނަށް އަމާޒުކޮށްލާ ކާމިޔާބުކުރި ނަމަވެސް އޭގެ ރައްދު 79 ސިކުންތުގެ ތެރޭގައި ނޯވޭއިން ދިނެވެ. ޑެމްބެލޭގެ ލަނޑަށްފަހު ނޯވޭއިން އަލުން ކުޅުން ފަށާ ފްރާންސުގެ ޑިފެންޑަރުންގެ ސަމާލުކަން އެހާ ބޮޑަށް ނެތް ވަގުތެއްގައި ރޭންޖާސްއަށް ކުޅޭ ތެލޯ އާސްގާޑް ނޯވޭއަށް ފަރަގު ކުޑަކޮށްދިނެވެ.

ނަމަވެސް އޭރުވެސް އަދި ޑެމްބެލޭގެ ވިދުން ނުނިމެ އެވެ. އާސްގާޑް ފަރަގު ކުޑަކުރިތާ 12 މިނެޓުފަހުން 4 ޑިފެންޑަރުން ސިއްސުވާލާ ވާތުފައިން ގޯލަށް ބާރު ހަމަލާއެއް ފޮނުވާލައިގެން ޑެމްބެލޭ އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ.

ދެވަނަ ހާފު ފެށުމާއެކު މެޗުގެ ފޯރިއާއި ޓެމްޕޯ ވަރަށް ބޮޑަށް ވެއްޓުނުއިރު ފްރާންސުން ވަނި 65 މިނެޓަށްފަހު ޑެމްބެލޭ ބަދަލުކޮށްފަ އެވެ. އެކަމަކު އޭނާގެ ޕީއެސްޖީ ޓީމްމޭޓް ޑެޒިރޭ ޑޫއޭ ވަނީ 94 ވަނަ މިނެޓުގައި ޒިންމާ ނަގައިގެން ކުރިއަށް ޖެހި ބޮލުން ގޯލަށް ބޯޅަ އަމާޒުކޮށް ފްރާންސްގެ ހަތަރުވަނަ ލަނޑުޖަހާފަ އެވެ. އަދި މޮޅު ހެޓްރިކަކާއެކު މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑެމްބެލޭ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި އިރާގު ކޮޅަށް ސެނެގާލުން ވަނީ 5 ލަނޑު ޖަހާފަ އެވެ. ރަތްކާޑެއް ވެސް ފެނިގެންދިޔަ މިމެޗު ޑޮމިނޭޓްކޮށް ސެނެގާލުން އުއްމީދުގެ ހުޅުކޮޅެއް ދިއްލާލި ނަމަވެސް ނަތީޖާތައް އެނގިގެންދާނީ މާދަމާ ރޭ ކުޅެވޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ނިމުމުންނެވެ.

ދެވަނަ ބުރަށް ބަލާއިރު ފްރާންސާއި ނޯވޭ މިރޭގެ މެޗަށް ނުކުތްއިރު ވެސް އޮތީ ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ. ނަމަވެސް މިނަތީޖާއިން އެނގިގެންދިޔައީ ނޮކްއައުޓް ބުރުގައި ދެޓީމަށް ފައިނަލަށް ކުރާ ދަތުރުގެ ރާސްތާގެ ބިންގާ އެޅިގެންދާނެ ގޮތެވެ.

ފްރާންސުން އަންނަ އަންގާރަ ދުވަހު ދެވަނަ ބުރުގައި ނިއު ޖާޒީގައި ނުކުންނާނީ ތިންވަނައަށްދާ ގަދަ 8 ޓީމުގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ. ހަމަ އެދުވަހު ނޯވޭއިން ނުކުންނާނީ ޑަލަސްގައި ޖަޕާނާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355