60 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި ޗެލްސީގެ ޑިފެންޑަރު މާކް ކުކުރޭޔާ ރެއާލް މެޑްރިޑަށް ސޮއިކުރުމާއެކު ބާސެލޯނާގެ ސަޕޯޓަރުންގެ ނުރުހުން އޭނާއަށް އަމާޒުވީއިރު ލަ މަސިއާ އެކެޑެމީން ތަމްރީނުވި ކުކުރޭޔާއަކީ 'ހަރުފަ'އެއް ކަމަށް ބާސާގެ ސަޕޯޓަރުން ބުނެފި އެވެ.
މީގެއިތުރުން ބާސާގެ ފޭނުން ކުކުރޭޔާއަށް 'ގައްދާރު' އަކަށް ގޮވިއިރު އަނެއްކާވެސް އޭނާ މިވަނީ އިތުރު ބަޔާނަކުން އެލް ކްލަސިކޯ ދެޓީމުގެ މެދުގައި އޮތް ނުރުހުން އިތުރަށް ހޫނުކޮށްލާފަ އެވެ. ކުކުރޭޔާ ބުނިގޮތުގައި ބާސާގެ ބެޖު އޭނާގެ ހަށިގަނޑުގައި 'ޓެޓޫ' ޖެހުމަށްވުރެ އެއްކޮށް ބޯ ބާލާ ތަލަވުން ވެސް އޭނާ މާ ބޮޑަށް ހިޔާރުކުރާ ކަމަށެވެ.
މި އަހަރު ސަމާ ޓްރާންސްފާ ވިންޑޯގައި އަދި މިހާތަނަށް އިވިގެންދިޔަ އެންމެ ވަރުގަދަ އަދި އެންމެ ހައިރާން ކުރުވަނިވި އެއް ޓްރާންސްފާއަކީ ޗެލްސީގެ ވާތު ބެކް މާކް ކުކުރޭޔާ ބޮޑު އަގަކަށް 6 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ރެއާލް މެޑްރިޑަށް ސޮއިކުރުމެވެ.
ކުރިން ޗެލްސީއަށް ކުޅުނު ޑިފެންޑަރު މިވަގުތު އަންނަނީ ފީފާ ވޯލްޑްކަޕްގައި ސްޕެއިނުގެ ގައުމީ ޓީމާއެކު ކުޅެމުންނެވެ. އޭނާ 6 އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އެހެން ޓީމުތަކަށް ފުރުސަތެއް ނުދީ 60 މިލިއަނުގެ ރެއިޑެއް ޖަހާ ކުކުރޭޔާގެ ސޮއި ހޯދާފަ އެވެ.
ސްޕެއިނުގެ ފުޓްބޯޅަ ދުނިޔެއަށް ހަމައެކަނި ކުކުރޭޔާގެ ޓްރާންސްފާއިން ސިހުން ގެނުވި ނަމަވެސް ބޮޑަށް މި އަލިފާންގަނޑުގައި ހުޅު ހިފާ ދުނިޔެއަށް ސިހުން އައީ ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ ޝޯ 'އެލް ޗިރިންގުއިޓޯ'ގައި މާކް ކުކުރޭޔާ ދެއްކި ވާހަކަތަކުންނެވެ.
ސަމާސާއެއްގެ ގޮތުން އެ ޝޯގައި ވަރަށް އާދައިގެ ގޮތަކަށް އޭނާއާ ކުރެވުނީ ސުވާލެކެވެ. ސުވާލުގައިވަނީ އޭނާ ހޭލާނީ އެއްކޮށް ތަލަކޮށްތޯ ނުވަތަ ބާސެލޯނާ ބެޖުގެ ޓެޓޫއެއް އޭނާގެ ހަންގަނޑުގައި އިނުން ތޯ ތެރެއިން ހިޔާރުކުރާނީ ކޮންކަމެއް ހެއްޔެވެ. މުޅި ދުނިޔެއަށް އޭނާގެ ތަފާތު އަދި ހާއްސަ އެފްރޯ އިސްތަށިގަނޑަށް މަޝްހޫރު 27 އަހަރުގެ ކުކުރޭޔާ މިސުވާލަށް ޖަވާބުދިނުމުގައި އެއްވެސް ވަރަކަށް ފަސްނުޖެހެ އެވެ.
"ބާސާގެ ޓެޓޫއެއް ޖެހުމަށްވުރެ އަހަންނަށް ރަނގަޅު ބޯބާލަން ވެސް" ހިނިތުންވުމަކާއެކު ކުކުރޭޔާ މިހެން ބުނިއިރު އޭނާގެ ކުޑައިރުގެ ކުލަބާއި ބާކީ އޮތް ހުރިހާ ގުޅުމެއް އަދި އަމާންކަމަށް އޮތް ފުރުސަތެއްގައި ވެސް އޭނާ ވަނީ މިބަޔާނާއެކު ހުޅުޖަހާފަ އެވެ.
ކުކުރޭޔާގެ ބަޔާނާއެކު ކެޓެލޯނިއާއިން ވަގުތުން ރައްދުދިންއިރު އެރައްދު އައީ މާފެއް ދުވަހަކުވެސް ނުލިބޭނެ ފަދަ މޭރުމުންނެވެ. ބާސާގެ މަޝްހޫރު ލަ މަސިއާ ޔޫތް އެކެޑަމީގައި އޭނާގެ ހުނަރުތައް ވަރުގަދަކުރުމަށް އެތައް އަހަރެއް އޭނާ ހޭދަކުރުމަށްފަހު ކުއްލިއަކަށް ބާސާގެ އެންމެ ދުވަސްވީ އެންމެ ބޮޑު ދުޝްމަނު ޓީމަށް ސޮއިކުރުން ބާސާގެ ފޭނުން ދެކުނީ 'ބޭވަފާ' އެއްގެ ގޮތަށެވެ. އެހެންކަމުން އޭނާގެ ޓެޓޫ ބަޔާން ވެގެންދިޔައީ އަލިފާންގަނޑަށް އެޅި އިތުރު ތެލަށެވެ.
ސޯޝަލް މީޑިއާގެ މަންސަތަކުގައި އެތައް ހާސް ބާސާއަށް ވަފާތެރި ފޭނުން ވަނީ ކުކުރޭޔާއާ ދިމާލަށް ހަރުފައަކަށް އަދި ގައްދާރަކަށް ގޮވާ ކުޅުންތެރިޔާގެ މާޒީގެ ވާހަކަތައް ނެރެ ބްލަގުރާނާގެ ކުލަތަކަށް އޭނާވި ހުވާގެ ވާހަކަ ދައްކާފަ އެވެ.
މި ހުޅުގަނޑު ދެން ފެނިގެންދިޔައީ ބެލުންތެރިންގެ ތެރޭގައި ބާސާގެ ފޭނުން ކަމަށް ބެލެވޭ ބަޔަކު ސްޕެއިންގެ ފުރަތަމަ މެޗުގައި ކާބޯ ވާޑޭއާ ދެކޮޅަށް ކުޅުނުއިރު ކުކުރޭޔާއަށް މަލާމާތްކުރުމުންނެވެ. އަދި މިކަމާ ގުޅިގެން ބާސާގެ ލެޖެންޑުންގެ ތެރެއިން ގެރާޑް ޕީކޭވެސް ހާމަކަމާއެކު ލަ މަސިއާގެ އެކަޑަމީ ގްރެޖުއޭޓެއް ލޮސް ބްލާންކޯސްއާ ގުޅުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މިއާ ހިލާފަށް އަނެއްކޮޅުން ރެއާލް މެޑްރިޑުގެ ސަޕޯޓަރުން ވަނީ ކުކުރޭޔާއަށް އަތް ހުޅުވާލާ މަރުހަބާ ކިޔާފަ އެވެ. އަދި ރެއާލުގެ ހުދު ގަމީހަށް އެހާ ކުރީކޮޅު އޭނާ ދެއްކި ވަފާތެރިކަމާއެކު ވަރަށް ބޮޑަށް އުފާފާޅުވެސް ކޮށްފަ އެވެ.
އޭނާއަށް އައި ނުރުހުމާއެކު ވެސް ދާދިފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވެސް އޭނާ ކުރީގެ ފޭންބޭސްގެ ނުރުހުމަށް އެއްވެސް އަޅާލުމެއް ނުދެ އެވެ.
"ކޮންމެ މީހެއްގެ ހިޔާލަށް ވެސް އިހްތިރާމް ކުރެވެން ވާނެ، އަދި އެންމެންގެ ހުންނާނީ އެމީހެއްގެ އަމިއްލަ ހިޔާލު، އެކަން ތަފާތުވާނެ" ހަމަޖެހިލައިގެން ހުރެ ކުކުރޭޔާ ބުންޏެވެ. "އަހަރެން އަބަދުވެސް ޝުކުރުކުރަން ބާސާގެ އެކަޑަމީގައި ކުރެވުނު ތަޖުރިބާތަކަށް އެކަމަކު ދިރިއުޅުމުގައި އަންނާނެ އެކި ހަރުފަތްތައް، ރެއާލް މެޑްރިޑް ކަހަލަ ކުލަބަކުން އައިސް ތިބާ ބޭނުންވެޔޭ ބުނުމުން ނޫނެކޭ ބުނަން ވަރަށް އުދަނގޫވާނެ، އަހަރެން އެއް އިރަކުވެސް ޝައްކެއް ނެތް" ކުކުރޭޔާ އިތުރަށް ބުނެފައިވެ އެވެ.
ކުކުރޭޔާ ހާމަކުރިގޮތުގައި އޭނާ ރެއާލަށް ބަދަލުވާން ނިންމި ނިންމުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރެއާލުގެ 'އެލީޓް' މެންޓާލިޓީ/ވިސްނުމާއި ޔޫރަޕުގައި އޭނާގެ އާކުލަބުން ހޯދާފައިވާ ތާރީހީ ކާމިޔާބީތަކެވެ. "އަހަރެން ބަލާލިން ރެއާލްގެ އެންމެފަހުގެ ޗެމްޕިއަންސް ލީގުގެ ޑޮކިއުމެންޓްރީއެއް. އަބަދުވެސް ހީވަނީ އެއްކަމެއްވެސް ދެން ނުވާނޭ، އެކަމަކު އެމީހުންނަށް އެނގޭ ރެމޮންޓާޑާ (ކަމްބެކެއް)، ނުވަތަ އެނބުރި އާދެވޭނެކަން، އެތެރެއިން އެ ވިސްނުމުގެ ތެރޭގައި އުޅެލެވުން ވަރަށް ރީތިވާނެ، އަހަރެން އައީ ތަށި ހޯދަން" ކުކުރޭޔާ ފާހަގަކުރި އެވެ.
ސަމާސާކުރަމުން ޑިފެންޑަރު ކުކުރޭޔާ އިތުރަށް ބުނީ އޭނާ މާބޮޑަށް ވެސް ޓީމުގެ ބިއްދަށުގެ މަސައްކަތް (ޑާޓީ ވޯކް) ޓީމުގެ ތަރިންނަށް ކޮށްދޭން ތައްޔާރުކަމަށެވެ. "އަހަރެން އެހުރިހާ ކަމެއް ކުރާނަން. އެމްބާޕޭއާއި ވިނީއަށް އެޓޭކްކުރަންދީ، އަހަރެން އެމީހުން ކަވަރުކުރާނަން" ކުކުރޭޔާ ބުންޏެވެ.
ވޯލްޑްކަޕު ހަމަ ނިމުމާއެކު ސްޕެނިޝް ލީގު ފެށުމަށް ތައްޔާރުވާއިރު ލީގުގެ މައިދާނުގައި އެލް ކްލަސިކޯއަށް އެތައް ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.




