ފީފާގެ ސޯސަލް މީޑިއާ ޕްރޮޓެކްޝަން ސާވިސް (އެސްއެމްޕީއެސް)ގެ ހޯދުންތަކުން މިފަހަރުގެ ވޯލްޑްކަޕުގައި އޮންލައިންކޮށް ނަސްލީ ފުރައްސާރަކުރުން އިތުރުވީކަން ހާމަވެއްޖެ އެވެ.
މުޅި ޖުމްލަ 89000 ނަސްލީ ފުރައްސާރައިގެ ޕޯސްޓްތައް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފާހަގަކުރެވިފައިވެ އެވެ، މިއީ 2022ގެ 6700 އާ ބަލާފައި 13 ގުނަ އިތުރު އަދަދެކެވެ. މިދިޔަ ވޯލްޑްކަޕުގައި 6700 ކޮމެންޓް ފާހަގަވި ނަމަވެސް އެފަހަރު ގަތަރުގައި ކުޅެވުނީ 48 މެޗެވެ. މިފަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 72 މެޗު ކުޅެވެ އެވެ.
ނަސްލީ ފުރައްސާރައިގެ ތެރެއިން 11 އިންސައްތައަކީ އޮންލައިންކޮށް ކުރެވުނު ފުރައްސާރަ އެވެ. އެސްއެމްޕީއެސް އިން ބުނިގޮތުގައި މިއީ މީގެ ހަތަރު އަހަރުކުރިއާ ބަލާފައި 3 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ހާއްސަކޮށް އިތުރަށް ގޯސް، ނުބައި އަދި ބޮޑެތި ފުރައްސާރައިގެ މެސެޖުތައް އިތުރުވެފައިވާކަން ވެސް އެމީހުން ފާހަގަކުރި އެވެ.
ގާނޫނީ ހަމަތަކުގެ ތެރެއިން ފިޔަވަޅު އެޅުމަށް ކުފޫ ހަމަވާ 100 އަށް ވުރެ ގިނަ މިސާލުތައް ފާހަގަވެފައިވާއިރު މިކަންކަމަށް ކޭސް ފައިލް ތައްޔާރުކޮށް ފިޔަވަޅު އެޅޭނެ އެވެ. މިކަންކަން ދެނެގަތުމަށް ބޭނުންކުރާ އުކުޅުތައް އިތުރަށް ކުރިއަރާފައިވާއިރު އެސްއެމްޕީއެސްއިން ބުނެފައިވާ ގޮތުން ޑާޓާ ޓްރެންޑްތަކުން ދައްކާ ގޮތުގައި ނަސްލީ ގޮތުން ކުރެވޭ ފުރައްސާރަ ހާސްވާ މިންވަރަށް އިތުރުވެފައިވެ އެވެ.
ގަދަ 32 ގެ ބުރުގައި މިދިޔަ ހޯމަދުވަހު ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުން ނެދަލޭންޑްސް ބަލިވި މެޗަށްފަހު އެޓީމުން ޕެނަލްޓީ ނާކާމިޔާބުވި ހުރިހާ ކުޅުންތެރިންނަށް ވަނީ ނަސްލީ ފުރައްސާރަ ކުރިމަތިވެފަ އެވެ.
ޖަސްޓިން ކްލައިވާޓް، ކުއިންޓެން ޓިމްބާ އަދި ކްރައިސެންސިއޯ ސަމާވިލްއަށް ތަފާތުކުރުމާއި ނަސްލީ ފުރައްސާރަ އަދި ނަފުރަތު އުފެދޭ ކޮމެންޓްތަކެއް ސޯޝަލް މީޑިއާގެ މަންސަތަކުގައި ކޮށްފައިވާކަމަށް ރޯޔަލް ޑަޗް ފުޓްބޯޅަ އެސޯސިއޭޝަން (ކޭއެންވީބީ)އިން ބުނެފައިވެ އެވެ.
މުޅި ޖުމްލަ 6 މިލިއަނަށްވުރެ ގިނަ ޕޯސްޓާއި ކޮމެންޓް ސްކޭން ކުރެވުނުއިރު މިއީ 33 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މީގެތެރެއިން 225000 ޕޯސްޓާއި ކޮމެންޓް ވަނީ ވަކިން ދިރާސާކުރުމަށް ފާހަގަކުރެވިފަ އެވެ. އަދި މީގެތެރެއިން 1000 އެއްހާ އެކައުންޓް އިތުރަށް ތަހުގީގުކުރުމަށް ފާހަގަކުރެވުނުއިރު 181000 ނަފުރަތު އުފެދޭ ކޮމެންޓްތައް ވަނީ ފޮރުވިފަ އެވެ.




