ފީފާ ވޯލްޑްކަޕުގައި ވާދަކުރަމުން އަންނަ ޕޯޗުގަލުން ޑިއޮގޯ ޖޮޓާއަށްޓަކައި ޓީމުން އޮތީ ވޯލްޑްކަޕު އޭނާގެ ހައްގުގައި ތަށި ކާމިޔާބުކުރަން ކަމަށް އެޓީމުން ބުނެފި އެވެ.
"އަހަރެން އަދިވެސް އޭނާއާ ވާހަކަދައްކަން" ޑިއޮގޯ ޖޮޓާއާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާގެ ގާތް އެކުވެރިޔާ އަދި ކުރީގެ ޕޯޓޯއާއި ވުލްވުސް، ޕޯޗުގަލުގެ ޓީމްމޭޓް ރޫބެން ނެވޭސް ބުންޏެވެ.
ލިވަޕޫލަށް ކުޅެމުން އައި ޖޮޓާ ހިތާމަވެރި ކާރު އެކްސިޑެންޓެއްގައި ސްޕެއިނުގައި މަރުވިތާ މިހާރުވަނީ އަހަރެއް ވެފަ އެވެ. ޖޮޓާ އެކްސިޑެންޓްވެ މަރުވީ އޭނާގެ ދިގު މުއްދަތުގެ ލޯބިވެރިޔާ ރޫޓް ކާޑޯސޯއާ ކައިވެނި ކުރިތާ 11 ދުވަސް ފަހުންނެވެ. 3 ޖުލައި 2025 ގައި ހިނގި އެ އެކްސިޑެންޓްގައި ޖޮޓާއާ އޭނާގެ ބޭބެ އަންދްރޭ ސިލްވާ ވެސް ވަނީ މަރުވެފަ އެވެ.
"ވަރަށް މަދު މީހަކަށް މިކަން އެނގޭނީ" ޖޮޓާގެ ގައުމީ ޓީމުގެ ޖާޒީ ނަމްބަރު 21 ލައިގެން ވޯލްޑްކަަޕްގައި ވާދަކުރަމުން އަންނަ ރޫބެން ނެވޭސް ޕޯޗުގީޒް ޓީވީ ޝޯ އަލްޓަ ޑެފިނިކާއޯގައި ވާހަކަދައްކަމުން ބުނެފައިވެ އެވެ.
"އަހަރެމެން އިނދޭ ރޫޓް އަދި ޑިއޮގޯއާއެކީ ވަޓްސްއަޕް ގްރޫޕެއް، އަދިވެސް އެގްރޫޕް އިނދޭ، އަދި އަހަރެމެން އެގްރޫޕުގައި އަދިވެސް ވާހަކަދައްކަން. އަހަރެންގެ ވަޓްސްއަޕްގައި ހުރި އޭނާގެ މެސެޖުތައް އާކައިވްކޮށްފަ، އޭރުން ހާއްސަކަމެއް ހިނގާ ކޮންމެފަހަރަކު އަހަރެންނަށް އޭނައަށް މެސެޖު ފޮނުވޭނެ." ރޫބެން ނެވޭސް ބުންޏެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ޗުއްޓީ ނިންމާލާފައި ޕްރި ސީޒަނަށް އެނބުރި ލިވަޕޫލަށް ދިއުމަށް ދިޔަ ދަތުރުގައި އެހެން އުޅަނދެއް އޯވަޓޭކްކުރަނިކޮށް އޭނާގެ ލަމްބޯގިނީގެ ފުރޮޅެއް ފަޅައިގެން ގޮސްގެންނެވެ. އުމުރުން 28 އަހަރުގެ ޖޮޓާ އެނބުރި ލިވަޕޫލަށް ދިއުމަށް އިންގްލެންޑަށް ދަތުރުކުރީ ކާރު އަދި ފެރީގަ އެވެ. އޭގެ ދެމަސްކުރިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޖޮޓާއަށް ޑޮކްޓަރުން ވަނީ ކުޑަ އޮޕަރޭޝަނެއް ކޮށްފައިވުމުން ވައިގެ މަގުން ދަތުރުނުކޮށް އެއްގަމު މަގުން ދަތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ޖޮޓާ މަރުވިތާ އެއް އަހަރުފަހުން މިރޭ ޓޮރޮންޓޯގައި ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ގަދަ 16 ގެ ޖާގައެއް ހޯދުމަށް ކްރޮއޭޝިއާއާ ދެކޮޅަށް ޕޯޗުގަލުން ނުކުންނާނެ އެވެ. ކެނެޑާގެ ސިޓީއަށް މެޗު ބެލުމަށް ޕޯޗުގަލުގެ ސަޕޯޓަރުން ފުރާލާފައިވާއިރު މިމެޗަކީ ހެޑް ކޯޗު ރޮބާޓޯ މާޓިނޭޒްއާއި އޭނާގެ ކުޅުންތެރިންނާއި ސްޓާފުން އަދި އެތައް ހާސް ޕޯޗުގަލުގެ ފޭނުންނަށް ހާއްސަ މެޗަކަށް ވާނެ ކަމަށް ބެލެވެ އެވެ.
"ޑިއޮގޯއަކީ އަހަރެމެން އިރު އަދި އަލިކަން" މޭމަހު ސްކޮޑް އިއުލާންކުރިއިރު ހާއްސަ "ޕްލަސް ވަން" (12 ވަނަ ކުޅުންތެރިޔާ)ގެ ގޮތުގައި ޖޮޓާ ފާހަގަކުރި މާޓިނޭޒް ބުނެފައިވެ އެވެ. އަދި އޭނާ އިތުރަށް ބުނީ ޕޯޗުގަލުން ޖޮޓާއަށްޓަކައި ވޯލްޑްކަޕް ކާމިޔާބުކުރަން ބޭނުންވާ ކަމަށެވެ.
"އެންމެން އަހަރެމެންގެ ގާތުގައި ތިބިއްޔާ ކޮންމެ ކަމެއް ވެސް ވާނެ، ޝުކުރިއްޔާ، ޕޯޗުގަލް!" މަރުވުމުގެ އެއް މަސްކުރިން ޕޯޗުގަލުން ސްޕެއިން ބަލިކޮށް ނޭޝަންސް ލީގު ކާމިޔާބުކުރުމަށްފަހު ޖޮޓާ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
އަމިއްލަ ރަށުގެ ކުލަބް ގޮންޑޮމާއިން ޕާކޮސް ޑި ފެރޭރާއަށް އެއަށްފަހު ޕޯޓޯ އަދި ވޮލްވަހެމްޕްޓަން އަދި އެންމެފަހު ލިވަޕޫލަށް ސޮއިކުރި ޑިއޮގޯއަކީ އޭނާގެ ރަށުގައި އުއްމީދާއި ހިތްވަރުގަދަކަމުގެ ނަމޫނާއަކަށް ވެގެން ދިޔަ އެވެ.
ތަރިންގެ ލިސްޓަށް ޖޮޓާ ކުރި ދަތުރަށް ސަމާލުކަން ލިބިގެންދިޔައީ އެންމެ މަތީފަންތީގެ ޕޯޗުގީޒް ތަރިއެއް އެގައުމުގެ ބޮޑު 3 އެކެޑަމީގައި އެއްވެސް ވަގުތެއް ހޭދަނުކޮށް އެހާ މަތީ ފަންތިއަކަށް ދަތުރުކުރުމުންނެވެ. އޭނާ ޕޯޓޯ، ބެންފިކާ އަދި ސްޕޯޓިންގެ އެކެޑަމީގައި ވެސް ތަމްރީނު ހާސިލްކޮށްފައެއް ނުވެ އެވެ.
ލިވަޕޫލުން ހިތާމަ ފާޅުކުރިގޮތަށް 49 މެޗުން 14 ލަނޑު ގައުމީ ޓީމަށް ޖަހައިދިން ޕޯޗުގަލަށް ވެސް އޭނާގެ މަރުގެ ހަބަރުން ވަރަށް ބޮޑަށް އަސަރުކުރި އެވެ. އުއްމީދުތައް ކޮނޑަށް ލައިގެން މިވޯލްޑްކަޕުގައި ޕޯޗުގަލުން ވާދަކުރާއިރު ޕޯޗުގަލުގެ ކުޅުންތެރިންގެ ކޮނޑުގައި އޮތީ ގާތް އެކުވެރިއެއް އަދި ކުޅުންތެރިޔަކާ ނުލާ ކުޅެން ޖެހޭ ޖެހުމެވެ،
ހިއުސްޓަނުން މަޔާމީއަށް ޖޮޓާގެ ހަނދާންތައް މިވޯލްޑްކަޕުގައި އާވެގެންދާއިރު އޭނާގެ ހަނދާންތަކާއި އޭނާ މިފަހަރުގެ ވޯލްޑްކަޕުގައި ހުރިކަމުގެ އިހްސާސެއް ކުރެވެ އެވެ. މެޗުތަކުގެ ކުރިން ޕޯޗުގަލުގެ ގައުމީ ސަލާން އިއްވާއިރު އަބަދުވެސް ކަޅާ ހުދުގެ ޖޮޓާގެ ތަސްވީރެއް ބޮޑު ސްކްރީނުތަކުން އަބަދުވެސް ދައްކަ އެވެ.
ޕޯޗުގަލުގެ ފޭނުން މެޗުތަކަށް ޖޮޓާގެ ޖޯޒީތައް ލައިގެންދާއިރު އޭނާގެ ހަނދާނުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެންތިބި ކުޅުންތެރިން ވެސް އަންނަނީ ކޮންމެ މެޗެއްގައި ހާއްސަ ބޭންޑެއް އަތުގައި އަޅަމުންނެވެ. ފެއްސާއި ރަތުން ހަދާފައިވާ ބޭންޑްތަކަކީ ޕޯޗުގަލުގެ ބޮޑު ވަޒީރު ލުއިސް މޮންޓެނެގްރޯގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. އެބޭންޑުގައި އެކުޅުންތެރިޔެއްގެ ނަމާއެކު ޖޮޓާގެ ނަން އިންނަކަން ފާހަގަކޮށްލެވެ އެވެ.
"ރިސްޓްބޭންޑުގެ ވާހަކައަކީ ބޮޑުވަޒީރާ ބައްދަލުކުރަން ދިޔުމުން އެބޭފުޅާ އަހަރެމެންނަށް މި ބޭންޑް ދިނީ، އެމީހުން ޔަގީންކުރި މިބޭންޑަކީ އަހަރެމެންނަށް ދަނޑުމަތީގައި އެޅޭނެ ބޭންޑެއްކަން އަދި ބޭންޑްއަޅައިގެން ދަނޑަށް ވަނުމަށް ކުރަންޖެހޭނެ ހުރިހާ ކަމެއްގެ ތަފްސީލު ވެސް ކިޔައިދިން. އަދި ހުރިހާ ކުޅުންތެރިންގެ ނަމުގެ އިތުރުން ޑިއޮގޯ ޖޮޓާގެ ހާއްސަ ނަން ވެެސް އިނދޭ" ޕޯޗުގަލުގެ މިޑްފީލްޑަރު ވިޓީނިއާ ބުނެފައިވެ އެވެ.
ޖޮޓާއާ އޭނާގެ ބޭބެގެ ޖަނާޒާ އޮތީ ޕޯޓޯގެ ބޭރުގައި އޮންނަ ގޮންޑޮމާގައި 5 ޖުލައި 2025 ގަ އެވެ. އެމީހުންގެ ފައްޅިއަށް ޖޮޓާގެ ސަންދޯއް ހިފައިގެން ވަނުމަށް ނެވޭސް ވަނީ ކުލަބް ވޯލްޑްކަޕް މެޗެއްގައި އެމެރިކާގައި އަލްހިލާލަށް ކުޅުނުތާ ގަޑިއިރުތަކެއް ފަހުން އައިސް އެހީވެދީފަ އެވެ.
މިޑްފީލްޑަރު ނެވޭސް ވާތު ފައިގެ ކުޑަކަޅުވާގައި އެދުވަހަށްފަހު ނެވޭސްއާއި ޖޮޓާ ބައްދައިގެން ހުރި ޓެޓޫއެއް ޖަހާފައިވާއިރު އެޓެޓޫގައި ޖޮޓާ ހުރީ އޭނާގެ ޕޯޗުގަލުގެ 21 ނަމްބަރު ޖާޒީގަ އެވެ. އަދި ނެވޭސް އިތުރަށް ބުނީ އޭނާއާ އަދި މުޅި ޓީމުން އެމީހުންގެ ގާތުގައި ޓީމާއެކު ޑިއޮގޯއާ އޭނާގެ ހަނދާންތައް ދެމެހެއްޓުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"ޖޮޓާގެ މަރުގެ ހަބަރު ލިބުނުތާ ދެވަނަ ދުވަހަކީ އަހަރެންގެ ދިރިއުޅުމުގައި އައި އެންމެ އުދަނގޫ ދުވަސް. އަހަރެންނަށް އެންމެ މުހިއްމު ސަބަބަކަށް ވަނީ އަހަރެންނަށް ކުޅެވެނީ ފުރަތަމަ އޭނާއަށްޓަކައި ކުޅުމަށް ބޭނުންވެގެން" ނެވޭސް ބުނެފައިވެ އެވެ.
ޖޮޓާއަށް ހެދިގެން ދިޔަ ދާއިމީ މެމޯރިއަލްގެ ފޮޓޯތައް ލިވަޕޫލުން އެންފީލްޑްގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަސްވީރުތައް ހާމަކުރިއިރު ޕޯޗުގަލުން ވަނީ ލިސްބަންގައި ހުންނަ އެމީހުންގެ ޓްރެއިނިން ސެންޓަރުގައި "ބްރޯންޒް (ލޯ) ޓްރިބިއުޓެއް" ދައްކާލާފަ އެވެ.
ފުޓްބޯޅައިގެ އިތުރުން އެއަށްވުރެ މާ ބޮޑަށް ވެސް ޖޮޓާގެ މަރުގެ ސަބަބުން ހިތްދަތިވާކަމަށާއި އަދި އެހެންނަމަވެސް އޭނާގެ ވަރުގަދަ ހިތްވަރަކީ ވޯލްޑްކަޕުގައި ކުރިއަށްދާން ލިބޭ އިތުރު ބާރަކާ ހިތްވަރެއް ކަމަށް ކޯޗު މާޓިނޭޒް ބުނެ އެވެ. މުބާރާތުގެ ފެށުމުގައި ޕޯޗުގަލަށް ވަނީ ދަތިތައް ކުރިމަތިވެ އަދި ގްރޫޕް ބުރުގައި މޮޅުވީވެސް ތިންމެޗުގެ ތެރެއިން އެންމެ މެޗެއްގަ އެވެ.
އެހެންނަމަވެސް 2016 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަން ޕޯޗުގަލުން މިރޭ ކްރޮއޭޝިއާ އަތުން މޮޅުވެއްޖެނަމަ ގަދަ 16 ސްޕެއިން ނުވަތަ އޮސްޓްރިއާ ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ. ކުރިން ބެލްޖިއަމަށް ކޯޗުކަން ކޮށްދިން މާޓިނޭޒް އިތުރަށް ބުނެފައިވަނީ ކޮންމެ ދުވަހަކީ ވެސް އުދަނގޫ ދުވަހެއް ކަމަށާއި ޑިއޮގޯގެ ހަނދާންތައް ތަމްރީނުތަކުގެ ތެރޭގައި އަންނަ ބައެއް ހާލަތްތަކުގެ ސަބަބުން ހިތުތެރޭގައި އާކޮށްދޭ ކަމަށެވެ. އަދި ކްރޮއޭޝިއާއަަށް ދެކޮޅަށް ކުޅޭ މެޗަކީ ޖޮޓާގެ މެޗަކަށް ވަނީ އެނިވާސަރީގެ ސަބަބުން ކަމަށް ހީވާކަހަލަ ކަމަށް އަދި އަބަދުވެސް ޑިއޮގޯ ޕޯޗުގަލާއެކު ވާނެކަން މާޓިނޭޒް ފާހަގަކުރި އެވެ.




