"ކީއްވެ އަހަރުމެންނަށް ނުވާންވީ" މިއީ އަމިއްލަ ފަސްގަނޑުގައި ފުރަތަމަ ފަހަރަށް އެމެރިކާއިން 18 ޖުލައިގައި ވޯލްޑްކަޕެއް ހިއްލާލުމަށް އޮތް ފުރުސަތާ މެދު މަޝްވަރާކުރަމުން މާޗުމަހު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އުފެއްދި ސުވާލެވެ.
މުބާރާތަށް 21 ދުވަސް ވެގެންދިޔައިރު އަދި ފުޓްބޯޅައިގެ އެންމެ ފަހުރުވެރި ކާމިޔާބީ ހޯދުމަށް ކުޅެން ޖެހޭ 8 މެޗުން 4 މެޗު ކުޅެވުނު ނަމަވެސް އަދިވެސް މިސުވާލަށް ޖަވާބު ނުދެވެ އެވެ.
ސޭން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމުގައި އިއްޔެ ބޮސްނިއާ އެންޑް ހެޒެގޮވީނާ ބަލިކޮށް ސިއޭޓަލްގައި ހޯމަ ދުވަހު ބެލްޖިއަމާ ދެކޮޅަށް ނުކުތުމަށް ގަދަ 16 އަށް އެމެރިކާއިން ހޯދި ކާމިޔާބީ އެމީހުންނަށް ހައްގެވެ.
ނަމަވެސް އެކާމިޔާބީ އައީ އަގަކާ ނުލައެއް ނޫނެވެ. ކުރިން އާސެނަލަށް ކުޅުނު އަދި ދެލަނޑާއެކު ޕެރެގުއޭގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދައިދިނުމުގެ މޭސްތެރިޔާ 24 އަހަރުގެ ޒުވާން ކުޅުންތެރިޔާ ފޮލާރިން ބަލޯގަން އިއްޔެގެ މެޗުގައި އޭނާގެ ތިންވަނަ ލަނޑު ޖަހައިދިނެވެ.
އެހެންނަމަވެސް ބޮސްނިއާގެ ޑިފެންޑަރު ޓަރިކް މުހަރެމޮވިޗަށް ފަހަތުން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތްކާޑު ދައްކާފަ އެވެ. ބަލޯގަން ބޯޅަ ދިފާއުކުރުމަށް މަސައްކަތްކުރުމަށް ދިޔަ ވަގުތު މުހަރެމޮވިޗަށް އޭނާގެ ކުރިމައްޗަށް އެރުނު ވަގުތު ބަލޯގަންގެ ފައި ތިރިވާން އަޔެވެ. ނަމަވެސް ފައި ޖެހުނީ މުހަރެމޮވިޗުގެ ފައިގެ ކުޑަ ހުޅު މަތީގަ އެވެ. އަދި އަނިޔާ ބޮޑު ގޮތަކަށް ކުޑަ ހުޅު އެނބުރުނެވެ.
ހަގީގަތުގައި ގަސްތަކާ ނުލާ ކުރި ފައުލެއްގެ ގޮތުގައި ފެނިގެންދިޔަ ނަމަވެސް މެޗުގެ ރެފްރީ ބްރެޒިލުގެ ރަފައެލް ކުލައުސް މޮނީޓަރު ބެލުމަށްފަހު އޭނާއަށް ދެއްކި ސީދާ ރަތްކާޑު ދެމެހެއްޓި އެވެ. އެކާޑާއެކު ތާރީހު ފޮތްތަކުން ވެސް ބަލޯގަން ޖާގަ ހޯދި އެވެ. އެރޭ އޭނާ އެމެރިކާއަށް ވޯލްޑްކަޕެއްގައި ތިން ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށްވީއިރު ހަމައެއާއެކު ލަނޑެއް ޖަހާ އަދި ނޮކްއައުޓް މެޗެއްގައި ދަނޑުން ފޮނުވާލި ހަތަރުވަނަ ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދި އެވެ.
އޭގެ ކުރިން 1962 ގެ ސެމީގައި ބްރެޒިލުގެ ގަރިންޗާ، 2002 ގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ބްރެޒިލުގެ ޖާދޫގަރު ރޮނާލްޑީނިއޯ އަދި 2006 ވަނަ އަހަރު އިޓަލީއާ ދެކޮޅަށް ކުޅުނު މަޝްހޫރު ފައިނަލް މެޗުގައި ޒިނެދިން ޒިދާން ވެސް ވަނީ ލަނޑެއް ޖެހުމުގެ އިތުރަށް ރަތް ކާޑާއެކު ދަނޑުން ފޮނުވާލާފަ އެވެ.
ސީދާ ރަތްކާޑަކާއެކު ވަގުތުން އެއް މެޗުގެ ބޭނެއް އަންނައިރު އެ ކާޑާއެކު ބަލޯގަން އަށް ބެލްޖިއަމާ ދެކޮޅަށް ގަދަ 16 ބުރުގެ މެޗު ނުކުޅެވޭނެ އެވެ. އަދި ފީފާގެ އޮފިޝަލުން މުއްދަތު އިތުރުކުރަން ނިންމައިފިނަމަ އެމެރިކާ ކުއާޓާ އަދި ސެމީއަށް ދަތުރުކޮށްފި ހާލަތެއްގައި އެމެޗުތައް ނުކުޅެވުމުގެ ބިރު އެބައޮތެވެ.
ބެލްޖިއަމާ ދެކޮޅަށް ގަދަ 16 ނުކުންނަ މެޗުގައި ބަލޯގަންގެ ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ ގިނަ ދުވަސްތަކެއް ވަންދެން ފުލަމްއިން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ރިކާޑޯ ޕެޕީ އެވެ. ދަނޑުމަތީގައި މިމުބާރާތުގައި 184 މިނެޓުތެރޭ ނޫނީ އޭގެ ކުރިން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގައި ޕެޕީ ލަނޑެއް ޖަހާފައެއް ނުވެ އެވެ.
ޕީއެސްވީއަށް ކުޅޭ ކުޅުންތެރިޔާ އެންމެ ފަހުން ބައިނަލްއަގްވާމީ މެޗެއްގައި ލަނޑެއް ޖަހާފައިވަނީ 2024 ވަނަ އަހަރު ނޮވެމްބަރު މަހު ނޭޝަންސް ލީގު މެޗެއްގަ އެވެ. ރަތްކާޑަށް ފަހު ކްރިސްޓަލް ޕެލެސް އަދި ޔޫއެސް ޑިފެންޑަރު ކްރިސް ރިޗާޑްސް ބުނީ ހުރިހާ ކުޅުންތެރިން ވެސް ބަލޯގަންއަށް ސަޕޯޓުކުރާ ކަމަށެވެ.
"އަހަރެމެން އޭނާގެ ގާތުގައި ބުނިން އޭނާގެ ފަހަތުގައި ތިބޭނެ ކަމަށް އަދި އަހަރެމެންނަކީ 26 ކުޅުންތެރިންގެ ޓީމެއް އެންމެ ކުޅުންތެރިޔެއް ނޫން. އެކަމަކު ދެން އިން މެޗުގައި އޭނާގެ މަތިން ހަނދާން ވާނެ، އެހެންނަމަވެސް އަހަރެމެންނަށް އެނގޭ އޭނާގެ ބަދަލުގައި އެމެޗަށް އަރާ ކުޅުންތެރިޔަކު ވެސް ބަލޯގަން ފެންވަރަށް ކުޅޭނެކަން" ކްރިސް ރިޗާޑްސް ބުންޏެވެ.
އޭނާ އިތުރަށް ބުނީ އޭނާއަށް ހީވާ ގޮތުގައި މިކަމުން އެޓީމު ވާނީ އިތުރަށް ވަރުގަދަކަމަށާއި އެއް ކުޅުންތެރިޔަކު ދިއުމުން އޭގެ ބަދަލުގައި އެހެން ކުޅުންތެރިން އިސްނަގައިގެން ކުޅޭނެ ކަމަށެވެ. އަދި އެމީހުންނަކީ ޓީމެއް ކަމަށާއި އެންމެ ކުޅުންތެރިޔަކަށް ވުރެ އަދި 11 ކުޅުންތެރިންނަށް ވުރެ އެމީހުން ގިނަ ކަމަށް ވެސް ރިޗާޑްސް ބުނެފައިވެ އެވެ.
"ބަލޯގަންއަށް ރަތްކާޑު ދެއްކުމާއެކު އަހަރެންނަށް ހީވި މިއީއޭ ވަގުތަކީ އަހަރެމެންނަކީ ޓީމެއްކަން ދައްކަންވީ، އަދި ކުޅުންތެރިންގެ ލޮލުން އެނގިގެން ދިޔަ 'ކޯޗު އަހަރެމެން މިތިބީ ފައިޓްކުރަން ތައްޔާރަށް' އަދި އެއީ ވަރަށް ތަފާތުކަމެއް ސަޅިކަމެއް" ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އިތުރަށް ފާހަގަކުރި އެވެ.
"މި ކުޅުންތެރިން މިއަންނަނީ މި ގައުމުގައި ވަރުގަދަ ލެގަސީއެއް އުފައްދަމުން އަދި އަހަރެމެންގެ ވަރުގަދަ ފޭނުންނާއެކު ކޮންމެ ކަމެއް ވެސް ވާނެ، އެހެންވީމާ 'ކީއްވެ އަހަރުމެންނަށް ނުވާންވީ' " ޕޮޗެޓީނޯ ބުނެފައިވެ އެވެ.
ކުރީގެ އިނގިރޭސި ފޯވާޑް ސޫ ސްމިތަށް ހީވާ ގޮތުގައި ރަތްކާޑު ދައްކާ ކުޅުންތެރިޔަކު ގެއްލުމުން އެމެރިކާ ޓީމު އިތުރަށް ގާތްވެ އަދި ވަރުގަދައަށް ޑިފެންޑްކުރަން އުއްމީދު އާވި ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ސަބަބަކީ އެކަމުން އެނގިގެންދިޔައީ ޕްރެޝަރުގައި އެޓީމަށް ރަނގަޅަށް މަސައްކަތްކުރެވޭނެކަމާއި އަދި ބެލްޖިއަމާއި ވާދަކުރާއިރު ވަރުގަދަ ފުރުސަތެއް އޮތްކަމަށް ގަބޫލުކުރެވޭ ކަމަށް ސޫ ސްމިތު ބުނެފައިވެ އެވެ.
ބީބީސީ ވަންއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބަލޯގަން ދަނޑުން ފޮނުވާލުމަށްފަހު އެމެރިކާ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަގީގަތުގައި ވެސް ޕްރެފެޝަނަލް ކުޅުމެއް ކަމަށެވެ. އަދި ޑިފެންސަށް ބެލި ނަމަވެސް އެމީހުން ތިބީ ރަނގަޅު ހާލަތެއްގައި ކަމަށާއި ބޮސްނިއާއިން އެމީހުންގެ ހުރިހާ މަސައްކަތެއް ލަނޑެއް ޖެހުމަށް ކުރި ނަމަވެސް އެޓީމަށް ނިންމާނުލެވުނު ކަމަށް ވެސް ސޫ ބުންޏެވެ.
އޭނާ އިތުރަށް ބީބީސީގެ އިންޓަވިއުގައި ބުނީ މިމޮޅަކީ އެމެރިކާއަށް ހައްގު މޮޅެއް ކަމަށާއި އަދި އެމީހުންގެ ކުޅުމުން އަދި މިހާރު ދަތުރުކޮށްފައިވާ ހިސާބުން އޭނާއަށް ހީވާގޮތުގައި ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިފައިވާނެ ކަމަށެވެ. އަދި ބެލްޖިއަމަށް ހަމަ ގައިމުވެސް ވަރުގަދަ އިމްތިހާނެއް ކުރިމަތިކުރާނެކަމުގެ ޔަގީންކަން އޭނާ އޮތްކަމަށް ވެސް ބުންޏެވެ.




