twitterviber whatsapp telegramfacebookyoutube instagram
4th July 2026

ވޮޒީނިއާއާ މެސީ: އެންމެން ހީނުކުރި މެޗަށް ނަޒަރެއް!

މުޙައްމަދު އަހުމަދު
Jul 3, 2026

ލިއޮނަލް މެސީއާއި ވޮޒީނިއާގެ ވާދަވެރި މެޗެވެ. މިއީ އެންމެން ވެސް ފެނިދާނެ ކަމަށް ހީނުކުރާނެ މެޗެކެވެ. އެހެންނަމަވެސް މިހާރު މިމެޗަށް އެންމެންވެސް ތިބީ ކެތްމަދުވެފަ އެވެ.

ފީފާ ވޯލްޑްކަޕުގެ ރައުންޑް އޮފް 32 ގައި މިރޭ ރާއްޖެގަޑިން 3 ޖަހާއިރު ތިންފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން އަލަށް ވާދަކުރާ ކޭޕް ވާޑާ ދެކޮޅަށް ނުކުންނާނެ އެވެ.

ގިނަ މީހުން ބުނާގޮތުގައި ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މެސީ މިރޭ ވާދަކުރާނީ މީގެ 3 ހަފްތާކުރިން އެއްވެސް މީހަކު ނުދަންނަ 40 އަހަރުގެ ގޯލްކީޕަރަކާ އެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕުގައި ފެނުނު އެންމެ ތަފާތު ވާހަކަ އެވެ. އަލަތު ވޯލްޑްކަޕުގައި މުޅި ދުނިޔެ ސިއްސުވާލާ ނޮކްއައުޓް ބުރަށް ކޭޕް ވާޑުން ދަތުރުކުރީ އެވެ.

ގްރޫޕް ސްޓޭޖަށް ބެލި ނަމަވެސް ޔޫރަޕުގެ އެންމެފަހުގެ ޗެމްޕިއަން ސްޕެއިނުން ކޭޕް ވާޑު ލަދުގަންނަވާލާނެ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް ކޭޕް ވާޑުން ވަނީ ސްޕެއިން ލަނޑެއް ޖެހިޔަ ނުދީ މެޗު އެއްވަރުކޮށްފަ އެވެ. މިމެޗު ބެލެވިގެންދިޔައީ ވޯލްޑްކަޕެއްގައި އެންމެ ސިހުން ގެނުވި އެއް މެޗަށެވެ. އެއީ އަދި ކޭޕް ވާޑުން މޮޅުނުވެ ގެނުވި ބޮޑު ހައިރާންކަމެކެވެ.

ދެން އައި މެޗުގައި ދެފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އުރުގުއޭ އަދި ސައުދީ އަރަބިޔާއާ ވެސް އެއްވަރުކޮށް ގަދަ 32 ގެ ޖާގައެއް އެޓީމުން ޔަގީންކުރި އެވެ. ދެން ކުރިއަށް އޮތީ އާޖެންޓީނާ އެވެ. މިއީ ވޯލްޑްކަޕެއްގައި ފެންނާނެ އެންމެ ހައިރާންކުރުވަނިވި މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ތިންފަހަރުގެ ދުނިޔޭގެ ޗެމްޕިއަނުންނާއި އަލަތު ޓީމެއްގެ ކުރިމަތިލުން!

އެންމެ ގިނަ ވާހަކަތައް އެޓީމަކާމެދު ދެކެވޭ އަދި މިވަގުތުގެ ދުނިޔޭގެ ޗެމްޕިއަނުން މިރޭ ނުކުންނާނީ 2013 ވަނަ އަހަރު އަލަށް ހަމައެކަނި އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިވި ގައުމަކާ ދެކޮޅަށެވެ.

ފުރަތަމަ ފަހަރަށް 1930 ގައި އާޖެންޓީނާއިން ވޯލްޑްކަޕުގައި ވާދަކޮށް އުރުގުއޭ އަތުން ބަލިވެ ދެވަނަ ހޯދިއިރު ކޭޕް ވާޑަކީ ޕޯޗުގަލުގެ ބާރުގެ ދަށުގައި އޮތް ކުޑަ ކުޑަ އައްސޭރި އެކެވެ.

'ލަ އަލްބިސެލެސްޓް' (އާޖެންޓީނާ) މިހާތަނަށް ކޮލިފައިނުވަނީ ހަމައެކަނި އެންމެ ވޯލްޑްކަޕަކަށެވެ. އެއީ 1970 ގައި މެކްސިކޯގައި އޮތް މުބާރާތަށެވެ. އެހެންނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން 1938، 1950 އަދި 1954 ގެ މުބާރާތުގައި އެގައުމުން ވާދަނުކުރެ އެވެ.

އާޖެންޓީނާގެ ފުރަތަމަ ވޯލްޑްކަޕް އެޓީމުން ކާމިޔާބުކުރީ 1978 ގަ އެވެ. އެފަހަރު 3 - 1 ން ނެދަލޭންޑްސް ބަލިކޮށް ތަށި ނެގިއިރު ދެވަނަ ކާމިޔާބީ ހޯދީ 1986 ގެ ފައިނަލުގެ 2 - 1 ން ހުޅަނގު ޖަރުމަނު ބަލިކޮށްގެންނެވެ. އަދި އެޓީމުގެ 3 ވަނަ ވޯލްޑްކަޕް ތަށި ހޯދީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެންނެވެ.

އާޖެންޓީނާއިން ވަނީ ގިނަ ކާމިޔާބީތަކެއް ދެކުނު އެމެރިކާ ބައްރުން ވެސް ހާސިލްކޮށްފަ އެވެ. އެގޮތުން އެންމެ ފަހުގެ ދެމުބާރާތާއެކު ރެކޯޑް 16 ފަހަރަށް އެޓީމުން ކޮޕާ އެމެރިކާ ކާމިޔާބުކުރި އެވެ. 2022 ގެ މާޗުން ފެށިގެން ފީފާ ވޯލްޑް ރޭންކިންގެ ގަދަ 3 އަކުން ބޭރުނުވެ އެވެ. އަދި ފްރާންސުން މަގާމު މިދިޔަ އަހަރު އަތުލުމާ ހަމައަށް އެއްވަނައިގައި ދެ އަހަރު އާޖެންޓީނާ އޮތެވެ.

ކޭޕް ވާޑިއަން ފުޓްބޯޅަ ފެޑެރޭޝަން އުފެދިގެން އައީ 1982 ގަ އެވެ. އަދި ފީފާގެ މެމްބަރަކަށްވީ 1986 ގަ އެވެ. އޭރު އާޖެންޓީނާއިން އެޓީމުގެ ދެވަނަ ވޯލްޑްކަޕް ކާމިޔާބުކުރީ އެވެ. ފުރަތަމަ ފަހަރަށް 'ބްލޫ ޝާކްސް' (ކޭޕް ވާޑް) ވޯލްޑްކަޕް ކޮލިފައިން ކުޅެން ފެށީ 2002 ވަނަ އަހަރު އެވެ. އެހެންނަމަވެސް ހަގީގީ ފުރުސަތެއް ކިރިޔާ ވެސް ކޮލިފައިވުމަށް ފެނުނީ 2022 އަކާ ހަމައިންނެވެ. މީގެ 4 އަހަރުކުރިން ކޮލިފައިންގައި އެޓީމު ބަލިވީ ނައިޖީރިއާ އަތުން އެކަންޏެވެ. އަދި ގްރޫޕްގެ ފަހު މެޗު ލާގޮސްގައި އެއްވަރުވީ އެވެ. އެމެޗުން މޮޅުވިނަމަ ގަތަރު ވޯލްޑްކަޕަށް އެޓީމު ކޮލިފައިވީހެވެ.

2026 ގެ ކޮލިފައިންގައި 8 ފަހަރު ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ކެމަރޫނާ އެއް ގްރޫޕަކަށް ކޭޕް ވާޑް ޖެހުނު ނަމަވެސް 10 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. މިއީ މީގެ 13 އަހަރުކުރިން އަލަށް އެފްރިކާ ކަޕް އޮފް ނޭޝަންސް ކުޅުނު ޓީމަކާ ބަލާފައި ވަރަށް ބޮޑު ކުރި އެރުމެކެވެ. އެފަހަރު އެމުބާރާތުން އެޓީމު ކެޓީ ކުއާޓާ ފައިނަލުގައި ގާނާ އަތުންނެވެ. އެއަށްފަހު މިހާރު ޖުމްލަ 4 އެފްކޮންގައި ވާދަކޮށްފައިވާއިރު އެންމެފަހުން 2023 ގައި އަނެއްކާވެސް ގަދަ 8 އަކަށް ދަތުރުކުރި އެވެ.

އެހެންނަމަވެސް އެންމެފަހުން އޮތް 2025 ވަނަ އަހަރުގެ އެފްކޮންއަށް އެޓީމު ވޯލްޑްކަޕަށް ކޮލިފައިވި ނަމަވެސް ނުވެ އެވެ. ވޭތުވެދިޔަ 9 އަހަރު އެޓީމު ފީފާ ވޯލްޑް ރޭންކިންގެ 60-80 އާ ދެމެދު އުޅުނުއިރު މިރޭގެ މެޗަށް ނުކުންނާނީ ވޯލްޑް ރޭންކިންގެ 64 ވަނަ ގައުމުގެ ގޮތުގަ އެވެ.

އާޖެންޓީނާގެ ފަސް ކުޅުންތެރިޔެއް ކޭޕްވާޑުގެ މުޅި ފުރަތަމަ 11 އަށްވުރެ އަގުބޮޑު!

ކޭޕް ވާޑު ޓީމުގެ ހަގީގީ ބަދަލު ފެންނަން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ. އޭރުގެ ކޯޗު ޖޮއާއޯ ޑެ ޑިއުސް އެގައުމަށް ނިސްބަތްވާ އެކި ތަންތަނުގައި ދިރިއުޅޭ ކުޅުންތެރިން ބަލާ ގައުމީ ޓީމަށް މެޗެއް ނުކުޅޭ 8 ކުޅުންތެރިޔަކު ޓީމަށް ނެގި އެވެ.

މިހާރަކަށް އައިސް ގިނަ ގައުމީ ޓީމުތަކުން ކުޅުންތެރިން ހޯދުމުގައި ބިނާވަނީ އެބަޔެއްގެ ޑަޔަސްޕޯރާ އަށެވެ. ޑަޔަސްޕޯރާ އަކީ ދުނިޔޭގެ އެކި ތަންތަނަށް އުފަންވެ އަދި ދިރިއުޅޭ އެކަމަކު އެގައުމުތަކަށް ކުޅުމަށް ޝަރުތު ހަމަވާ މީހުންނެވެ.

ކޭޕް ވާޑުގެ ސްކޮޑުގެ 12 ކުޅުންތެރިން އުފަންވެފައިވަނީ އެގައުމަށެވެ. އެގޮތުން އެގައުމުން ވޯލްޑްކަޕުގައި 2 - 2 ން އުރުގުއޭއާ އެއްވަރުވި މެޗުގައި މުބާރާތުގެ ތާރީހުގައި އެގައުމަށް ލަނޑެއް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ ކެވިން ޕިނާ އަކީ ކޭޕް ވާޑުގެ ކެޕިޓަލް ސިޓީ ޕްރައިއާއަށް އުފަން ކުޅުންތެރިޔެކެވެ.

އެހެންނަމަވެސް އެމީހުންގެ ޑަޔަސްޕޯރާއަށް އެމީހުން ވަރަށް ބޮޑަށް ބަރޯސާވެ އެވެ. އެގޮތުން އެޓީމުގައި ނެދަލޭންޑްސްއަށް އުފަން 5، ފްރާންސަށް 3 އަދި ޕޯޗުގަލަސް އުފަން 3 ކުޅުންތެރިން ހިމެނެ އެވެ. އެޓީމުގެ އެއްވެސް ކުޅުންތެރިޔަކު އެގައުމުގެ ސެމީ ޕްރޮފެޝަނަލް ޑޮމެސްޓިކް ލީގަކަށް ނުކުޅެ އެވެ. 23 ކުޅުންތެރިން ޔޫރަޕުގައި ކުޅޭއިރު އެއްވެސް ބައްރެއްގެ ގަދަ 5 ލީގުގެ ތެރެއިން ލީގެއްގައި ކުޅެނީ އެންމެ ކުޅުންތެރިޔެކެވެ. އެއީ ލަލީގާގެ ވިޔަރެއާލަށް ކުޅޭ ޑިފެންޑަރު ލޯގަން ކޮސްޓާ އެވެ.

މިފަހަރުގެ ވޯލްޑްކަޕުގެ އެންމެ ތަފާތު އަދި އެންމެން އާޝޯހުކޮށްލި 40 އަހަރުގެ ކޭޕްވާޑު ކީޕަރު ވޮޒީނިއާ އަކީ އަންގާރަ ދުވަހަށްފަހު ރަސްމީކޮށް ފްރީ އޭޖެންޓެކެވެ. ޕޯޗުގަލުގެ ދެވަނަ ޑިވިޝަނުގެ ޗާވެސްއަށް ކުޅޭ ވޮޒީނިއާ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އަންގާރަ ދުވަހު ހަމަވާނެ އެވެ.

ވޮޒީނިއާ އަކީ ޕޯޗުގަލުގައި ކުޅޭ 7 ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އެހެންނަމަވެސް ބެންފިކާގައި ހުރެފައި ޓްރަބްޒޮންސްޕޯރއާ ގުޅޭ ފުލްބެކް ސިޑްނީ ލޮޕޭސް ކަބްރާލް އަކީ ބޮޑު ކުލަބަކަށް ކުޅޭ ހަމައެކަނި ކުޅުންތެރިޔާ އެވެ. ބައެއް ވެބްސައިޓްތަކުން (ޓްރާންސްފާމާކެޓް) ހާމަކުރާ ގޮތުގައި މުޅި ކޭޕް ވާޑް ސްކޮޑުގެ އަގަކީ 54.5 މިލިއަން ޔޫރޯ ނުވަތަ 46.8 މިލިއަން ޕައުންޑެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި ވާދަކުރާ 48 ޓީމުގެ ތެރެއިން މިލިސްޓުގައި ކޭޕްވާޑަށް ވުރެ ދަށުގައި އޮތީ 9 ގައުމެކެވެ. އޭގެތެރެއިން އެންމެ ދަށުގައި އޮތީ 19.9 މިލިއަން ޔޫރޯ ނުވަތަ 17.1 މިލިއަން ޕައުންޑުގެ އަގަކާއެކު ގަތަރެވެ. އަނެއްކޮޅުން ދުނިޔޭގެ މަޝްހޫރު އެތައް ކުޅުންތެރިންނެއް ހިމެނޭ އާޖެންޓީނާ ސްކޮޑުގެ އަގަކީ 807.5 މިލިއަން ޔޫރޯ ނުވަތަ 693.7 މިލިއަން ޕައުންޑެވެ. މިލިސްޓުގެ އެއްވަނައިގައި އޮތީ 1.52 ބިލިއަން ޔޫރޯ ނުވަތަ 1.31 ބިލިއަން ޕައުންޑްގެ ސްކޮޑަކާއެކު ފްރާންސެވެ.

އާޖެންޓީނާ ސްކޮޑަށް ބަލާއިރު އެޓީމުގެ ދެކުޅުންތެރިޔަކު އާޖެންޓީނާގެ ޑޮމެސްޓިކް ލީގުގައި ރިވަޕްލޭޓް އަދި ބޮކަ ޖޫނިއާސްއަށް ކުޅޭއިރު އެކަކު ބްރެޒިލްގެ ޕަލްމޭރަސްއަށް ކުޅެ އެވެ. މިޑްފީލްޑަރު ރޮޑްރިގޯ ޑި ޕައުލްއާއި ފޯވާޑް ލިއޮނަލް މެސީ މޭޖާރ ލީގު ސޮކާގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނައިރު ބާކީ 21 ކުޅުންތެރިން ކުޅެމުން އަންނަނީ ޔޫރަޕުގެ ގަދަ 5 ޑޮމެސްޓިކް ލީގުތަކުގަ އެވެ.

އާޖެންޓީނާ ޓީމުގެ ތެރެއިން އާޖެންޓީނާއަށް އުފަން ނުވާ ތިބީ އެންމެ ދެކުޅުންތެރިންނެވެ. އެއީ އިޓަލީގެ ރޯމަށް އުފަން ގިއުލިއާނޯ ސިމިއޯނޭއާއި ސްޕެއިންގެ ޓެނެރީފޭއަށް އުފަން ނީކޯ ޕާޒް އެވެ. ހަމައެކަނި ފުރަތަމަ އެގާރައަށް ބަލާއިރު އާޖެންޓީނާގެ އަގަކީ 360.3 މިލިއަން ޕައުންޑެވެ. އޭގެތެރެއިން އެންމެ އަގުބޮޑު ކުޅުންތެރިޔަކީ 77.4 މިލިއަން ޕައުންޑާއެކު ޗެލްސީގެ އެންޒޯ ފަނާންޑޭޒް އެވެ.

ކޭޕް ވާޑް ޓީމުގެ ފުރަތަމަ އެގާރައިގެ އަގު 19.77 މިލިއަން ޕައުންޑަށް އަރާއިރު އެޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ޓްރަބްޒޮންސްޕޯއަށް ކުޅޭ ވަގްނާ ޕިނާ އެވެ. އޭނާގެ މާކެޓު އަގަކީ 9.5 މިލިއަން ޕައުންޑެވެ. އެހެންނަމަވެސް އޭނާ ވޯލްޑްކަޕުން މިފަހަރު ފެނިގެންދިޔައީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަބްރަލް ސަސްޕެންޑްވުމުން ބަދަލުގައި ކުޅެން ނުކުތުމުންނެވެ.

ކޭޕް ވާޑުގެ ސްކޮޑް އަގުގެ ބޮޑު ހިއްސާއެއް ކަބްރަލްއާއި ކްރަސްނޮޑާސްގެ ކެވިން ޕިނާ އަދާކުރެ އެވެ. އެއީ 3.4 މިލިއަން ޕައުންޑުގެ ކަބްރަލްއާއި 4.3 މިލިއަން ޕައުންޑުގެ ޕިނާ އެވެ. އާޖެންޓީނާގެ މުޅި ޓީމު ކޭޕްވާޑުގެ މުޅި ސްކޮޑަށް ވުރެ 18 ގުނަ އަގުބޮޑުއިރު އެޓީމުގެ 5 ކުޅުންތެރިޔެއް މުޅި ކޭޕް ވާޑް ޓީމަށް ވުރެ މާކެޓް އަގު ބޮޑެވެ.

ތަށިތަކަށް ބެލި ނަމަވެސް ކުރީގައި އޮތީ އާޖެންޓީނާ އެވެ. އާޖެންޓީނާގެ ސްކޮޑުގެ 16 ކުޅުންތެރިންނަކީ މިހާރުވެސް ދުނިޔޭގެ ޗެމްޕިއަނުންނެވެ. އަދި އޭގެ ތެރޭގައި ޔޫރަޕާއި ޑޮމެސްޓިކް ލީގުތަކުގައި އެތައް ލީގު ތައްޓާއި އެހެނިހެން ތަށިތައް ހިމެނެ އެވެ.

ކޭޕް ވާޑަށް ބަލާނަމަ އެޓީމުގެ ކާމިޔާބީތައް ހުރީ ދަށް ލީގުތައް ހުންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައިޕްރަސް، ހަންގޭރީ، ޔޫއޭއީ އަދި އެމެރިކާގެ އެމްއެލްއެސް ކަހަލަ ލީގުތަކުގަ އެވެ. އެންމެ ބޮޑު ކާމިޔާބަކީ 2020-21 ވަނަ ސީޒަނުގައި ސްޕޯޓިން ސީޕީއާއެކު ޖޮވާނޭ ކަބްރަލް ޕޯޗުގީޒް ލީގު ކާމިޔާބުކުރުމާއި 2024-25 ވަނަ ސީޒަނުގައި ކްރަސްނޮޑާއާއެކު ކެވިން ޕިނާ ރަޝިއަން ޕްރިމިއާ ލީގު ހޯދި ހޯދުމެވެ.

ޕޯޗުގީޒުގެ ކޮލޮނީއަކުން 1975 ގައި މިނިވަންކަމަށް!

ކޭޕް ވާޑަކީ އެޓްލާންޓިކް ކަނޑުގައި އޮންނަ 10 ރަށުގެ މައްޗަށް އެކުލެވޭ ކުޑަ ކުޑަ ގައުމެކެވެ. އެތަނުން 9 ރަށުގައި މީހުން ދިރިއުޅެ އެވެ. އަދި އެފްރިކާގެ 450 ކިލޯމީޓަރު ދުރުން ސެނެގާލާ އެންމެ ކައިރީގައި އޮންނަ މި ގައުމަކީ މެކެރޮނޭޝިއަން، ކެނެރީ އައިލޭންޑްސް އަދި މަދީރާގެ ބައިތަކެކެވެ.

15 ވަނަ ގަރުނާއި ހަމައަށް އެއްވެސް މީހަކު މިގައުމުގައި ދިރި ނޫޅޭއިރު ދިގު މުއްދަތަކަށް މިގައުމަކީ އަޅުން ވިއްކުމަށް ބޭނުންކުރި ސެންޓްރަލް ހަބެކެވެ. 1975 ގައި މިނިވަންވުމާ ހަމައަށް ކޭޕް ވާޑް އޮތީ ޕޯޗުގަލްގެ ދަށުގައި އެގައުމުގެ ކޮލޮނީއެއްގެ ގޮތުގަ އެވެ.

4033 ސްކޮޔާ ކިލޯ މީޓަރުގެ މިގައުމުގެ އާބާދީއަކީ ޔުނައިޓެޑް ނޭޝަންސްއިން ރިޕޯޓުކުރާ ގޮތުގައި ގާތްގަނޑަކަށް 530000 އެއްހާ މީހުންނެވެ. މިއީ އެމެރިކާގެ ކޮންމެ 50 ސްޓޭޓެއްގެ އާބާދީއަށްވުރެ ވެސް ކުޑަ ގައުމެކެވެ. އަދި ކުރަސާއޯއާއި އައިސްލެންޑުގެ ފަހަތުން ކޭޕް ވާޑަކީ ވޯލްޑްކަޕެއްގައި ވާދަކުރި 3 ވަނައަށް އެންމެ ކުޑަ ގައުމެވެ.

މީގެއިތުރުން ވޯލްޑްކަޕެއްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމަށް ކޭޕް ވާޑްވާއިރު 1958 ން ފެށިގެން ނޯތު އަޔަލެންޑުން ދަމަހައްޓަމުން އައި މިރެކޯޑް ކޭޕް ވާޑުން މިވަނީ މުގުރާލާފަ އެވެ. ކޭޕް ވާޑާ ބަލާއިރު އާޖެންޓީނާ އެތައް ހާސް ގުނައެއް ބޮޑެވެ. ޔޫއެންއިން ހާމަކުރާ ގޮތުގައި 46 މިލިއަނުގެ އާބާދީއެއް އޮންނަ އާޖެންޓީނާގެ ބިމުގެ ސައިޒަކީ 2.8 މިލިއަން ސްކޮޔާރ ކިލޯ މީޓަރެވެ.

އާޖެންޓީނާއަކީ ދުނިޔޭގެ އަށްވަނައަށް އަދި ދެކުނު އެމެރިކާގައި ބްރެޒިލަށްފަހު ދެވަނައަށް އެންމެ ބޮޑު ގައުމެވެ. އާޖެންޓީނާގެ ޖީޑީޕީ (ހުރިހާ މުދަލަކާއި ހިދުމަތްތަކުގެ ޖުމްލަ މާކެޓް އަގު) އަކީ 683 ބިލިއަން ޑޮލަރެވެ. މިއީ ކޭޕް ވާޑުގެ 3 ބިލިއަން ޑޮލަރާ އަޅާ ކިޔޭވަރަށްވުރެ މާ ބޮޑު އަދަދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355