އަހަރެންނަށް ވަރަށް ގިނަ ވާހަކަތައް އަޑުއިވިއްޖެ އިންގްލެންޑުން އަޒްޓެކާ ސްޓޭޑިއަމުގައި ކުޅެން ޖެހޭ ހާލަތްތަކާ މެދު، އެކަމަކު އަހަރެންނަކަށް ހިއެއް ނުވޭ އެއިން ކަމަކާ އެއްވެސް ކުޅުންތެރިޔަކު ހާސްވާނެހެނެއް - އެލަން ޝިއެރާ
"ކުރިމަތިވެދާނެ އެއްވެސް އިމްތިހާނަކާމެދު ބިރުގަތުމަށްވުރެ ކުޅުންތެރިން ވިސްނާނީ ކޮންމެ ކަމެއް ކުރިމަތިވި ހެޔޮކަމަށާއި އަދި ބުނާނީ ކޮންމެކަމެއް ވިއަސް ކުރިމަތިކުރާށޭ، އަހަރެންނަމަ ހަމަ ޔަގީން ހިތަށް އަރާނީ އެހެންކަން" ބީބީސީން ހާމަކުރިގޮތުގައި އިންގްލެންޑް ކުރީގެ ކުޅުންތެރިޔާ އެލަން ޝިއެރާ ބުނެފައިވެ އެވެ.
އޭނާ ބުނެފައިވަނީ ބަހަނާ ހުސްވުމުން ހުރިހާ ވާހަކައެއް ހުއްޓޭކަމަށާއި އަދި އެކަމަށް ނުވިސްނާ މެޗު ކުޅެފިނަމަ އޭނާއަށް ބެލެވޭ ގޮތުގައި އިންގްލެންޑް މޮޅުވާނެކަމަށެވެ. އެހެންނަމަވެސް މެޗު އުދަނގޫވާނެ ކަމަށް އަދި މާހައުލާއި އުސްމިނާއި އެހެންކަން ކަމުގެ ސަބަބުން ވެސް އިތުރަށް އުދަނގޫވާނެ ކަން ޝިއެރާ ފާހަގަކުރި އެވެ.
ކޯ ހޯސްޓް މެކްސިކޯ އިންގްލެންޑާ ދެކޮޅަށް ގަދަ 16 ގައި މިރޭ ނުކުންނާނީ އެމީހުންގެ އަމިއްލަ ފަސްގަނޑުގަ އެވެ. ޝިއެރާ ވަނީ އަމިއްލަ ފަސްގަނޑުގައި ކުޅޭތީ 80 އިންސައްތަ ސަޕޯޓަރުން އެމީހުންގެ ފަޅިން ތިބޭނެކަމަށް ލަފާކޮށްފަ އެވެ. އަދި މިއީ މިހާތަނަށް މިމުބާރާތުގައި އިންގްލެންޑުން ކުރިމަތިލީ ކަހަލަ ކަމެއް ނޫނެވެ.
އެހެންނަމަވެސް ކުޅުންތެރިޔެއްގެ ހައިސިއްޔަތުން، މިކަހަލަ މެޗުތަކާއި ހާލަތްތަކަކީ ތަމްރީނުވެ އެތައް މަސައްކަތްތަކެއް ކުރާކަމެއް ކަމަށާއި އަދި އެހާ މަޝްހޫރު ދަނޑަކަށް ދަތުރުކޮށް އެތައް މިލިއަން ބަޔަކު ޓީވީން ބަލާ ވޯލްޑްކަޕު މެޗެއްގައި އަދި މެޗުން މޮޅުވާ ބަޔަކަށް ލިބޭ ނަތީޖާ އަކީ ކުއާޓާ ފައިނަލުކަމަށް ވުމަކީ ކުޑަކުއްޖެއްގެ ގޮތުގައި ވެސް ދެކޭނެ އެންމެ ބޮޑު ހުވަފެނެވެ.
"ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ޓީވީން 1986 ގެ ވޯލްޑްކަޕް އަހަރެން ބެލީންސުރެ އަބަދުވެސް އަޒްޓެކާއަށް ދާން ބޭނުންވޭ، އަދި މިއީ އާޖެންޓީނާ އަތުން އެފަހަރު ކުއާޓާ ފައިނަލުގައި ބަލިވުމަށްފަހު އެނބުރި އަންނަ ފުރަތަމަ ފަހަރު. މިއީ ވަރުގަދަ މެޗަކަށް އަދި އެހާމެ ބޮޑު އިމްތިހާނަކަށް ވާނެ. އެމެރިކާގައި މިފަހަރު އަހަރެން ވަރަށް ގާތުން އިންގްލެންޑް ބަލައިފިން، އަދި މިހާތަނަށް ކުޅެވުނު ހަތަރު މެޗުގެ ވެސް ސަޕޯޓަރުންގެ އަގްލަބިއްޔަތު އޮތީ އަހަރެމެންގެ އަތުގައިއެލަން ޝިއެރާ
ޝިއެރާ ބުނާގޮތުގައި އެޓަލާންޓާގައި ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅުނު ގަދަ 32 ވަނަ ބުރުގެ މެޗުގެ ސަޕޯޓަރުންގެ 75 އިންސައްތައަކީ އިންގްލެންޑަށް ސަޕޯޓުކުރި މީހުން ކަމަށެވެ. އެހެންނަމަވެސް މިފަހަރު މިއީ ވަރަށް ތަފާތު އިހްސާސަކަށްވާނެ ކަމަށް އަދި އެއީ މިމެޗު ބެލުމަށް ކުރީބައިގައި ތައްޔާރުވުމަށް އެންމެ ބޮޑު އެއް ސަބަބު ކަމަށް އޭނާ ބުންޏެވެ.
މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗަށް ގާއީ މަވްބްރޭއާއެކު ކޯ-ކޮމެންޓޭޓްކުރުމަށް އޭނާ ދާނެކަމަށާއި ސަޕޯޓަރުންނެކޭ އެއްވަރަށް އޭނާއަށް ވެސް ވަރަށް ބޮޑަށް މިމެޗާމެދު ފޯރި އުފެދިފައިވާ ކަމަށް އަދި ކުޅުންތެރިން ވެސް ތިބޭނީ އެކަހަލަ ހާލަތެއްގައި ކަމަށް އޭނާ ބުންޏެވެ. އަދި މިމެޗަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި އެހެންނަމަވެސް ކުޅުންތެރިންގެ ގާތުގައި އަހަރެން ބުނާނީ ފައްސިކޮށް ތިބެ އެވަގުތުކޮޅު ހިތްހަމަޖެހިލައިގެން ތިބެ މަޖާކޮށްލާ އަދި ޓީމުގެ ފެންވަރު އެންމެންނަށް ވެސް ދައްކާލުމަށެވެ.
މިމެޗުގެ އަޑު ބޮޑަށް ގަދަވެގެން ދިޔައީ މެޗު ފެށޭ ގަޑިއާ މެދު އުފެދިގެން ދިޔަ ސުވާލުތަކާ ގުޅިގެންނެވެ. އެކަމަކު މެޗު ހަމަޖެހިފައިވާ ގަޑިއަށްވުރެ އަވަސްކޮށް އެކަން އެގޮތަށް ބަދަލުވާނެ ގޮތެއް ނުވިސްނެ އެވެ. އެއީ މޮޔަ ވިސްނުމެއް އަދި އެކަން އެގޮތަށް ކުރިނަމަ ދުނިޔޭގެ އެތައް ދިމާލަކުން މެޗު ބެލުމަށް އަންނަ އެތައް ހާސް ސަޕޯޓަރުންނަށް އުދަނގޫވެ ނޭދެވޭ އަސަރުކުރާނެ ކަމަށް ޝިއެރާ ބުނެފައިވެ އެވެ.
އެހެންނޫނަސް މެކްސިކޯ ސިޓީގައި އެހާ އަޑުގަދަ އެވެ. އަދި ހުކުރު ދުވަހު އިންގްލެންޑުން ހޮޓަލަށް ދިޔުމުން ކީ މަރުހަބާ ފެނުނު ކަމަށާއި އަދި ގަދަ 32 ގައި މެކްސިކޯއާ ދެކޮޅަށް އެކުއަޑޯއިން ކުޅުނު މެޗުގެ ކުރިން ކާރު ބަރުގޮނޑުތަކާއި ހަވާގެ ކުޅިވަރުތަކުން ނިދިޔަނުދީ ބޭތިއްބިކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.
އަދި އިންގްލެންޑް މެޗުގެ ކުރީ ރޭ އުދަނގޫތަކެއް ވެއްޖެކަން އެނގުނު ނަމަވެސް ހައިރާނެއް ނުވާނެ ކަމަށް އޭނާ ބުންޏެވެ. ހޮޓަލުގައި އެލާމެއްގެ އަޑު ނުވަތަ އެކަހަލަ އެހެންކަމެއް ވިއަސް އެއީ އާކަމެއް ނޫން އަދި މިކަންކަން ޕްރިމިއާ ލީގު މެޗެއްގެ ކުރިން ކޮންމެތާކު ހުއްޓަސް ބައެއްފަހަރު ހިނގަ އެވެ. މިއީ އުދަނގޫ ބޮޑު ކަމެއް ނަމަވެސް އެކަން ގަބޫލުކޮށްގެން އެއާއެކު ޖެހޭނީ ކުރިއަށް ދާށެވެ.
އަދި އެކަން އެގޮތަށް ހިނގި ނަމަވެސް އެކަމުން އިނގިރޭސި ކުޅުންތެރިންނަށް އުދަނގުލެއް ވާނެ ކަމަށް އަދި އަޒްޓެކާގައި މެކްސިކޯގެ ރެކޯޑަށް ވެސް ބަދަލެއް އަންނާނެހެން ހީނުވާ ކަމަށް ޝިއެރާ ބުނެފައިވެ އެވެ. އަދި އަނެއްކާވެސް ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނައިން އިވިއްޖެ ކިޔާތާ 1966 ގެ ފަހުން އަޒްޓެކާގައި މެކްސިކޯ ކުޅުނު 89 މެޗުގެ ތެރެއިން އެޓީމު ބަލިވެފައިވަނީ އެންމެ ދެމެޗުން ކަމަށް، މިއީ އިހްތިރާމް ލިބެންޖެހޭ ވަރުގެ ކާމިޔާބެއް އެކަމަކު މެކްސިކޯއިން ކުޅުނު ޓީމުތަކާ ބަލާފައި ބުނެވޭނީ ކޮންމެފަހަރަކު ވަރުގަދަ ޓީމަކާ ޖެހިފައެއް ނެތްކަމަށް ޝިއެރާ ބުނެ އެވެ.
"މިކަމުގެ ސަބަބުން ހަމަ ގައިމުވެސް އަހަރެންގެ ހިތަކަށް ނާރާ އެމީހުންނަކީ ބަލިނުކުރެވޭނޭ ބައެއްކަމަކަށް އެކަމަކު އަނެއްކާވެސް ކުޅުންތެރިންގެ ހައިސިއްޔަތުން ބަލާއިރު މިއީ އެއްކަލަ ބުނާހެން އެނގޭ ވައްތަރުކަމެއް އަދި ހިތަށް އަރާނީ 'އެންމެ ރަނގަޅު، އަހަރެމެން މި ޗެލެންޖާ ވެސް ކުރިމަތިލާނީ އުފަލުން ތިބެ'" ޝިއެރާ ބުންޏެވެ.
އިންގްލެންޑް މޮޅުވާނެ ކަމަށް އުއްމީދުކުރާއިރު ތޯމަސް ޓުޝެލް އޭނާގެ ޓީމާ ގުޅިގެން ނިންމުން ޖެހޭ ބައެއް ނިންމުންތަކެއް އެބަހުރިކަން ޝިއެރާ ފާހަގަކުރެ އެވެ. އެގޮތުން އޭނާ ފާހަގަކުރިގޮތުގައި މިހާތަނަށް މި ވޯލްޑްކަޕްގައި 3 ގޯލު ޖަހާފައިވާ މެކްސިކޯގެ ޖޫލިއަން ކުއިންނޯނެސްއަކީ އެޓީމުގެ އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ ކަމަށާއި ކަނާތު ބެކަށް ކުޅޭ ކުޅުންތެރިޔަކު ކުއިންނޯނެސްއާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ޓުޝެލްއަށް ޑީޖެޑް ސްޕެންސް ކުޅުވައިފިނަމަ ޑިފެންސިވް ގޮތަކަށް ޓީމު އެއްހަމައެއްގައި ހިފެހެއްޓުމަށް ފަސޭހަވާނެކަމަށާއި އެހެންނަމަވެސް ކުރިއަށް ދާދިއުމުގައި އިންގްލެންޑަށް ކޮންމެވެސް ވަރަކަށް މިކަމުން ގެއްލުންވެދާނެ އަދި މިއީ ކޮންމެ ކުޅުންތެރިޔަކު ކުޅުނު ނަމަވެސް ނަޒަރު ނަގައިނުލާ ބަލަން ޖެހޭ ސަރަހައްދެއްކަމަށް ޝިއެރާ ބުނެފައިވެ އެވެ.
އަދި ހަމަ މިއުސޫލު ދެފަޅިން ވިންގަށް ވެސް ހިނގާނެކަމަށެވެ. މިއީ ކުޅުންތެރިން އެކިގޮތް ގޮތަށް ޓުޝެލް ކުޅުންތެރިން އަނބުރަމުންދާ ދިމާލެކެވެ. ކޮންގޯގެ މެޗުގައި ދެއްކި ކުޅުމާއެކު ވާތްފަޅިން އެންތަނީ ގޯޑަން ފުރަތަމަ 11 ހައްގުވާކަމަށް ޝިއެރާ ބުނި ނަމަވެސް އޭނާއަށް ކަނާތް ފަޅިން ފުރުސަތު ލިބޭނީ ނޯނީ މަޑުއޭކޭއަށް ތޯ ނޫނީ ބުކާޔޯ ސަކާއަށް ކަމެއް ޔަގީންނުވެ އެވެ.
"އެހެންނަމަވެސް އަހަރެންނަމަ ބަދަލު ނުކުރާނެ އެއް ސަރަހައްދަކީ މެދު ތެރެ، އަހަރެން ޑެކްލަން ރައިސް ކަނާތު ބެކުގައި ފެށުމާމެދު މާބޮޑަކަށް ނުވެސް ވިސްނާނަން، އެއީ ކޮންގޯ މެޗު އޭނާ ނިންމާލިތަން ނަމަވެސް އަހަރެން އެހެން މިބުނަނީ އެލިއޮޓް އެންޑަސަންއާއި ޖޫޑް ބެލިންގްހަމްއާއެކު މެދުތެރެ ވަރަށް ބޮޑަށް ފަޅިއަކަށް ނުގޮސް ހިފެހެއްޓިފައި އޭނާގެ ސަބަބުން އޮންނާތީ، ޓުޝެލް ކޮންމެ ޓީމެއް ހޮވިޔަސް، އަހަރެމެން މެޗު ފަށަން ޖެހޭނީ ޑީއާރު ކޮންގޯއާ ދެކޮޅަށް ފެށި ވަރަށްވުރެ އަވަހަށް، މާ ނެގިމަޑުކޮށް ފެށި އެއްގޯލު އަހަރެމެން ކޮޅަށް ކުރީކޮޅު ވަދެއްޖެނަމަ، އެނބުރި އަންނަން ވަރަށް އުދަނގޫވާނެ" ބީބީސީ ސްޕޯޓްސްއަށް އެލަން ޝިއެރާ ބުނެފައިވެ އެވެ.
ގަދަ 16 އަކީ ވަރުގަދަކޮށް އަދި ރަނގަޅަށް މުބާރާތް ފެށޭ ވަގުތުކަމަށާއި އަދި ކުރިއަށްވާނެ ގޮތަކާމެދު ވަރަށް ބޮޑު ޝައުގުވެރިވާކަމަށް ޝިއެރާ ބުނެފައިވެ އެވެ. އޭނާ ބުނިގޮތުގައި އެއްވެސް ޝައްކެއް ނެތި މިފަހަރުގެ މުބާރާތުގެ އެންމެ ވަރުގަދަ ވާހަކައަކީ ލަނޑެއްނުޖެހި ސްޕެއިނާ އެއްވަރުކޮށްލަން ކޭޕް ވާޑުން ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުމާއި އެއަށްފަހު ގަދަ 32 ގައި އާޖެންޓީނާއަށް ދެކޮޅަށް ދެއްކި ކުޅުމެވެ.
އެންމެ ފަހު ވަގުތު މެޗު ނިމުނުއިރު އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން އަތުން ކޭޕް ވާޑް ބަލިވިނަމަވެސް އެމީހުން ދެއްކީ ހައިރާންކުރުވަނިވި ކުޅުމެއް ކަމަށާއި އަދި އެނަތީޖާއާއެކު ބަލިވި ނަމަވެސް އެޓީމުގެ ކުޅުންތެރިން ލަދުން އިސްޖަހަން ނުޖެހޭނެކަމަށް އޭނާ ބުނެފައިވެ އެވެ.
އަދި އެންމެ މޮޅު ޓީމަށް ބަލާނަމަ އަދިވެސް އެއީ ފްރާންސް ކަމަށާއި މިހާތަނަށް ފެނުނު ފެނުމުން ބޯޅައެއްގައި ފައިޖެހުމުގެ ކުރިން ޗެމްޕިއަނުންގެ ގޮތުގައި އެމީހުން ހިޔާރުކުރިއިރު އެ ހިޔާލު އެއްވެސް ވަރަކަށް ބަދަލުނުވާކަމަށް އެލަން ޝިއެރާ ބުނެފައިވެ އެވެ.
"އެއީ އަދިވެސް ބަލިކުރަން ޖެހޭ ޓީމު، އަހަރެން ކިރިޔާ ވެސް އުއްމީދުކުރަނީ އިންގްލެންޑް ފަޅިން އިންގްލެންޑް މޮޅުވެގެން ފައިނަލުގައި އެމީހުންނާ ވާދަކުރުން، އަދި ގޯލްޑަން ބޫޓު ރޭހުގައި އަހަރެން ބުނާނީ އެއީ ކިލިއަން އެމްބާޕޭ ކަމަށް، ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓަށް ބަލާއިރަށް ހަމަ ހައިރާންވޭ، އެއީ އެލިސްޓުގައި އޮންނާނެކަމަށް ހީކުރެވުނު ކޮންމެ ނަމެއް ވެސް އެބައޮތް." އަދި ފްރާންސް އެންމެ ދުރަށް އެމްބާޕޭގެ ގިނަ ލަނޑުތަކާއެކު ދާނެކަމަށާއި އުއްމީދުކުރަނީ ކޭން ވެސް އެރޭހުގައި ރޯލެއް އަދާކޮށް ފައިނަލާ ހަމައަށް ޓީމު ގެންދިޔުން ކަމަށް އަދި ފަށަންވީ މެކްސިކޯގެ މެޗުގައި ލަނޑުކޮޅެއް ޖަހައިގެން ކަމަށް ބީބީސީ ސްޕޯޓްސްގެ ކްރިސް ބެވަންއާ ވާހަކަދައްކަމުން އެލަން ޝިއެރާ ބުނެފައިވެ އެވެ.