ފީފާ ވޯލްޑްކަޕުގެ ގަދަ 16 ގައި ރޭގެ މެޗުތަކާއެކު ފެނިގެންދިޔައީ އެންމެ ޑްރާމާ ބޮޑު އެއް ވޯލްޑްކަޕް ރެޔެވެ. ނޯވޭއިން ފަސްފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލް ކަޓުވާލިއިރު ކޯ ހޯސްޓް މެކްސިކޯ އަތުން ހަނި ތަފާތަކުން މޮޅުވެ އިންގްލެންޑް ސަލާމަތްވީ ކިރިޔާ އެވެ. އަދި މި ނަތީޖާތަކާއެކު މިވަނީ ފޯރިގަދަ ޝައުގުވެރި ކުއާޓާ ފައިނަލެއް އުފެދިފަ އެވެ. އެއީ އިންގްލެންޑާއި ނޯވޭއާ ދެމެދު އެވެ.
ވޭތުވެދިޔަ ވޯލްޑްކަޕްތަކަށް ބަލާއިރު މިއީ ދުނިޔޭގެ އެތައް ހާސް ބަޔަކު ބަލަމުންދިޔަ މެޗަކުން ލިބުނު އެންމެ ބޮޑު އެއް ސިހުމެވެ. ފުރަތަމަ ފަހަރަށް މިމުބާރާތުގެ ކުއާޓާ ފައިނަލުން ނޯވޭ ޖާގަ ހޯދީ ރޭ ގަދަ 16 ގައި 5 ތަރީގެ ބްރެޒިލް 2 - 1 ން ބަލިކޮށް ކަޓުވާލައިގެންނެވެ.
ރޭގެ މެޗަށް ނުކުތްއިރު ބްރެޒިލަކީ ޝައްކެއް ވެސް ނެތް ގޮތުގައި އެންމެ ބޮޑެތި ފޭވަރިޓުންނެވެ. އެހެންނަމަވެސް ރޭގެ މެޗުގައި ކުރާ އުއްމީދާއި ކެތްތެރިކަން އަދި ވަރުގަދަ އަހްލާގީ ކުޅުމެއް ދައްކާ ނޯވޭއިން ވަނީ ބްރެޒިލް ގެއަށް ފޮނުވާލާފަ އެވެ.
ވަރުގަދަ ފެށުމަކާއެކު މެޗު ގަދަކޮށް ފަށާފައިވަނީ ބްރެޒިލުންނެވެ. އަދި ވަރަށް އަވަހަށް ލީޑު ނަގާނެކަމަށް ބެލެވުނެވެ. ބްރެޒިލުގެ ރަނުގެ ފުރުސަތު އައީ މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ މެޗުގެ 12 ވަނަ މިނެޓުގައ އެވެ. ނޯވޭއިން ބްރެޒިލްގެ ސްޓްރައިކަރު މަތެއަސް ކުންޏާއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ބްރެޒިލަށް ޕެނަލްޓީ އެއް ލިބިގެންދިޔަ އެވެ.
ނަމަވެސް ފަހުން ނޯވޭއަށް ފައިދާވާނެހެން ބްރެޒިލަށް ލީޑު ނަގަން ލިބުނު ރަނުގެ ފުރުސަތު ބްރޫނޯ ގުއިމަރޭސް ފޮނުވާލި ނަމަވެސް ރީތި މޮޅު ސޭވްއަކާއެކު ނޯވޭގެ ކީޕަރު އޯޖަން ނައިލެންޑް ވަނީ އެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ. ޕެނަލްޓީއަށްފަހު ފުރަތަމަ ހާފުގެ ބާކީބައި ވެސް ދިޔައީ ފޯރިގަދަކޮށެވެ.
ބްރެޒިލުން ބޯޅައިގެ ކޮންޓްރޯލް ނަގައިގެން ޕޮޒެޝަން ހިފެހެއްޓިއިރު ހަމަލާތައް އުފައްދާ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދި އެވެ. އަނެއްކޮޅުން ނޯވޭއިން ޑިފެންޑްކޮށް ކެތްތެރިކަމާއެކު ކައުންޓަރ އެޓޭކް ކުރާނެ ފުރުސަތަކަށް އެޓީމުން އިންތިޒާރުކުރި އެވެ. ބްރެޒިލުން މިހާފު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވެސް ޓީމަކަށް ގޯލު ފޫއަޅުވައެއް ނުލެވުނެވެ.
މިމެޗު ބެލެވިފައިވާ އޮތީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އިތުރުވަގުތު ކުޅެން ޖެހޭނެ ކަމަށެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ހާލަންޑް ވަނީ ނޯވޭއަށް ދިރުން ގެނެސްދީފަ އެވެ. އޭރިއާ ތެރެއަށް މެޗުގެ 79 ވަނަ މިނެޓުގައި އެންޑްރިއާސް ޝްޖެލްޑެރަޕް ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާ ހާލަންޑް ނޯވޭއަށް ލީޑު ނަގައިދިނެވެ.
ނޯވޭއިން ފަހުކޮޅު ލީޑު ނެގުމާއެކު ބްރެޒިލުން ކުޅުން ވަރުގަދަކޮށް މެޗު އެއްވަރުކުރުމަށް އެންމެން ކަހަލަ ގޮތަކަށް ކުރިއަށް ޖެއްސި އެވެ. އެކަމުގެ ސަބަބުން ފަހަތުގައި ޖާގަ ހުސްވިއިރު އޭގެ ފައިދާ ހާލަންޑް ވަނީ އަނެއްކާވެސް ވަރަށް ފުރިހަމައަށް ނަގާފަ އެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ނަތީޖާ 2 - 0 އަށް ބަދަލުކޮށްލާ ހާލަންޑް ވަނީ ބްރެޒިލުގެ ސަޕޯޓަރުންގެ އަނގަ ބަންދުކޮށްލާފަ އެވެ. އަދި މިގޯލަކީ ހާލަންޑް މިފަހަރުގެ މުބާރާތުގައި ޖެހި 7 ވަނަ ގޯލެވެ. އަދި އެއާއެކު ގޯލްޑަން ބޫޓަށް ކުރާ ވާދަވެސް ދަނީ ފޯރިގަދަވަމުންނެވެ.
ބްރެޒިލުން މެޗު ދޫކޮށްލާފައި ދިއުމަށް އެއްބަސްނުވެ އިތުރަށް މަސައްކަތްކޮށް ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގެ ފަހުކޮޅު ޕެނަލްޓީއެއް ވެސް ހޯދި އެވެ. ދެވަނަ ހާފު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ނޭމާ ޖޫނިއާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް ބްރެޒިލަށް ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް ނަތީޖާ އަނބުރާލަން ވަގުތު ނުލިބި ބްރެޒިލުން ވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ.
ނޯވޭއިން ތާރީހީ މޮޅެއް ހޯދިއިރު މި ބައްޔަކީ ބްރެޒިލުން 1990 ގެ ފަހުން މިހާ އަވަހަށް ވޯލްޑްކަޕުން ކެޓި ފުރަތަމަ ފަހަރެވެ. އަދި 1994 ގެ ފަހުން ކުއާޓާ ފައިނަލަށް ކޮންމެ ވޯލްޑްކަޕެއްގައި ދަތުރުކުރަމުން އަންނަ ރެކޯޑަށް ވެސް މިވަނީ ނިމުން އައިސްފަ އެވެ.
ރޭގެ ގަދަ 16 ބުރުގެ ދެވަނަ މެޗުން ހަނދާން ނުފިލާނެވަރުގެ ފޯރިއެއް ފެނިގެންދިޔައިރު މުބާރާތުގެ ކޯ ހޯސްޓް މެކްސިކޯ، އެގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ފަސްގަނޑުގައި 3 - 2 ން ވަނީ އިންގްލެންޑް އަތުން ބަލިވެފަ އެވެ.
އިންގްލެންޑުން ރޭގެ މެޗު ފަށާފައިވަނީ ހުވަފެނީ ފެށުމަކުންނެވެ. 98 ސިކުންތުގެ ތެރޭގައި ދެލަނޑު ޖަހާ އިންގްލެންޑުގެ ތަރި ޖޫޑް ބެލިންގްހަމް ވަނީ މުޅި ދަނޑަށް ސިހުން ގެނުވާފަ އެވެ. އޭނާ ފުރަތަމަ ގޯލު ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލީޑު ނެގިއިރު ހެރީ ކޭން ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މިނެޓެއް ފަހުން ބެލިންގްހަމް އިންގްލެންޑް ލީޑު އަނެއްކާ ފުޅާކޮށްދިނެވެ.
2 ލަނޑުގެ ފައިދާއެއް ފުރަތަމަ ހާފުގެ ކުރިން އިންގްލެންޑަށް ލިބިގެންދިޔަ އެވެ. އެހެންނަމަވެސް މެކްސިކޯއިން އަމިއްލަ ފަސްގަނޑުގައި އިސްނުޖަހާނެކަމަށް ބުނެ ދެވަނަ ހާފުގައި ކުޅުން އިތުރަށް ވަރުގަދަކުރި އެވެ. ނަމަވެސް އެޓީމުގެ ފުރަތަމަ ލަނޑު ފެނުނީ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. މިލަނޑު ގޯލުކުރިމަތިން ލިބުނު ފުރުސަތަކުން ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެން ކާމިޔާބުކޮށްދިނީ ޖޫލިއަން ކުއިންނޯނެސް އެވެ.
އިތުރު ހިތްވަރާއެކު ދެވަނަ ހާފާ ކުރިމަތިލި މެކްސިކޯއިން އިންގްލެންޑްގެ ޑިފެންސަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށްގެން ކުޅެމުން ދިޔައިރު އެޓީމުން ވަނީ ނަތީޖާގެ ފަރަގު އިތުރަށް ކުޑަކޮށް މެޗުގެ ފޯރި ފަހު މިނެޓާ ހަމައަށް ދަންމާލާފަ އެވެ. އަދި ނުރައްކާތެރި އެތައް ހަމަލާއެއް އިންގްލެންޑްގެ ޑިފެންސާ ކުރިމަތިކުރުވި އެވެ. މެކްސިކޯގެ ދެވަނަ ލަނޑު ޕެނަލްޓީއަކުން ޖަހައިދީފައިވަނީ ރައުލް ޖިމެނޭޒް އެވެ.
ނަމަވެސް އިންގްލެންޑްގެ ކުއަންސާއަށް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއެކު އިންގްލެންޑްގެ މަސައްކަތް ދެގުނަވި އެވެ. 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނަމަވެސް މުހިންމު ދަނޑިވަޅެއްގައި ލިބުނު ޕެނަލްޓީއެއް ހަމަޖެހިލައިގެން ހުރެ ގޯލަށް ވައްދާލާ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ އޭނާގެ މުހިންމުކަން ސާބިތުކޮށްދީ އިނގިރޭސިން ސަލާމަތްކޮށްދީފަ އެވެ. ނަމަވެސް މިލަނޑާއެކު މެކްސިކޯއިން ހުއްޓުމެއްނެތި ހަމަލާތައް އުފައްދާ ނުރައްކާތެރި އެޓޭކްތައް ކުރިނަމަވެސް މެޗުގެ ފަހު މިނެޓުތަކުގެ ތެރޭގައި ހިތްވަރާއެކު ޑިފެންސްކޮށް ގޯލު ދިފާއުކޮށް އިނގިރޭސިން ވަނީ ލީޑު ދަމަހައްޓާފަ އެވެ.
ޑްރާމާ ބޮޑު ދެމޮޅާއެކު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ މައިދާނުން އިންތިޒާރުކުރަން ޖެހިފައި މިއޮތީ ވަރުގަދަ ކުއާޓާ ފައިނަލުގެ މެޗަކަށެވެ. ނޯވޭއާ އިންގްލެންޑްގެ ކުރިމަތިލުމެކެވެ. ނޯވޭއިން މިމެޗަށް ނުކުންނާނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފުޓްބޯޅައިގެ ގައުމު ކަޓުވާލުމަށްފަހު ފުރިހަމަ އިތުބާރާއެކު އެވެ. އަނެއްކޮޅުން އިނގިރޭސިން ބަލާނީ އަނެއްކާވެސް ވަރުގަދަ ކުޅުމެއް ދައްކާ ކުރިއަށް ދިއުމަށެވެ.
އާލިން ހާލަންޑް ވަރަށް ރަނގަޅު ފޯމެއްގައި މިމެޗަށް ނުކުންނައިރު ހުރިއިރު އަނެއްކޮޅުން ޖޫޑް ބެލިންގްހަމްގެ ކްރިއޭޓިވިޓީއާއި ހެރީ ކޭންގެ ތަޖުރިބާއާއެކު ފުޓްބޯޅަ ފޭނުންނަށް އަނެއްކާވެސް ފޯރިގަދަ ކުއާޓާ ފައިނަލެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.




