twitterviber whatsapp telegramfacebookyoutube instagram
8th July 2026

ފަހަތުން އަރާ މިސްރު ރޮއްވާލާ އާޖެންޓީނާ ކުއާޓާއަށް ދަތުރުކޮށްފި

މުޙައްމަދު އަހުމަދު
Jul 8, 2026

ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގައި މިރޭ އަނެއްކާވެސް އާޖެންޓީނާއިން ބޮޑު ބިރަކުން ސަލާމަތްވެ ދެވަނަ ހާފު ފަހަތުން އަރާ މިސްރުގެ ހިތްތައް ހަލާކުކޮށްލާ މުބާރާތުގެ ގަދަ 8 ކުން ޖާގަ ހޯދައިފި އެވެ.

އެންމެފަހުގެ ޗެމްޕިއަނުން އިތުރުވަގުތުގައި ގަދަ 32 ގައި ކޭޕް ވާޑް އަތުން ކިރިޔާ ސަލާމަތްވިއިރު މިރޭ ބެލެވިފައި އޮތީ ހައިރާންކުރުވަނިވި ގޮތަކަށް މިސްރު އަތުން ބަލިވެ ކަޓާނެ ކަމަށެވެ. އެއީ ޔަސޭރު އިބްރާހިމާއި މޮސްޓަފާ ޒީކޯގެ ދެގޯލާއެކު މިސްރުން ދެލަނޑުގެ ލީޑެއް ނަގާފައި އޮތުމުންނެވެ.

އެހެންނަމަވެސް މެޗުގެ ނިމެން 11 މިނެޓަށްވެފައި ވަނިކޮށް ކްރިސްޓަން ރޮމޭރޯ އާޖެންޓީނާއަށް ފަރަގު ކުޑަކޮށްދިނެވެ. އަދި ފުރަތަމަ ހާފު ޕެނަލްޓީއެއް ލިބި ޕެނަލްޓީ ނާކާމިޔާބުކޮށް ލިއޮނަލް މެސީ ވަނީ ރޮމޭރޯގެ ލަނޑުގެ ފަސްމިނެޓު ފަހުން އާޖެންޓީނާއަށް ލީޑު ހަމަހަމަ ކޮށްދީ ދިރުން ގެނެސްދީފަ އެވެ.

އަދި އާޖެންޓީނާއިން ފަހަތުން އަރާ ހެދި ކަމްބެކް ފުރިހަމަކޮށް މެޗުން މޮޅުވި ލަނޑު ޖަހައިދިނީ އާޖެންޓީނާ އަދި ޗެލްސީގެ މިޑްފީލްޑަރު އެންޒޯ ފަނާންޑޭޒް އެވެ. ލައުޓާރޯ މާޓިނޭޒް އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އެންޒޯ ވަނީ މެސީއާއި އާޖެންޓީނާ ކުއާޓާ ފައިނަލަށް ގެންގޮސްދީ ލަދުވެތި ބައްޔަކުން ސަލާމަތްކޮށްދީފަ އެވެ.

މިލަނޑު އެންޒޯ ޖަހާފައިވަނީ އޭގެކުރިން މިސްރުގެ ސަލާހު އަތުގައި ބޯޅަ އޮއްވާ އާޖެންޓީނާއިން ފައުލެއް ކޮށްގެން ބޯޅަ އަތުލާ ކައުންޓާ އެޓޭކުގަ ކަމަށް މިސްރުން ބުނެ އަދި ޕެނަލްޓީއެއް ލިބެންޖެހޭނެ ކަމަށް ބުނެ އެޓީމުގެ ބެންޗުން ވެސް ނުތަނަވަސްކަން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

އެޓަލާންޓާގައި މިރޭ މިސްރުން ދެއްކި ކުޅުމަށް ތައުރީފު ހައްގުއިރު އެތައް ބަޔަކު އަންނަނީ މިސްރު ބަލިވުމުން ހިތާމަ ފާޅުކުރަމުންނެވެ. މިމުބާރާތުގެ ކުރިން ވޯލްޑްކަޕުގެ މެޗެއްގައި ދުވަހަކުވެސް މިސްރު މޮޅުވެފައި ނެތްއިރު އެޓީމުން 3 ފަހަރުގެ ޗެމްޕިއަނެއް މިރޭ ކަޓުވާނުލީ ހަމަ ކިރިޔާ އެވެ.

އޮސްޓްރޭލިއާ ރައުންޑް އޮފް 32 ގައި ކަޓުވާލުމަށްފަހު ގަދަ 16 އަށް ދަތުރުކުރި މިސްރުން ވަނީ މިރޭ މެޗު ފެށިގެން 15 ވަނަ މިނެޓުގައި މިސްރުގެ އިބްރާހިމް، ލިސާންޑްރޯ މާޓިނޭޒްގެ ކައިރީ ހުރެފައި ބޮލުން މާވަން އަޓިއާ ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ވައްދާލާ މިސްރުގެ ސަޕޯޓަރުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދީފަ އެވެ.

އެހެންނަމަވެސް މުބާރާތުގެ ޓޮޕް ސްކޯރާ މެސީއަށް އޭގެ ފަސްމިނެޓުފަހުން ނަތީޖާ ހަމަކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. މިސްރުގެ ހައިސޭމް ހަސަން، އާޖެންޓީނާގެ ނިކްލަސް ޓަގްލިއަފިކޯއަށް އޭރިއާ ތެރެއިން ކުރި ފައުލާ ގުޅިގެން މެސީ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މިސްރުގެ ގޯލު ކީޕަރަށް ކުޅެމުން އަންނަ މޮސްޓަފާ ޝޮބެއިރު މެސީގެ ޕެނަލްޓީ ރީތިކޮށް ދިފާއުކުރިއިރު ގްރޫޕް ސްޓޭޖުގައި މިސްރުން އޮސްޓްރިއާ 2 - 0 ން ބަލިކުރި މެޗުގައި ވެސް ޝޮބެއިރު ވަނީ ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ. މިރޭގެ މެޗަށް ބަލާނަމަ އޭނާ ވަނީ ފުރަތަމަ ހާފު ވަރަށް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެލެކްސިސް މެކް އެލިސްޓާއާއި ޖޫލިއަން އަލްވަރޭޒްގެ ނުރައްކާތެރި ހަމަލާތަކެއް ޝޮބެއިރު ވަނީ ފުރަތަމަ ހާފު ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

އާޖެންޓީނާގެ ޑިފެންސް ފޫއަޅުވާލާ 29 އަހަރުގެ ހައިސޭމް ހަސަން ކުރި ކައުންޓާ އެޓޭކަކުން މިސްރުގެ ޒިކޯ އެޓީމަށް 3 ވަނަ ލަނޑެއް ޖަހައިދިނެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ ގޯލުގެ ކުރިން މިސްރުން ލިސާންޑްރޯ މާޓިނޭޒަށް ފައުލުކުރި ކަމަށް ބަލާ ލަނޑު ނުދިނުމަށެވެ.

އާޖެންޓީނާއިން އެހާ ހިސާބަށް ވެސް ކުދި ކުދި ފުރުސަތުތަކެއް އުފެއްދި ނަމަވެސް ލިއޮނަލް ސްކަލޯނީގެ ޓީމަށް ދިރުމެއް އައީ 79 ވަނަ މިނެޓުގައި ރޮމޭރޯ ކާމިޔާބުކުރި ލަނޑާއެކު އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި (21 ގޯލު) މެސީ ނަތީޖާ ހަމަހަމަކުރުމާއެކު އެވެ.

ވޯލްޑްކަޕެއްގައި ފެނުނު އެންމެ އުދަނގޫ އަދި އާދަޔާހިލާފު އެއް އެނބުރި އައުމަށް މި ކަމްބެކް ވެގެންދާއިރު މި ކަމްބެކް އާޖެންޓީނާއަށް ބޮލުން ޖަހައިދިން ލަނޑާއެކު އެންޒޯ ފުރިހަމަކޮށްދިންއިރު މިލަނޑަކީ ވޯލްޑްކަޕް މުބާރާތުގެ ތާރީހުގެ 3000 ވަނަ ލަނޑުކަން ވެސް ފާހަގަކޮށްލެވެ އެވެ.

މިރޭގެ މެޗުން މޮޅުވުމާއެކު ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދިއިރު އެޓީމުން ކުއާޓާގައި ނުކުންނަން ޖެހޭނީ މިރޭ ގަދަ 16 ބުރުގެ ފަހު މެޗުގައި ކޮލަމްބިއާ އަދި ސްވިޒަލޭންޑް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355