ފީފާ ވޯލްޑްކަޕުގައި މިސްރުން ނެރުނު އެންމެ ބޮޑު ނަތީޖާއާ ދުރުގައި އެޓީމު އޮތީ 12 މިނެޓެވެ. މިސްރުން އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ކޮޅަށް ނެގި 2 ލަނޑުގެ ލީޑާއެކު އެންމެންނަށް ވެސް ހީކުރެވިފައި އޮތީ މުޅި ދުނިޔެއަށް ސިހުން ގެނުވާ މިސްރުން މެސީއާ އާޖެންޓީނާ ކަޓުވާލާނެ ކަމަށެވެ.
ފުޓްބޯޅައަށް ލޯބިކުރާ އެފްރިކާގެ މިގައުމުން އެގައުމުގެ ތާރީހުގެ ވެސް ފުރަތަމަ ކުއާޓާ ފައިނަލާ އެހާ ގާތުގައި އޮއްވާ މަންޒަރު ބަދަލުވީ ކުއްލިއަކަށެވެ. އަދި ގޯހުން ގޯހަށް މެޗު އެނބުރެން މާގިނަ ވަގުތެއް ނުނެގި އެވެ.
79 ވަނަ މިނެޓުގައި ކްރިސްޓަން ރޮމޭރޯ އާޖެންޓީނާއަށް ބޮލުން ކާމިޔާބުކުރި ގޯލަކާއެކު ފަރަގު ކުޑަކޮށްދިނެވެ. އެހެންނަމަވެސް މިސްރު ކުޅުންތެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނީ ގިނަ ބަޔަކު ބުނާގޮތުގައި ދުނިޔެދުށް އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އޭގެ 5 މިނެޓުފަހުން ޖެހި ލަނޑާއެކު ނަތީޖާ 2 - 2 ން ހަމަހަމަވުމުންނެވެ.
ފުރިހަމަ ވަގުތުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒްގެ ހުރަހަކުން ގޯލަށް ބޯޅަ ވައްދާލައިގެން އެންޒޯ ފަނާންޑޭޒް އާޖެންޓީނާ ކޮޅަށް ނަތީޖާ އަނބުރާ މެޗުގެ މަންޒަރު ބަދަލުކޮށްލި އެވެ. އާޖެންޓީނާގެ ސަޕޯޓަރުންގެ އުފަލުން ފޮޅުނުއިރު މިސްރު ސަޕޯޓަރުންނަށް ޖެހުނީ ބަލަން ތިބޭށެވެ.
މިސްރުން 1 ލަނޑުގެ ލީޑެއްގައި އޮތްވާ އެޓީމުގެ މޮސްޓަފާ ޒީކޯ ދެވަނަ ލަނޑަކާއެކު މިސްރަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދިނެވެ. ނަމަވެސް މިސްރުން ރުޅިއައިސް ހިތްހަމަނުޖެހުން ފާޅުކުރީ ލަނޑުގެ ކުރިން މިޑްފީލްޑަރު މާވަން އެޓިއާ، އާޖެންޓީނާގެ ލިސާންޑްރޯ މާޓިނޭޒްގެ ފަޔަށް ކުޑަކޮށް އެރުމުން ފައުލެއް ކަމަށް ވީއޭއާރުން ނިންމާ އެގޯލު ނުދިނުމަށް ރެފްރީ ނިންމުމުންނެވެ.
އަދި މެޗު މޮޅުވި ލަނޑު އާޖެންޓީނާއިން ޖެހުމުގެ ކުރިން އާޖެންޓީނާގެ ކުޅުންތެރިޔަކު އެޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން މިސްރުގެ މުހައްމަދު ސަލާހުއަށް ފައުލްކުރި ކަމަށް ބުނެ ވެސް މިސްރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ފަރަންސޭސި ރެފްރީ ފްރާންކޮއިސް ލެޓެކްޒިއާ މެޗު ނިންމާލުމަށް ކަށިގަނޑު ފުމުމާއެކު މިސްރުގެ ކުޅުންތެރިންނަށް ވީގޮތް ގަބޫލުނުކުރެވި ދަނޑުމައްޗަށް ވެއްޓުނެވެ.
މެޗަށް ފަހު ކުރިއަށް ދިޔަ އިންޓަވިއުގައި މިސްރުގެ ހެޑް ކޯޗު ހޮއްސާމް ހަސަން ބުނީ އޭނާގެ ޓީމާމެދު އަމަލުކުރީ އިންސާފުވެރި ގޮތަކަށް ނޫންކަމަށް އަދި މިއީ އެޓީމަށްވީ ބޮޑު ބޭއިންސާފެއް ކަމަށެވެ.
"ދަނޑުމަތިން އަދި ބޭރުގައި ވެސް ސުވާލު އުފައްދަން ޖެހޭ އެތައް ކަމެއް ހިނގައިގެން ގޮސްފި. މުޅިން ވެސް ނައްސި ކަންކަން، އަދި މިއީ މުޅިންވެސް އިތުބާރާ ގުޅޭ ކަމެއް، ހާލަތު ބަދަލުވި ގޮތުން އިތުބާރު ގެއްލޭ. ފަހަރުގައި ވެދާނެ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ބޭއްވުމަށް އެމީހުން ބޭނުންވީ ކަމަށް އަދި ވެދާނެ މެސީ ކަޓުވާލަން ބޭނުންނުވީ ކަމަށް" ހޮއްސާމް ހަސަން ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ ދުނިޔޭގެ ޗެމްޕިއަނުންނަށް ހުރިހާ ފަންތިއެއްގައި ވެސް ސަޕޯޓު ލިބުނު ކަމަށެވެ. އަދި ބެލެވޭ ގޮތުގައި މިނަތީޖާއަށް އާޖެންޓީނާގެ ފަޅިން ފިއްތުންތައް އަދި ޕްރެޝަރު އައިސްފައިވާ ކަމަށް ހޮއްސާމް ބުންޏެވެ.
ރޭ ކުޅެވުނު މިމެޗުގައި ހުރިހާ ކަމެއް ފެނިގެންދިޔަ އެވެ. ނާކާމިޔާބުވި ޕެނަލްޓީއަކާއި ބަލައިނުގަތް ގޯލެއް އަދި ރަތްކާޑަކާއި ވަރުގަދަ އެނބުރި އައުމެއް (ކަމްބެކެއް) ވެސް ފެނިގެން ގޮސްފައިވެ އެވެ. ބީބީސީ ސްޕޯޓްސްއިން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން މިމެޗަކީ ދެލަނޑު ދަށުގައި އެހާ ލަސްވަންދެން އޮތް ޓީމެއް އިތުރުވަގުތާއި ނުލާ ފުރިހަމަ ވަގުތުގައި މެޗުން އެނބުރި އައިސް ނަތީޖާ އަނބުރާލުމުން ފީފާ ވޯލްޑްކަޕްގެ ތާރީހުގެ ތެރޭގައި ފާހަގަވެގެންދާނެ މެޗެއްގެ ގޮތުގަ އެވެ.
"އަހަރެމެން އެބަޖެހޭ ވޯލްޑްކަޕުގައި ރަނގަޅު ގޮތަކަށް ފާހަގަވެ ފެނިގެންދާން ނުވަތަ ކުޅުމެއް ދައްކަން" މިފަހަރުގެ ވޯލްޑްކަޕް ފެށުމުގެ އިރުކޮޅެއް ކުރިން އެގައުމުގެ ވޯލްޑްކަޕް ރެކޯޑްގެ ދަށްކަމަށް އަލިއަޅުވާލަމުން ހޮއްސާމް ހަސަން ބުނެފައިވެ އެވެ.
މިސްރުން އުތުރު އެމެރިކާއަށް އައީ ވޯލްޑްކަަޕުގެ ނަތީޖާ ދަށް ނުވަތަ ނަތީޖާ ނުނެރެވޭ ޓީމެއްގެ ގޮތުގަ އެވެ. އެންމެފަހުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ވާދަކުރި 3 ފަހަރުވެސް ކުޅުނު 7 މެޗުގެ ތެރެއިން އެޓީމު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ.
މި ފަންތީގެ މުބާރާތެއްގައި އެޓީމުގެ ފުރަތަމަ މޮޅު ފެނިގެންދިޔައީ 22 ޖޫންގައި ކެނެޑާގެ ވެންކޫވާގަ އެވެ. ގްރޫޕް ސްޓޭޖުގައި ނިއުޒިލޭންޑުގެ މައްޗަށް މިސްރުން ކުރި ހޯދި އެވެ. ތިންފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ މައްޗަށް 15 ވަނަ މިނެޓުގައި ޔަސޭރު އިބްރާހިމްގެ ލަނޑުން ލީޑު ވެސް މިސްރުން ނެގި އެވެ.
އެތައް ކަމެއް ހިނގައިދިޔަ މެޗެއްގައި މިސްރުގެ ކީޕަރު މޮސްޓަފާ ޝޮބެއިރު މެސީގެ ޕެނަލްޓީއެއް ދިފާއުކުރިއިރު މިސްރުން ލަނޑެއްޖެހި ނަމަވެސް ވީއޭއާރުން ނިންމީ ގޯލެއް ނޫން ކަމަށެވެ. ފަނާންޑޭޒްގެ ފަހު ވަގުތުގެ ލަނޑާއެކު މިސްރުން އިތުރަށް ރުޅި ގަދަވެ ސަލާހުއަށް ފައުލްކުރި ކަމަށް ގޮވާލިއިރު އެ ހައިޖާނުގަނޑުގެ ތެރޭގައި މިސްރު ޓީމުގެ ބެންޗުގައި އިން ސްޓާފަކަށް ރަތްކާޑުވެސް ދެއްކި އެވެ.
މީގެއިތުރުން މިސްރުގެ ހެޑްކޯޗަށް ވެސް ވަނީ ރެފްރީ ކާޑު ދައްކާފަ އެވެ. އޭނާއަށް ކާޑު ދެއްކީ އާޖެންޓީނާ މޮޅުވި ލަނޑު ޖެހުމާއެކު އޭނާގެ ކުރިމައްޗަށް އަތް ގެނެސް ދެއަތް ފައްތަރުވާހެން ހުރަސް ކޮށްލާ ފާހަގައެއް (ކްރޮސް ފާހަގަ) ދެއްކީމަ އެވެ. އެ އިޝާރާތަކީ ފީފާއިން ކުޅުންތެރިންނާއި ކޯޗުންނަށް ނަސްލީ ތަފާތުކުރުމުގެ އަމަލެއް ހިނގާނަމަ އެންގުމަށް ކަނޑައެޅިފައި އޮންނަ އިޝާރާތެކެވެ.
މެޗަށްފަހު އޭނާގެ މިއިޝާރާތަށް އޭނާ އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. އޭނާ ބުނެފައިވަނީ އެއްވެސް އިހުތިރާމެއް އަދި އިންސާފުވެރި ކުޅުމެއް އެމީހުންނަށް ނުފެނުނުކަމަށާއި މިސްރަށް ދޭން ޖެހޭ ޕެނަލްޓީއެއް ވެސް ނުދޭ ކަމަށެވެ. އަދި އެ ފައުލް ވީއޭއާރުން ނުވެސް ބަލާކަމަށް ބުނެ ހޮއްސާމް ބުނީ މިސްރުގެ ދެވަނަ ގޯލު އެ ނުދިން ސަބަބަކާހުރެ ނުދިން ކަމަށެވެ.
"އަހަރެމެން އެންމެންނަށް ފެނުނު ޖާޒީއަށް ދެމިތަން (އެލެކްސިސް މެކް އެލިސްޓާގެ ވާހަކަ) އަދި ވީއޭއާރު ޗެކެއް ވެސް ނުކުރި. ދިރިއުޅުމަކީ އިންސާފުވެރި އެއްޗެއް ނޫން، އާދައިގެ ދިރިއުޅުމަކީ އިންސާފުވެރި އެއްޗެއް ނޫން، އެކަމަކު ކުޅިވަރުގައި އިންސާފެއް ނޯންނަންވީ ކީއްވެ؟" ހޮއްސާމް ފާހަގަކޮށްފައިވެ އެވެ.
"ރެފްރީ ވަރަށް ވެސް ބޭއިންސާފު. ބޭއިންސާފު ވަރަށް ވެސް ސާފު. މެޗު ފެށުނީއްސުރެ ވެސް ފެނިގެންދިޔައީ ބޭއިންސާފުވެރިކަން" މިސްރުގެ ބަލައިނުގަތް ލަނޑާއި އެޓީމުގެ ފަހުލަނޑު ޖަހައިދިން މޮސްޓަފާ ޒީކޯ ބުނެފައިވެ އެވެ.
މީގެ ހަފްތާއެއް ކުރިން ފީފާ ރެފްރީންގެ އިސް ރެފްރީ ޕިއާލުއީޖީ ކޮލީނާ ވަނީ އޭނާގެ އޮފިޝަލުންނަށް ދީފައިވާ މުހިންމު ކްރައިޓީރިއާއެއް ފާހަގަކޮށްފަ އެވެ. މެޗުގެ ޓެމްޕޯ އިތުރުކުރުމަށް ރެފްރީންނަށް ވަނީ އާދައިގެ ފުޓްބޯޅަ ކޮންޓެކްޓް (ޗާޖުކުރުން ނުވަތަ ޖެހިގަތުން) ކުރުމުން އެއެއްޗެހި ދޫކޮށްލުމަށް ހުއްދަދެވިފަ އެވެ.
މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް ކޮންމެ މެޗަކަށް 22.6 ފައުލް ފެނިފައިވެ އެވެ. 2022 ގައި 25 ފައުލް އަދި 2018 ގައި 27 ފައުލް މެޗަކާ ބަލާފައި އެވްރެޖްކޮށް ފެނިފައިވެ އެވެ. މިކަން މިސްރުގެ ބަލައިނުގަތް ގޯލާ ގުޅެނީ ކިހިނެއް؟
މާޓިނޭޒްގެ ޖާޒީގައި ކުޑަކޮށް އަޓިއާއަށް ހިފިފައި އޮތްއިރު މަޑުމަޑުން އޭނާއަށް މާޓިނޭޒްގެ ފައިގެ ކޮޅަށް އެރުނެވެ. ނަމަވެސް ވީއޭއާރުން ނިންމީ ޒީކޯގެ ހިތްގައިމު ގޯލު ފައުލަކަށް ބަދަލުކުރާށެވެ. ހަމަ ޔަގީނުންވެސް މިއީ ފައުލެއް ކަމަށް ދެބަސްވުމުގެ ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް އޭރުން މިހާތަނަށް މުބާރާތުގެ ރެފްރީކަން ކޮށްފައިވާ ގޮތާ އެއްގޮތެއް ނުވެ އެވެ. މިކަހަލަ ޗެލެންޖުތައް ދޫކޮށްލާނަމަ ވީއޭއާރުން ވެސް އެގޮތަށް ކަންކުރަން ޖެހޭނެ އެވެ.
ޖަރުމަނާއި އެކުއަޑޯ ބައްދަލުކުރި މެޗުގައި އެކުއެޑޯގެ ޕެޑްރޯ ވީޓޭގެ ބޮލަށް އެލެކްސަންޑަ ޕަވްލޮވިޗް ފައި ނެގި ނަމަވެސް ލެރޯއީ ސާނޭގެ ގޯލުގެ ސައްހަކަން ބެލުމަށް ވީއޭއާރު ބޭނުމެއް ނުކުރެ އެވެ. ދެން އުފެދޭ ސުވާލަކީ ފައުލްކޮށްފައިވަނީ ލަނޑާ ހަމައަށް ދިއުމުގެ މާ ބޮޑަށްވެސް ކުރިންތޯ އެވެ.
ވީއޭއާރުން ޗެކްކުރާއިރު އެޓޭކް ފެށޭ ގޮތާއި ބޯޅަ ހޯދި ގޮތަށް ހާއްސަކޮށް ބަލާނެ އެވެ. އެހެންކަމުން އެކަހަލަ ފައުލެއް ނުވަތަ ޗެލެންޖަކުން ސީދާ ގޯލަކަށް އޭގެ ނަތީޖާ ދާނަމަ އެގޯލެއް ރިވިއުކުރެވޭނެ އެވެ. އެއީ ލަނޑުގެ 17 ސިކުންތު ކުރިއަށްވީ ނަމަ ކަމުގައި ވިޔަސް ވެސް އެވެ.
މިސްރު މެޗުގައި ހިތްހަމަނުޖެހުން އުފެދުނީ ފަނާންޑޭޒްގެ ޑްރެމެޓިކް ލަނޑާ ހަމައަށް ދިއުމުގެ ކުރިން ސަލާހުއަށް ކޮށްފައިވަނީ ފައުލެއްތޯ ނުވަތަ ނޫންތޯ އޮފިޝަލުންގެ ޓީމުން ނުބެލުމުންނެވެ. އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ސަލާހު ވެއްޓުނީ ޖޫލިއަން އަލްވަރޭޒް އޭނާއަށް ފައުލްކުރި ކަމަށް ބުނަމުންނެވެ. އެހެންކަމުން މިކަން ވެސް ވީއޭއާރުން ބަލަންޖެހޭނެތާ؟ މިއީ ވެސް އުފެދޭ ވަރަށް ބޮޑު ސުވާލެއްކަމަށް ގިނަ ބަޔަކު ބުނެ އެވެ.
މި ފައުލް އަޓިއާގެ ފައުލާއި އެންމެ މުހިންމު ތަފާތެއް ފިޔަވާ ގާތްގަނޑަކަށް އެތްގޮތެވެ. ސަލާހު އޮތީ ޕެނަލްޓީ އޭރިއާގަ އެވެ. އެހެންކަމުން ވީއޭއާރުން ބަލަން ޖެހޭނީ ޕެނަލްޓީއެއްތޯ ވެސް އަދި އެއީ ފައުލަކަށް ވުރެ މާ ބޮޑަށް ވެސް ބެލުން މުހިންމުކަމެކެވެ.
މިސާލަކަށް ބަލާނަމަ އޭރިއާގެ ބޭރުން މުހައްމަދު ސަލާހު ވެއްޓުނުނަމަ އެއް ހަމައެއްގައި ހިފެހެއްޓުމަށް ވީއޭއާރުން މިކަމުގައި ޝާމިލުވާންޖެހެ އެވެ. އެހެންނަމަވެސް ހިލޭޖެހުމެއް ދޭ ވަރުގެ ފައުލެއް ނޫންކަމުން އާޖެންޓީނާ މޮޅުވި ލަނޑު ބެލެވޭނީ ރަނގަޅަށް ޖެހި ލަނޑަކަށެވެ.
މެސީއާއި ހާލަންޑް އަދި ކިލިއަން އެމްބާޕޭ ގަވައިދުން މިފަހަރުގެ މުބާރާތުގައި ލަނޑުޖަހަމުން އަންނައިރު ސަލާހު މުބާރާތަށް އަލްވަދާއުކީ އޭނާ ކުރި ހިތްވަރަށް ދެއްކެން އޮތް އެންމެ ލަނޑަކާއެކު އެވެ. އެއީ 22 ޖޫންގައި ނިއުޒިލޭންޑް އަތުން މޮޅުވި މެޗުގައި ކާމިޔާބުކުރި ލަނޑެކެވެ.
އާޖެންޓީނާއަށް ދެކޮޅަށް މިސްރުގެ ކެޕްޓަނަށް ގޯލާ ދިމާލަށް ހަމަލާއެއް އަމާޒުނުކުރެވުނުއިރު މުހިންމު ޕާހެއް ވެސް އަނެއްހެން ބުނާނަމަ ކުރެވިފައެއް ނެތޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިނުގައި ބާއްވާ 2030 ވަނަ އަހަރުގެ ވޯލްޑްކަޕް އަންނައިރު ސަލާހުގެ އުމުރުން އޭރު ވާނީ 38 އަހަރެވެ.
އަނެއްކޮޅުން މިފަހަރުގެ ވޯލްޑްކަޕްގައި ބައިނަލްއަގްވާމީ ފަހު މެޗުތައް 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި 40 އަހަރުގެ ލޫކާ މޮޑްރިޗް ކުޅެފައިވާއިރު ހަތަރު އަހަރުގެ މުއްދަތެއްގެ ތެރޭގައި އަލުން ސަލާހު ފެންނާނެކަމާމެދު ޔަގީންކަމެއް ނުދެވޭނެ އެވެ.
އެފްރިކާގެ ބައްރުން މިފަހަރުގެ ވޯލްޑްކަޕުގައި ދަތުރުކުރަމުންދާ ހިސާބަށް ބަލާއިރު މިސްރު ކެޓުމާއެކު މިފަހަރުގެ މުބާރާތުގައި އެފްރިކާ ބައްރުން ވާދަކުރި 10 ޓީމުގެ ތެރެއިން މުބާރާތުގައި ބާކީ އޮތީ މޮރޮކޯ އެވެ. މީގެ ހަތަރު އަހަރު ކުރިން ވޯލްޑްކަޕެއްގެ ސެމީ ފައިނަލުގައި ވާދަކުރި ފުރަތަމަ އެފްރިކާގެ ގައުމުގެ ޝަރަފު ހޯދި މޮރޮކޯ މިފަހަރުގެ ކުއާޓާއަށް ދަތުރުކޮށްފައިވާއިރު އެޓީމުން މި ހުކުރު ދުވަހު ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.




