twitterviber whatsapp telegramfacebookyoutube instagram
9th July 2026

"ހަނދާން ނެތިފައިވާ ހޯސްޓް" ކެނެޑާގެ ހަނދާނުން ފޮހެނުލެވޭނެ ވޯލްޑް ކަޕް

މުޙައްމަދު އަހުމަދު
Jul 9, 2026

މި ވޯލްޑް ކަޕްގައި ކެނެޑާއަކީ "ހަނދާން ނެތިފައިވާ ހޯސްޓް" (މުބާރާތް ބާއްވާ ގައުމު) ގެ ގޮތުގައި ބައެއް ފަހަރު ސިފަކުރެވުނު ނަމަވެސް، އެ ގައުމުގެ ފިރިހެން ގައުމީ ޓީމުން ސަޕޯޓަރުންނަށް މި މުބާރާތުގައި ދެއްކި ކުޅުމަކީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ކާމިޔާބީއެއް ނޫނެވެ.

ކެނެޑާގެ ހިތްވަރުގަދަ އެމެރިކާގެ ކޯޗު ޖެސީ މާރޝްގެ އިރުޝާދުގެ ދަށުން، އެ ޓީމުން ވަނީ ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު މުބާރާތުގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ. މިއީ އެ ޓީމުން މި މުބާރާތުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެ ޓީމު މުބާރާތުން ވަކިވާން ޖެހުނީ މޮރޮކޯ އަތުން ބަލިވުމުންނެވެ.

މުބާރާތުގައި ކެނެޑާއިން ދެއްކި ތާރީޚީ ކުޅުން - ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދުމާއި، ފުރަތަމަ މޮޅުވުމާއި، އަދި އެންމެ ފަހުން ނޮކްއައުޓް ބުރުގެ މޮޅެއް ހޯދުން - މިއީ ތާރީޚުގެ ތެރޭގައި ލިޔެވިގެންދާނެ ކަންކަމެވެ. ބީބީސީގެ ރިޕޯޓެއްގައިވާ ގޮތުން ކެލްގަރީގައި ހުރި ބީބީސީގެ ރިޕޯޓަރަކަށް މައުލޫމާތު ދެމުން ސަޕޯޓަރެއް ކަމަށްވާ މެޓް ލޮރިންޒް ބުނީ، އެމީހުން އެހާ ހިސާބަށް ދަތުރުކުރުމުން "ހުރިހާ އެންމެން ހައިރާންކޮށްލި" ކަމަށެވެ.

ފުޓްބޯޅައަކީ ކެނެޑާގައި އެންމެ ގިނައިން ކުޅޭ ކުޅިވަރު ކަމުގައި ވިޔަސް، އޭގެ ވިޔަފާރީގެ ކާމިޔާބީ ވަނީ އައިސް ހޮކީއަށް އެ ގައުމުގެ ރައްޔިތުން ކުރާ ލޯތްބާއި، މޭޖަރ ލީގު ބޭސްބޯލް އަދި ބާސްކެޓްބޯޅައިގެ މަގުބޫލުކަމުގެ ހިޔަނިދަށުގަ އެވެ. ނަމަވެސް، މި މުބާރާތަށްފަހު އެކަން ބަދަލުވެދާނެ ކަމުގެ އުންމީދު އެބައޮތެވެ.

"އާންމުކޮށް ވާހަކަދައްކާ ގިނަ މީހުން ބަލަނީ ހޮކީ ނުވަތަ އެހެން ކުޅިވަރުތައް. ކެނެޑާގައި ފުޓްބޯޅަ ސަޕޯޓަރުން އެހާ ގިނައެއް ނޫން. އެހެންވީމާ، އުންމީދަކީ މި މުބާރާތަށްފަހު ފުޓްބޯޅަ ސަޕޯޓަރުން އިތުރުވެގެންދިއުން" ލޮރިންޒް ބުންޏެވެ.

ޖޫން އަދި ޖުލައި މަހުގެ މަދު ހަފްތާތަކެއްގެ ތެރޭގައި، އެމެރިކާ އަދި މެކްސިކޯއާއެކު މުބާރާތް ހޯސްޓް ކުރަމުން، ކެނެޑާއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު މައިދާނުގައި ފާހަގަކޮށްލެވޭ ވަގުތުތަކެއް ހޭދަކޮށްފަ އެވެ. އަންގާރަ ދުވަހު، ވެންކޫވާގައި ކުޅުނު ފަހު މެޗާއެކު ކެނެޑާގެ ހޯސްޓްކުރުމުގެ ޒިންމާ ވަނީ ނިމުމަކަށް އައިސްފަ އެވެ. އެ މެޗުގައި ގަދަ 16 ގެ ބުރުން ސްވިޒަލޭންޑް ވަނީ ކޮލަމްބިއާ ބަލިކޮށްފައެވެ.

މުބާރާތުގެ ކުރީކޮޅު، ޓޮރޮންޓޯގެ ކައިރި ބާތަކުން މެޗުތަކުގެ އަޑުތައް މަގުމައްޗަށް އިވެމުންދިޔައިރު، ސަޕޯޓަރުން ވަނީ އުފާވެރި އަދި ކުލަގަދަ ހިނގާލުންތަކެއްގައި ސިޓީގެ މެދުތެރެއިން ޓޮރޮންޓޯ ސްޓޭޑިއަމްއަށް ގޮސްފަ އެވެ.

ހުޅަނގު އައްސޭރީގެ ވެންކޫވާގައި ކުޅުނު މެޗެއްގައި ކެނެޑާއިން ވަނީ ގަތަރުގެ މައްޗަށް 6 - 0 ގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މި ކާމިޔާބީގެ އުފާވެރިކަމަށް ހިޔަނި އެޅުނީ، އެ ޓީމުގެ ތަރި މިޑްފީލްޑަރު އިސްމާއީލް ކޯނޭއަށް ކުރި ވަރުގަދަ ޓެކުލަކާ ގުޅިގެން ފައި ބިންދައިގެން ގޮސް، ސްޓްރެޗަރުގައި ދަނޑުން ބާލަން ޖެހުމުންނެވެ.

ގައުމާއި މުޅި ދުނިޔެވެސް ތިބީ ބަލަން

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއަކީ ކުޅިވަރަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭނާގެ އަތުގައި ކޮންމެ މުނާސަބަތަކަށް ޚާއްސަ ޖާޒީއެއް އޮންނަ ކަހަލަ އެވެ. އުތުރު އެމެރިކާގެ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން ސްޓޭޑިއަމަށް ވަޑައިގެން މެޗުތައް ބެއްލެވި ހަމައެކަނި ލީޑަރަކީ މިހާތަނަށް އޭނާއެވެ. އަދި ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބަލާ މި ކުޅިވަރު ހަރަކާތުގައި އޭނާގެ ގައުމު ދައްކާލުމުގެ ފުރުސަތު އޭނާ ވަނީ ފުރިހަމައަށް ހިފާފަ އެވެ.

"ތިޔަ ދެއްކީ ބައެއް މީހުންނަށް މުޅި އުމުރުގައިވެސް ހާސިލުނުކުރެވޭ ފަދަ ހިތްވަރެއް،" ކާނީ ވިދާޅުވިއެވެ. "އަދި ތިޔަ ހިތްވަރު ތިޔަ ދެއްކީ ގައުމުގެ ބޮޑު ބަޔަކާއި މުޅި ދުނިޔެވެސް ބަލަން ތިއްބައެވެ." ގަތަރު އަތުން ލިބުނު މޮޅަށްފަހު، ކާނީ ވަނީ ވެންކޫވާ ސްޓޭޑިއަމްގެ ލޮކަރ ރޫމުގައި ޓީމަށް ހިތްވަރު ދެއްވުމުގެ ވާހަކައެއް ދައްކަވާފަ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އެޑަމް ވެން ކޫވަރޑަން މަޝްހޫރު ނޫސް ބީބީސީއަށް ވިދާޅުވީ، ކެނެޑާއަކީ މެދުފަންތީގެ ބާރެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ގައުމެއް ކަމަށާއި، މި އަހަރުގެ އެންމެ ބޮޑު ހަރަކާތަށް ދުނިޔެއަށް މަރުހަބާ ކިޔުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވި ކަމަށެވެ.

ޔުނައިޓެޑް ބިޑް ކޮމިޓީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި، ޕްލޭފްލައި ސްޕޯޓްސް ކޮންސަލްޓިންގްގެ ސްޕޯޓްސް މާކެޓިންގް އެގްޒެކެޓިވް ޖޯން ކްރިސްޓިކް ވިދާޅުވީ ވޯލްޑް ކަޕް ބޭއްވުމުގެ އަސްލު ބިޑުގެ އަސާސަކީ "އެއް ބައްރު، ތިން ގައުމު" މިއެވެ.

ކްރިސްޓިކް ދެކޭގޮތުގައި މުބާރާތް މިހާތަނަށް ދިޔައީ ރަނގަޅަށެވެ. ނަމަވެސް، ކަންތައްތައް ކުރިއަށްދިޔަ ގޮތުން ހަގީގީ "ގުޅިފައިވާ ބިޑެއްގެ" އަސަރު ކޮންމެވެސް ވަރަކަށް ގެއްލިގެންދިޔަ އެވެ.

"އަޅުގަނޑު ހީކުރަނީ މުބާރާތް ބާއްވާ ގައުމުތަކުގެ ގޮތުގައި ކެނެޑާއާއި މެކްސިކޯ ފާހަގަކޮށްލެވުން މާ އުނދަގޫވިހެން. އެމެރިކާއިން ވަނީ މީޑިއާގެ ސަމާލުކަން މާ ބޮޑަށް ހޯދާފައި،" ޓްރަމްޕްގެ ސަރުކާރުގެ ސިޔާސީ ކަންކަމާއި މުބާރާތުގެ އެންމެ ބޮޑު ބައި އެމެރިކާގައި ބާއްވާކަމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

އަދި މި ބޮޑު މުބާރާތުގެ ތެރޭގައި ބައެއް ފަހަރު ކެނެޑާގެ ނަން ފަނޑުވެގެންދިޔަ ނަމަވެސް، ކްރިސްޓިކް ވިދާޅުވީ "ކޮންމެ ކެނެޑާ ރައްޔިތަކަށްވެސް އެ ގައުމުން މުބާރާތް ބާއްވާކަން އެނގޭ ކަމަށާއި، މީގެ ސަބަބުން ގައުމީ ފަޚުރުވެރިކަން ވަރަށް ބޮޑަށް އުފެދުނު" ކަމަށެވެ. މުބާރާތުގެ ޖުމްލަ 104 މެޗުގެ ތެރެއިން ޓޮރޮންޓޯ އަދި ވެންކޫވާގައި ބާއްވާފައިވަނީ ޖުމްލަ 13 މެޗެވެ.

އެގައުމަށް ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް މުބާރާތް ބޭއްވުމުން ވިޔަފާރިތަކަށް ކުރިއެރުން ލިބުނު

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުން ބްރިޓިޝް ކޮލަމްބިއާ ރެސްޓޯރެންޓް އެންޑް ފުޑްސަރވިސަސް އެސޯސިއޭޝަންގެ ވެރިޔާ އިއާން ޓޮސްޓެންސަން، މުބާރާތް ބާއްވާ ސިޓީއެއްގައި ހުރުން ސިފަކުރެއްވީ "ވޯލްޑް ކަޕްގެ ބޮޑުމިން" އިހުސާސްކޮށްދިން ކަމެއްގެ ގޮތުގަ އެވެ.

މެޗުތަކުގެ ފޯރިއާއެކު މި ހަރަކާތަށް މީހުން ޝައުގުވެރިވެ، ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް ޓޮސްޓެންސަން ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ރަލުގެ ވިޔަފާރި ގާތްގަނޑަކަށް %5 އިތުރުވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މުޅި ޕްރޮވިންސްގެ ފޯރި ގަދަކޮށްލި ކަމެއް. އަޅުގަނޑު ހީކުރަނީ ވޭތުވެދިޔަ ހަތަރު ހަފްތާގައި އެންމެންގެ ދައްކާލެވުނު ވާހަކައަކީ ފުޓްބޯޅަ ކަމަށް،" އޭނާ ބީބީސީއަށް ބުންޏެވެ.

ކެނެޑާއަށް އިގްތިސާދީ ގޮތުން ބައެއް ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް ޓޮސްޓެންސަން ވިދާޅުވި އެވެ. ނަމަވެސް "މީހުންނަށް ފައިސާ ޚަރަދުކުރާނެ ހަގީގީ ސަބަބަކާއި އޭގެ އަގު ވަޒަންކުރެވޭނެ ކަމެއް ދިނުމުން، އެމީހުން ފައިސާ ޚަރަދުކުރާނެކަން މީގެން އެނގިގެންދިޔަ" ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ގުޅިގެން މުބާރާތް ބޭއްވުމަށް ކެނެޑާއިން ނިންމި ނިންމުމަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ޚާއްސަކޮށް އެކަމަށް ހިނގި ޚަރަދުތަކާ ގުޅިގެންނެވެ. ގައުމު ވޯލްޑް ކަޕަށް ތައްޔާރުކުރުމަށްޓަކައި ޓެކްސް ދައްކާ މީހުންގެ ފައިސާއިން ގާތްގަނޑަކަށް 1.1 ބިލިއަން ކެނެޑާ ޑޮލަރު (774 މިލިއަން އެމެރިކާ ޑޮލަރު) ޚަރަދުވެފައިވާއިރު، ހަމައެކަނި ޓޮރޮންޓޯއިންވެސް ގާތްގަނޑަކަށް 380 މިލިއަން ކެނެޑާ ޑޮލަރު ޚަރަދުކޮށްފައިވެ އެވެ.

ސިޓީ ކައުންސިލަރު ޖޯޝް މެޓްލޯ ދެކޭގޮތުގައި، ސިޓީގެ މާލީ ހާލަތު ދަތިވެފައިވާ ދަނޑިވަޅެއްގައި މިހާ ބޮޑު ޚަރަދެއް ކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

"މި މުބާރާތް ބޭއްވުމުން ސިޓީގެ މާލީ ހާލަތަށް އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުޅިވަރާ ބެހޭ ވަޒީރު ވެން ކޫވަރޑަން ވިދާޅުވީ އެ ޚަރަދަކީ "ބުއްދިވެރި" ޚަރަދެއް ކަމަށާއި، އެ ފައިސާ އަނބުރާ އިގްތިސާދުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

"2026 ވަނަ އަހަރު ސްޓޭޑިއަމްތަކާއި، ޕާކުތަކާއި، ރެސްޓޯރެންޓްތަކާއި ހޮޓާތައް ފުރި ބާރުވުމަކީ ކުރިމަތިވި ވަރަށް ރަނގަޅު ކަމެއް،" އޭނާ ވިދާޅުވިއެވެ. މުބާރާތް ބަލަން އައި ޒިޔާރަތްތެރިން ވަނީ "ހަނދާން ނެތިފައިވާ" ގައުމުގެ ސިޓީތަކުގައި ހޭދަކުރި ވަގުތުތަކާ މެދު ވަރަށް އުފާވެރި ޝުއޫރުތަކެއް ފާޅުކޮށްފަ އެވެ.

ޕޯޗުގަލްގެ މެނޭޖަރު ރޮބާޓޯ މާޓިނޭޒް ބުނީ، ކަނޑައެޅިފައިވާ ސަޕޯޓަރުންނަށް ޖާގަ ހެދުމަށްޓަކައި ވަގުތީ ގޮނޑިތަކެއް ޖަހާފައިވާ، ވޯލްޑް ކަޕްގެ އެންމެ ކުޑަ ސްޓޭޑިއަމް ކަމަށްވާ ޓޮރޮންޓޯގެ ސްޓޭޑިއަމްއިން އޭނާއަށް ހަނދާންކޮށްދެނީ "ކުރީގެ ޕްރިމިއަރ ލީގު ދަނޑުތައް" ކަމަށެވެ.

ކްރޮއޭޝިއާ އަތުން ޕޯޗުގަލް މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން މާޓިނޭޒް ވަނީ އެތަނުގެ މާހައުލަކީ "ފުޓްބޯޅައަށް ލިބުނު ވަރަށް ފުރިހަމަ މަންޒަރެއް" ކަމަށް ސިފަކޮށްފަ އެވެ. ޓޮރޮންޓޯގައި މެޗުތައް ކުރިއަށްދިޔަ ވަގުތު ނޯވޭގެ ގުޑްމަންޑް އަގޮޓްނެސް ބުނީ، އޭނާ އެ ސިޓީގައި ތިން މެޗެއް ބަލާނެ ކަމަށާއި "ގުރުއަތުން އެމީހުންނަށް ވަރަށް ނަސީބު ރަނގަޅުވި" ކަމަށެވެ.

ދަނޑުގެ ކުޅުމާއި ސިޓީގެ ރީތި މަންޒަރުތައް މަތިން ރީތިކޮށް ފެންނަން ހުރުމުގެ ސަބަބުން، ސްޓޭޑިއަމްގެ ތަޖުރިބާއަކީ "ވަރަށް ސަޅި" ކަމެއްގެ ގޮތުގައި އަގޮޓްނެސް ސިފަކުރި އެވެ.

ކެނެޑާގެ ތާރީޚީ މެޗު ބެލުމަށް މިލިއަނުން މީހުން ޓީވީ ދޮށަށް ޖަމާވި

މުބާރާތް ބާއްވާ ތިން ގައުމުގައި ކުޅުނު ފުރަތަމަ 16 މެޗަށް އެއް މިލިއަނަށްވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަން ކަމަށް ފީފާއިން ވޭތުވެދިޔަ މަހު ބުނެފައިވެއެވެ. އެ ވަގުތު ފީފާއިން އިތުރަށް ބުނީ، ގްރޫޕް ސްޓޭޖް ނިމޭއިރު 1994 ވަނަ އަހަރު ގާއިމުކުރި 3.5 މިލިއަން ސަޕޯޓަރުންގެ ރެކޯޑް މުބާރާތުން މުގުރާލާނެ ކަމަށެވެ. ނަމަވެސް މި އަހަރުގެ މުބާރާތް ބޮޑުކޮށްފައިވުމުން، މިފަދަ އަދަދުތަކެއް ފެނުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ޖުލައި 4 ވަނަ ދުވަހު މޮރޮކޯ އާ ދެކޮޅަށް ކެނެޑާ ކުޅުނު މެޗު ބެލި ކެނެޑާގެ ބެލުންތެރިންގެ އަދަދު 11.7 މިލިއަނަށް އެރި ކަމަށާއި، މިއީ ފައިނަލް މެޗެއް ނޫން މެޗަކަށް ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު ބެލި ރެކޯޑް ކަމަށް މުބާރާތް ދައްކާ ބްރޮޑްކާސްޓަރު ބެލް މީޑިއާއިން ބުންޏެވެ.

މީގެ ބަދަލުގައި، ވޭތުވެދިޔަ އޮކްޓޫބަރު މަހު ބޭއްވި ނޭޝަނަލް ހޮކީ ލީގު (NHL) ސީޒަން ހުޅުވުމުގެ މެޗު ބަލާފައިވަނީ ޖުމްލަ 9.8 މިލިއަން ކެނެޑާ ރައްޔިތުންނެވެ.

ބެލް މީޑިއާއިން ބުނި ގޮތުގައި ގަދަ 32 ގެ މެޗުތައް ކެނެޑާގެ އެވްރެޖްކޮށް 1.9 މިލިއަން މީހުން ބެލި އެވެ. މިއާ ޚިލާފަށް، NHL މެޗުތައް ދައްކާ މަގުބޫލު ޝޯ "ހޮކީ ނައިޓް އިން ކެނެޑާ" އެވްރެޖްކޮށް ކޮންމެ ބްރޮޑްކާސްޓެއްގައި ބަލަނީ ގާތްގަނޑަކަށް 1.2 މިލިއަން މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355