twitterviber whatsapp telegramfacebookyoutube instagram
16th July 2026

ޕްލާސްޓިކް ޓަބުން ވޯލްޑް ކަޕް ފައިނަލަށް: މެސީ އާއި ޔަމާލްގެ އަޖައިބުކުރުވަނިވި ވާހަކަ!

މުޙައްމަދު އަހުމަދު
Jul 16, 2026

ޕްލާސްޓިކް ޓަބުން ވޯލްޑް ކަޕް ފައިނަލަށް: މެސީ އާއި ޔަމާލްގެ އަޖައިބެއް ފަދަ ވާހަކަ

ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި އެތައް އަސަރުގަދަ ވާހަކަތަކެއް ލިޔެވިފައިވެ އެވެ. ނަމަވެސް، މި ޖުލައި މަހުގެ 19 ވާ އާދިއްތަ ދުވަހު ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަކީ އާދައިގެ ކުޅިވަރު ވާހަކައަކަށްވުރެ މާ ފުން، އަދި ގަބޫލުކުރަންވެސް ދަތި އަޖައިބެއް ކަހަލަ ހާދިސާއެކެވެ.

އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރަޕްގެ ގަދަބާރު ސްޕެއިން ބައްދަލުކުރާ މި މެޗަކީ ހަމައެކަނި ދުނިޔޭގެ ރަންތާޖު ހޯދުމުގެ ހަނގުރާމައެއް ނޫނެވެ. މިއީ ދެ ޖީލެއްގެ އެންމެ ބޮޑު ދެ ޖަވާހިރުންގެ ބައްދަލުވުމެވެ.

އުމުރުން 39 އަހަރުގެ ލިއޮނަލް މެސީ އާއި 19 އަހަރުގެ ލަމީން ޔަމާލް ފުޓްބޯޅަ ދަނޑެއްގެ މަތީގައި ފުރަތަމަ ފަހަރަށް ކުރިމަތިލާއިރު، މި ދެ ކުޅުންތެރިންގެ މާޒީ ވަނީ މީގެ 19 އަހަރު ކުރިން، ބާސެލޯނާގެ ކޭމްޕް ނޯގެ ޑްރެސިންގ ރޫމެއްގެ ތެރޭގައި ހުރި ކުޑަކުޑަ ޕްލާސްޓިކް ޓަބަކާ ގުޅިފަ އެވެ.

2007 ގެ އެ ހަނދާންތައް: ތަގުދީރުގެ ހާއްސަ ނިންމެވުން

މި އާދަޔާޚިލާފު ވާހަކަ ފެށެނީ 2007 ވަނ އަހަރުގެ ފަހުކޮޅުގަ އެވެ. އޭރު އުމުރުން އެންމެ 20 އަހަރުގެ ޒުވާން ލިއޮނަލް މެސީ އަކީ ބާސެލޯނާގައި ވިދަމުން އައި، ނަމަވެސް އާދަޔާޚިލާފަށް ލަދުގަންނަ، މަޑުމައިތިރި ކުޅުންތެރިއެކެވެ.

ކެޓަލޯނިއާގެ ނޫހެއް ކަމަށްވާ 'ޑިއާރިއޯ ސްޕޯޓް' އާއި ޔުނިސެފް (UNICEF) ގުޅިގެން ހިންގި ހައިރާތު ފަންޑަކަށް ފައިސާ ހޯދުމަށް ކަލަންޑަރަކަށް ފޮޓޯ ނެގުމުގެ ހާއްސަ ގުރުއަތެއްލެވުނެވެ. މި ގުރުއަތުން ހޮވުނީ ބާސެލޯނާގެ މަޓާރޯގެ ރޮކަފޮންޑާ އަށް ނިސްބަތްވާ އާއިލާއެކެވެ. އެ އާއިލާއިން ފޮޓޯ ނަގަން ގެނައީ އެންމެ 5 މަހުގެ ތުއްތު ކުއްޖެކެވެ. އެއީ ލަމީން ޔަމާލް އެވެ.

ބީބީސީން ރިޕޯޓްކުރި ގޮތުގައި އެ ދުވަހު ފޮޓޯ ނެގި ފޮޓޯގްރާފަރު ޖޯން މޮންފޯޓް ބީބީސީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މެސީ ޑްރެސިންގ ރޫމަށް ވަތްއިރު އެތާ ހުރީ ފެން އަޅާފައި ހުރި ޕްލާސްޓިކް ނޫކުލައިގެ ޓަބެކެވެ. އޭރު އަމިއްލަ ދަރިއަކުވެސް ނެތް ޒުވާން މެސީ ހުރީ ކުއްޖާ އުރާލާނެ ގޮތެއްވެސް ނޭނގި، ވަރަށް ލަދުންނެވެ. ނަމަވެސް، މަޑުމަޑުން މެސީ އެ ކުއްޖާ ފެންވަރުވައިދީ، ހީލައި، ފޮޓޯއަށް ހުއްޓުނެވެ.

އެ ދުވަހު ނެގި ފޮޓޯތައް 2008 ގެ ކަލަންޑަރުގައި ޖެހުމަށްފަހު އެންމެންވެސް އެ ވާހަކަ ހަނދާން ނެތުނެވެ. މި ފޮޓޯ ދުނިޔޭގެ ސަމާލުކަމަށް އައީ 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ތެރޭގައި ޔަމާލްގެ ބައްޕަ އިންސްޓަގްރާމްގައި "ދެ ލެޖެންޑުންގެ ފެށުން" ޖެހުމަށްފަހު އެ ފޮޓޯ ހިއްސާކުރުމުންނެވެ. މިއީ ހަމަ ހަގީގަތުގައިވެސް ފުޓްބޯޅައިގެ ރަސްގެފާނުގެ އަތްމަތިން ބޮޑުވި ކުއްޖެއްކަން އެނގުމުން މުޅި ދުނިޔެ ސިހުނެވެ.

ވޯލްޑް ކަޕް 2026: ތަފާސްހިސާބުގެ ހަނގުރާމަ

މިފަހަރުގެ ވޯލްޑް ކަޕްގައި ދެ ކުޅުންތެރިންވެސް ދައްކަމުންދަނީ ހައިރާންކުރުވަނިވި ކުޅުމެކެވެ. ސެމީ ފައިނަލް މެޗުތަކަށްފަހު ދެކުޅުންތެރިންގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ސެމީ ފައިނަލް މެޗަށްފަހު ލިއޮނަލް މެސީ ވަނީ ޔަމާލް ފަހަތަށް ޖައްސާލުމަށްފަހު މުޅި މުބާރާތުގައި އެންމެ ގިނަ ޑްރިބްލް ކުރި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އިންގްލެންޑް އަތުން 2-1 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ވަނީ 9 ޑްރިބްލް ކާމިޔާބުކޮށް، އެންޒޯ ފެނާންޑޭޒް އަދި ލައުޓާރޯ މާޓިނޭޒް ޖެހި ގޯލްތަކަށް އެސިސްޓް ކޮށްދީފަ އެވެ.

މިއާއެކު މެސީގެ ޖުމްލަ ޑްރިބްލްސްގެ އަދަދު ވަނީ 24 އަށް އަރާފަ އެވެ. ސްޕެއިން އިން ފްރާންސް 2-0 އިން ބަލިކުރި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ޔަމާލް އޮތީ 22 ޑްރިބްލްއާއެކު ދެވަނައިގަ އެވެ.

އުމުރުން 39 އަހަރުގައިވެސް މެސީ ވަނީ މި މުބާރާތުގައި 8 ގޯލް އަދި 2 އެސިސްޓް ހަދައި، އޭނާގެ ރަން ޒަމާން އަދި ނުނިމޭކަން ސާބިތުކޮށްދީފަ އެވެ. އަނެއްކޮޅުން، ޔަމާލް އަކީ މިއަދު މުޅި ޔޫރަޕް ޖެހިލުންވާ ފަދަ އާދަޔާހިލާފު ހުނަރުވެރި، ސްޕެއިންގެ އެޓޭކް ކުރިއަށްދާ މައި އިންޖީނެވެ.

ފުޓްބޯޅަ ތާރީހުގެ އެންމެ ފުރިހަމަ ސްކްރިޕްޓް

މި މެޗުން އާޖެންޓީނާ މޮޅުވެއްޖެނަމަ، އެގައުމުން ޖެހިޖެހިގެން 4 ބޮޑު ބައިނަލްއަގުވާމީ މުބާރާތް (ކޮޕާ އެމެރިކާ 2021، ވޯލްޑް ކަޕް 2022، ކޮޕާ އެމެރިކާ 2024، އަދި ވޯލްޑް ކަޕް 2026) ކާމިޔާބުކޮށް، ފުޓްބޯޅައިގެ އާ ރެކޯޑެއް ގާއިމްކުރާނެ އެވެ. އަދި މިއީ މެސީގެ ބައިނަލްއަގުވާމީ ފަހު މެޗަށް ވުން ވަރަށް ގާތެވެ.

އަނެއްކޮޅުން، 19 އަހަރު ކުރިން ބާސެލޯނާގެ ލޮކަރޫމްގައި ކުޑަކުޑަ ޕްލާސްޓިކް ޓަބެއްގެ ތެރޭގައި އެއްވެސް ވިސްނުމެއްނެތް ތުއްތު ކުއްޖާ، މިއަދު ހުރީ އޭނާ ފެންވަރުވައިދީ "ބަރަކާތް" ލެއްވި ފުޓްބޯޅައިގެ ރަސްގެފާނުގެ އަތުން ދުނިޔޭގެ އެންމެ ބޮޑު ތަށި އަތުލުމަށް ސާބިތުކަމާއެކު ތައްޔާރަށެވެ.

މިއީ ހަމަޔަގީނުންވެސް ފުޓްބޯޅައިގެ ތާރީހުގައި ލިޔެވޭނެ އެންމެ ފުރިހަމަ، އެންމެ އަސަރުގަދަ ވާހަކަ އެވެ. އާދިއްތަ ދުވަހުގެ ފައިނަލް މެޗަކީ ދިވެހި އެންމެހާ ފުޓްބޯޅަ ލޯބިވެރިންވެސް ލޮލުން ކަރުނަ ހިލުވާލާނެ ފަދަ، ތާރީހީ ކުޅިވަރުގެ އީދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355