އެމްޑީޕީގެ ނައިބް ރައީސް ހިސާން ހުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ހިސާން ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި އެމްޑީޕީގެ ނައިބް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ އޭނާ އެ މަގާމަށް އައްޔަންކުރެއްވި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ.
"ޕާޓީގެ ރަސްމީ މަގާމެއްގައި އަޅުގަނޑު ނެތް ކަމުގައިވީ ނަމަވެސް ޕާޓީގެ އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ޕާޓީގެ ކުރިއެރުމަށާއި މި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން ޕާޓީގެ ލީޑަޝިޕަށާއި އެންމެހާ މެމްބަރުންނަށް އަރުވަމެވެ،" ސިޓީގައިވެ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ނައިބް ރައީސް އައްޔަންކުރަނީ ޕާޓީގެ ރައީސްގެ ހުށަހެޅުމަކަށް ގައުމީ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުން މިމަހުގެ 14 ވަނަ ދުވަހު ޝާހިދު އިސްތިއުފާ ދެއްވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ދުވަހު އިއުލާންކުރެއްވުމަށްފަހު އެވެ.




