twitterviber whatsapp telegramfacebookyoutube instagram
5th September 2026

ބޮޑުމުހައްމަދު ކަލޭފާނު ބަނދަރުގައި ތަރައްގީ ކުރި އޮފީހާއި ގްރީންޒޯން ހުޅުވައިފި

ނަބީލާ އިސްމާޢީލް
Sep 4, 2026
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީ ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުގައި ތަރައްގީ ކުރި ބަނދަރު އޮފީހާއި އެ ސަރަހައްދުގެ ލޭންޑްސްކޭޕް ކުރެވުނު ގްރީންޒޯން ހުޅުވައިފި އެވެ.

ސިޓީ ކައުންސިލުން ތަރައްގީކުރި މިތަން ހުޅުވައިދެއްވީ ރޭ އެކަމަށްޓަކާ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލަރުންނެވެ. މިރަސްމިއްޔާތުގައި މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުން ބައިވެރިވެލެއްވި އެވެ.

މިއީ ކުޅުދުއްފުއްޓަކީ ހިތްފަސޭހަ އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މަޝްރޫއު އެކެވެ. ގްރީން ޒޯންގައި އިށީދެލެވޭ ގޮތަށް ތަފާތު ޑިޒައިނަކަށް ބެންޗް ގާއިމްކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ދަތުރުވެރިންނަށްވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުގެ ލޭންޑްސްކޭޕް ކުރެވުނު ގްރީންޒޯން އާއި ފޯރުކޮށްދިނުމަށް ތަރައްގީ ކުރެވުނު ބަނދަރު އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ 4 ވަނަ ދައުރުގެ ކައުންސިލުން ފަށައި، ސިޓީ ކައުންސިލުގެ ތަރައްޤީގެ ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދިޔަ މުހިންމު ޕްރޮޖެކްޓެކެވެ.

ކުރިން އުތުރު ބަނދަރު ސަރަހައްދުގައި ކޮންޓެއިނަރެއްގައި ހިންގަމުންދިޔަ ބަނދަރު އޮފީހުގެ މަސައްކަތްތައް މިހާރު މިވަނީ ޒަމާނީ ފެންވަރުގެ އާ އިމާރާތަކަށް ބަދަލުކޮށްފައެވެ. އޭގެ ސަބަބުން ބަނދަރުގެ އޮޕަރޭޝަންސް ހަރުދަނާކުރެވި ބަނދަރުގެ ހަރަކާތްތައް ތަރުތީބުކުރެވި އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތްތަކެއް ދެވިގެންދާނެކަމަށް ކައުންސިލުން ދެކެ އެވެ.

މި އާ އޮފީހުގައި ހިދުމަތް ދިނުމަށް ހާއްސަ ކައުންޓަރަކާއި، އޮފީސް ބަޔަކާއި، ގުދަނެއްގެ އިތުރުން، ބަނދަރު މޮނީޓަރކޮށް ބެލެހެއްޓުމަށް ހާއްސަ ޓެރެސްއަކާއި އާންމު ފާހާނާއެއް ހިމެނެއެވެ. މިއީ ބަނދަރުން ފޯރުކޮށްދޭ ހިދުމަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ނިމިދިޔަ ސަރުކާރުން އާރްޓީއެލް މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމާ އެކު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 މީހުން ކުޅުދުއްފުއްޓަށް އަރާފައިބާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އެހެންކަމުން، ބަނދަރު ސަރަހައްދު ތަރުތީބުކޮށް ފެހިކުރުމަށް ސިޓީ ކައުންސިލުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މި މަސައްކަތުގެ ސަބަބުން ރަށުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ލިބި، ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބަނދަރު އޮފީހުގެ މަސައްކަތަށް ސިޓީ ކައުންސިލްގެ ބަޖެޓުން 3.34 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ ކެނަލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި ބަނދަރު އޮފީހުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެއެވެ. ބަނދަރު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތަށް ކައުންސިލްގެ ބަޖެޓުން 1،060،160 ހަރަދު ކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ސިޓީ ކައުންސިލުން ބުނީ، އެ ފަރާތުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފަސޭހަކޮށްދިނުމެވެ. އަލަށް ހުޅުވުނު މި ބަނދަރު އޮފީހާއި ގްރީންޒޯނާއެކު މުޅި ސަރަހައްދަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355