މިފްކޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އެގްރޯނެޓް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޓަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. މިފްކޯ އާއި އެގްރޯނެޓް ސަބްސިޓަރީއެއްގެ ގޮތުގައި ގުޅިގެން ދިއުމުން ހާސިލްވެގެންދާނެ ވަރަށް ގިނަ އިކޮނޮމިކް ސްކޭލް އެބަހުރި ކަމަށާއި އެއްކުންފުންނާއި އަނެއްކުންފުންނާއެކު ކުރެވިގެންދާނެ ކިތަންމެ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"މި މަސައްކަތް ކުރުމަށް، ރާއްޖޭގައި އެގްރޯނެޓްގެ ވިޔަފާރިފުޅާކުރުމަށް ސަރުކާރުގެ ފުޑް ސެކިއުރިޓީ ޓާގެޓް ހާސިލްކުރުމަށް ކުރަން ހުރި ކަންކަން ވެސް. ދަނޑުވެރިކަމުގެ ސިނާއަތްފުޅާކުރުމަށް ހުރި ކަންކަމުގައި ވެސް. މަސްވެރިކަމާއި ދަނޑުވެރިކަމާއިއެކުގައި އެކުގައި ކުރެވޭނެ ކަންކަން ރޭވިގެން ދިއުމުން ވަރަށް ގިނަ ފައިދާތައްވާނެ. އެހެންވީމަ މިފްކޯގެ ސަބްސިޓަރީއެއްގެ ގޮތުގައި އެގްރޯނެޓް ބަދަލުކުރުމަށް ވަނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.
ރަައީސް ވިދާޅުވީ މިފްކޯގެ ދަށަށް އެގްރޯނެޓް ގެނެވި އެގޮތަށް ބަދަލުވެގެން ދިއުމަށްފަހު މާލޭގައި މިހާރު ސަރުކާރުން އަޅަން ނިންމައި އެޅުމުގެ ތައްޔާރީތައް ފަށަން ނިންމާފައިވާ މަސްވެރިންނާއި ދަނޑުވެރިންނާއި އެކި ފަރާތްތަކުގެ ތަކެތި ވިއްކުމަށް ގާއިމްކުރާ ޒަމާނީ މާރުކެޓް ހަދާ ނިންމާއި އެތަން ހިންގައި އޮޕަރޭޓްކުރަން ހަވާކުރާނީ މިފްކޯއަށް ކަމަށެވެ.
އެގޮތަށް ނިންމީ ދެމެހެއްޓެނެވި ގޮތެއްގައި އެތަން ހިންގައި އާންމު ވިޔަފާރިތަކަށް، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް، ސަރުކާރުން ހަރަދުކުރަން ނުޖެހޭގޮތަށް، ރަނގަޅަށް ބެލެހެއްޓޭނެ ގޮތަށް ހިންގުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.




