ރާއްޖޭގައި ފަހަކަށް އައިސް ފެތުރެމުންދިޔަ ހިމަބިހީގެ ކޭސްތައް ކާމިޔާބުކަމާ އެކު ކޮންޓްރޯލްކުރެވި، މި ވަގުތު ބަލީގެ އެއްވެސް އެކްޓިވް ކޭހެއް ނެތްކަން، ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއިން އަލުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާއިރު، މިހާތަނަށް ޖުމްލަ 282 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، މިފަހަރުގެ ކޭސްތައް ފެތުރެން މެދުވެރިވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި އެތެރެވާ މީހުންގެ ފަރާތުން ކަމަށް ބެލެވެއެވެ. އަދި ބޭރުން އަންނަ ފަރާތްތަކުގެ ކިބައިން ބަލި ފެންނަ ހާލަތްތަކުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަބަދުވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށް ގީލާ ވިދާޅުވިއެވެ.
މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވެކްސިންކަން ފާހަގަކުރައްވައި، ފަހުގެ ކެމްޕޭނުގެ ދަށުން ސޯޅަ ހާހަށްވުރެ ގިނަ ފަރާތްތަކަށް ހިމަބިހިން ރައްކާތެރިވުމަށްދޭ ވެކްސިން ދީފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.




